ޚަބަރު / ވެންޓިލޭޓަރުތައް ގެނައުމުގެ މައްސަލަގަނޑު

ވެންޓިލޭޓަރު ހޯދަން 34 މިލިއަން ދީގެން އަޅައިވެސް ނުލައި، އެގްޒެކިއުޓާސް ވިޔަފާރި ފުޅާކުރަނީ!

ކުރިން އަޑު ނީވޭ ވިޔަފާރިތަކެއް އެގްޒެކިއުޓާސް އިން ހިންގާ ކަމަށް ވެބްސައިޓުގައި ލިއެފައިވޭ. ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ ކަމުގެ ރެކޯޑެއް ނެތް. އޮތީ ކޮވިޑް ޓެސްޓް ކިޓުތަކާއި މާސްކް ލިބޭ ކަމަށް.

ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރި އެގްޒެކިއުޓާސްގެ ވެބްސައިޓުގައި ހުރި ފޮޓޯތަކެއް.

ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް 34 މިލިއަން ރުފިޔާ, މާލިއްޔަތު ގަވާއިދާ ހިލާފަށް ދޫކުރިތާ ދެ އަހަރުވީ އެވެ. ވެންޓިލޭޓަރުތަކެއް ނުލިބުނެވެ. ޑަބްލިއުއެޗްއޯގެ ރެކޮމެންޑެޑް ސަޕްލަޔަރުންގެ ލިސްޓުގައި ނެތް އެ ކުންފުންޏަށް ދިން ފައިސާ ވެސް މިހާތަނަކަށް ނުހޯދެ އެވެ.

ކޮވިޑުގެ ފަރުވާއަށް 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ކުންފުންޏާ ބެހޭ ތަފްސީލެއް ނުހޯދަ އެވެ. އެކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ.

ދައުލަތުން މިހާ ބޮޑު އަދަދެއް ދޫކުރީ ގޯސްކޮށްކަމާއި ވެންޓިލޭޓަރުތައް ނުލިބޭނެ ކަން ޔަގީންވެފައިވާ އިރު ވެސް ކަމާބެހޭ އިދާރާތަކުން އަދިވެސް ފެންނަނީ "ހަމަޖެހިލައިގެން" ތިބި ތަނެވެ. ގެއްލުންވި ފައިސާ އަވަހަށް ހޯދަން ކުރި މަސައްކަތެއް މިހާތަނަށް ފެންނާކަށް ނެތެވެ. އެއްބަސްވުން އުވާލުމުގެ ނޯޓިސް ފޮނުވި ފަހުން ވެސް އަށް މަސް ވެފައިވާ އިރު، އާބިޓްރޭޝަނަށް އަދިވެސް މައްސަލަ ހުށައެއް ނޭޅެ އެވެ.

އެގްޒެކިއުޓާސް އިން ވިއްކާ ކަމަށް ބުނެފައިވާ ސްކިން ޕްރޮޑަކްޓްސް

ހެލްތު މިނިސްޓްރީން އެންމެ ފަހުން ވެސް ބުނެފައި ވަނީ އާބިޓްރޭޝަނަށް ހުށަހަޅަން، އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަން ލަސްވާ މައްސަލައިގައި ތަކުރާރުކޮށް ދެ މުއައްސަސާއާ ސުވާލު ވެސް ކުރެވިއްޖެ އެވެ.

އޭޖީ އޮފީހުން ބުނީ ހެލްތުން މިދިޔަ ބުރާސްފަތިދުވަހާ ހަމައަށް އެ މައްސަލަ ނުފޮނުވާ ކަމަށެވެ.

ދައުލަތުން ގެއްލުނު އަނބުރާ ފައިސާ ހޯދުން ލަސްވެފައިވާ އިރު، އެކަމަކު ކުންފުނީގެ ވެބްސައިޓުން މިހާރު އެނގޭ ގޮތުގައި ވިޔަފާރި "ފުޅާވެއްޖެ" އެވެ!

އެގްޒެކިއުޓާސް ކުންފުނީގެ މައުލޫމާތާ އެކު 2020 ގައި ބޭނުންކޮށްފައިވާ އެ ކުންފުނީގެ އޮފީހެއް ކަމަށް ބެލެވޭ ފޮޓޯއެއް: ވެންޓިލޭޓަރު އެއްބަސްވުމާ ގުޅޭ ގޮތުން އޭރު ވެސް އެ ކުންފުނިން ވާހަކައެއް ނުދެއްކި.

އެގްޒެކިއުޓާސްގެ ވިޔަފާރީގެ ތަފްސީލްތައް ވެބްސައިޓުގައި!

ވެންޓިލޭޓަރުތައް ހޯދަން 34 މިލިއަން ރުފިޔާ ދައުލަތުން ދޫކޮށްގެން މައްސަލަ ބޮޑުވެ ބެލިއިރު އެއީ، ހަމުގެ ފަރުވާއާ ގުޅޭ ކްލިނިކެކެވެ. ދުބާއީގެ އެގްޒެކިއުޓާސް އިން ކްލިނިކެއް ހިންގުން ފިޔަވައި އިތުރު ވިޔަފާރިތަކެއް ފުޅާދާއިރާއެއްގައި ހިންގާ ކަމުގެ އެއްވެސް މައުލޫމާތެއް އޭރު އާއްމުކޮށްފައެއް ނުވެ އެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ވެބްސައިޓު އޭރު ވަނީ، ޑައުންކޮށްލައިފަ އެވެ.

ވެންޓިލޭޓަރު ނުލިބި މައްސަލަ ބޮޑުވެގެން ބެލިއިރު، އެގްޒެކިއުޓާސްގެ ވެބްސައިޓު "އަންޑަ ކޮންސްޓްރަކްޝަންގައި".

އެކަމަކު އެ ވެބްސައިޓު އަފްގްރޭޑްކޮށް އާ ލޯގޯއާ އެކު ކުންފުންޏާ ބެހޭ ތަފްސީލް މައުލޫމާތު މިހާރު ވަނީ އާއްމުކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ ސިއްހީ ދާއިރާގެ އިތުރުން، އެ ކުންފުނިން ކާބޯތަކެއްޗާއި ރަނާއި އެކި ބާވަތްތަކުގެ މައުދަނާއި ދަގަނޑުގެ ވިޔަފާރީގައި ވެސް ފުޅާކޮށް އުޅޭ ކަމަށެވެ. އެ ވިޔަފާރިތަކުގައި، 1997 ވަނަ އަހަރު އުފެއްދި އެ ކުންފުންޏަކީ ތަޖުރިބާ ހުރި އަދި އިތުބާރު ލިބިފައިވާ ކުންފުންޏެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ވެންޓިލޭޓަރުތައް ނުލިބި މައްސަލަ ބޮޑުވުމުން، ތަހުގީގަށް އޮޑިޓް އޮފީހާއި އޭސީސީން އޭރު ހޯދި މައުލޫމާތުން ވެސް ކަށަވަރުވީ ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ވިއްކުމުގެ ގާބިލް ކަމެއް އެ ކުންފުނީގައި ނެތެވެ.

އެ ކުންފުނިން ވިއްކާ ކަމަށް ވެބްސައިޓުގަިއ ހުރި ބައެއް ބާވަތްތައް.

އޭރު ތިލަވި މައުލޫމާތުގައި އެއީ ޑރ. އަލީ ތަހުމަތީގެ ކްލިނިކެކެވެ. އޭރު އޭނާއަށް "މިހާރު"ން ގުޅުމުން އެދިވަޑައިގަތީ ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތަކުގެ މައުލޫމާތު ސާފުކުރުމަށެވެ. މިހާތަނަށް ވެސް ވެންޓިލޭޓަރުގެ މައްސަލައާ ގުޅޭ ގޮތުން އެ ކުންފުނިން ވާހަކައެއް ނުދައްކަ އެވެ.

އެގްޒެކިއުޓާސްގެ ވެރިޔާ ޑރ. އަލީ ތަޚުމަތީ

އޭރު ވެބްސައިޓެއް ނެތް، އަދި ކުންފުންޏާ ބެހޭ ގޮތުން މާ ބޮޑު މައުލޫމާތުތަކެއް އާއްމުކޮށްފައި ނުވިޔަސް މިހާރު ވަނީ ވެބްސައިޓުގައި ކުންފުނީގެ ވިޔަފާރި ތަފްސީލްކޮށްދީފަ އެވެ. ވެންޓިލޭޓަރު މައްސަލަ ދިމާވިއިރު، އާއްމު ނުވާ ނުވަތަ އަޑު އިވިފައި ނުވާ ވިޔަފާރިތަކެއްގެ ތެރެއަށް އެ ކުންފުނިން ވަނީ ވަދެފަ އެވެ.

އެކަމަކު އަދިވެސް ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ފުޅާކޮށް ފޯރުކޮށްދޭ ކަމަކަށް ނެތެވެ. ސިއްހީ ސާމާނުގެ ގޮތުގައި ކުންފުނިން ވިއްކާ ޕްރޮޑަކްޓްސްގެ ތެރޭގައި ހިމެނެނީ ކޮވިޑް ޓެސްޓް ކިޓުތަކާއި މާސްކް އެކަންޏެވެ.

އެގްޒެކިއުޓާސް އިން ފޯރުކޮށްދޭ ސިއްހީ ބައެއް ސާމާނު: ވެންޓިލޭޓަރު ފޯރުކޮށްދޭ ކަމުގެ އެއްވެސް މައުލޫމާތެއް ފަހުން އެ ކުންފުނިން އާއްމުކުރި މައުލޫމާތުތަކުގައި ވެސް ނެތް.

ކުންފުނީގެ ޓުވިޓާ އެކައުންޓުގެ ގޮތުގައި ދީފައިވާ ލިންކަކީ އިންސްޓަގްރާމް އެކައުންޓެކެވެ. ކުންފުންޏަކަށް ވުރެން ބޮޑަށް ބެލެވޭ ގޮތުގައި އެއީ މީހެއްގެ އަމިއްލަ އެކައުންޓެކެވެ.

އެ އެކައުންޓުގައި ހުރި ބައެއް ތާރީހްތަކުން އެނގޭ ގޮތުގައި، އޯގަނިކް ބައެއް ބާވަތްތަކުގެ ތެރެއަށް ވަނީ ޖެނުއަރީ 2021 ގަ އެވެ. މި މުއްދަތުގައި ފުޅާކޮށްފައި ވަނީި ފިލިޕީންސްގެ ކާއްޓާ ސްޕެއިނުގެ ޓޮމާޓޯއިން ތައްޔާރުކުރާ ހަމުގެ އެކިއެކި ބޭނުމަށް އުފައްދާފައި ހުންނަ އޯގަނިކް ބާވަތްތަކެވެ.

ކާބޯތަކެތީގެ ގޮތުގައި ވެސް ވިއްކަނީ އޯގަނިކް އުފެއްދުންތައް ކަމަށް ވެބްސައިޓުގައި ވެ އެވެ.

އެގްޒެކިއުޓާސްއިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން އެފްރިކާ ސަރަހައްދުގައި ރަނާ, އެކި ބާވަތުގެ މައުދަން އަދި ދަގަނޑުގެ ވިޔަފާރިކުރެ އެވެ.

އެގްޒެކިއުޓާސް އަކީ މީގެ އަހަރުތަކެއް ކުރިން ވެސް ފުޅާކޮށް ވިޔަފާރިކުރަމުން އަންނަ ކުންފުންޏެއް ކަމަށް ވެބްސައިޓުގައި މިހާރު ބުނެފައިވާ އިރު، އެ މީހުން ވިޔަފާރި ފުޅާކުރި ގޮތުގެ ތަފްސީލެއް ނޭނގެ އެވެ. އެނގެން އޮތީ ކުންފުނީގެ ވިޔަފާރިތަކާ ގުޅޭ ކަންކަން މިހާ ތަފްސީލުކޮށް އާއްމުކޮށްފައި މިވަނީ ރާއްޖެއަށް ވެންޓިލޭޓަރު ފޮނުވަން ހަވާލުވެ، ބޮޑު މައްސަލަގަނޑެއް ދިމާވި ފަހުން ކަމެވެ.

"ވިޔަފާރި ފުޅާކޮށްފާނެ ކަމުގެ ކަންބޮޑުވުން އޮތް"

ސިއްހީ ސާމާނު ވިއްކާ ކަމުގެ ރެކޯޑެއް އޭރު ވެސް ނެތް ކުންފުންޏަށް ވެންޓިލޭޓަރު ހޯދަން ހަވާލުކޮށް ބޮޑު އަދަދކުން ފައިސާ ދޫކުރީ ގޯސްކޮށް ކަން އެނގި ތިބެ ފައިސާ ހޯދުން ލަސްކުރުމަކީ ގާނޫނީ ބައެއް ވަކީލުން ކުރިން ވެސް ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައި ދެވުމެވެ.

ވިޔަފާރި ކުންފުންޏަކަށް ވުމުން، ވިޔަފާރި ފުޅާކުރުމުގެ މަސްލަހަތުު އެ ކުންފުންޏެއްގައި އޮންނާނެ ކަމަށާއި އެ ވެންޓިލޭޓަރު މައްސަލައިގެ ތެރޭގައި ވެސް އެ ކުންފުންޏަށް އޮތީ ދިވެހި ދައުލަތުގެ ފައިސާއިން އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން މަގުފަހިވެފައި ކަމަށް އޭރު މި މައްސަލައިގައި "މިހާރު"އާ ވާހަކަ ދެއްކެވި ވަކީލުން ވިދާޅުވެފައިވެ އެވެ.

އެއްބަސްވުމުން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ބުނެ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 12 މީހެއްގެ މައްޗަށް އޭސީސީން ދައުވާކުރަން ފޮނުވި އެވެ. އެކަމަކު އެ މައްސަލަތަކުގައި ދައުވާކުރަން އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕްރޮސިކިއުޓަ ޖެނެރަލް ދެ ފަހަރަށް ވެސް އަނބުރާ އޭސީސީއަށް އެ މައްސަލަ ފޮނުވާލީ އެވެ. އަދިވެސް މައްސަލަ އޮތީ އޭސީސީގަ އެވެ.

ޖިނާއީ ތަހުގީގު ކުރަމުން ދިޔައިރު ވެސް، އެއްބަސްވުން ގޯސްކަމަށް އޭސީސީ އާއި އޮޑިޓް އޮފީހުގެ ރިޕޯޓުން ފެންނަން އޮތުމާ އެކު، އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން ފުރުސަތު ދީގެން ތިބުމުގެ ބަދަލުގައި ގެއްލުނު ފައިސާކޮޅު ހޯދަން ޖެހެ އެވެ. ކޮވިޑާ ހެދި ވެންޓިލޭޓަރުގެ އަގު މައްޗަށް ޖެހުނަސް ދުނިޔޭގެ މާކެޓްގައި ވެންޓިލޭޓަރުގެ އަގު ވެއްޓުމުން އެގްޒެކިއުޓާސްއަށް މާލީ ބޮޑު ފައިދާއެއް ވުމުގެ ފުރުސަތު ވެސް އޮތެވެ.

"މިހާރުގެ ހާލަތަށް އަދި އެ ކުންފުނިން އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު ވެންޓިލޭޓަރުތައް އެ މީހުން ފޯރުކޮށްދޭނެ އިރަކަށް ތިބުމެއް ނޫން ހެދެން އޮތް ގޮތަކީ. މުހިއްމީ ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުން،" ނަން ނުޖަހާ ގޮތަށް ވާހަކަ އޭރު ދެއްކެވި ވަކީލު ވިދާޅުވި އެވެ.

ކޮވިޑުގެ ބިރު ރާއްޖެ ވަށާލި ވަގުތު ހޯދަން ޖެހުނު ވެންޓިލޭޓަރުތައް ކޮންމެ ގޮތަކުން ނަމަވެސް އެތެރެކުރަން އަވަސް އަރުވާލައި، އެއްބަސްވުމެއްގައި ހެދޭނެ ހުރިހާ ގޯސްތަކެއް އޮތީ ހަދައިފަ އެވެ. ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތި މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި މާ ފަހުން އެއްބަސްވުމެއްގައި ދެ ފަރާތުން ސޮއިކުރުމާއި ބޭންކް ގެރެންޓީއަކާ ނުލައި އެޑްވާންސް ފައިސާ ދޫކުރުން ހިމެނެ އެވެ.

އަދިވެސް ފެންނަނީ މި ގޯސްތައް ނުވަތަ ރައްޔިތުންގެ މަސްލަހަތާ ގުޅޭ މިހާ ބޮޑު މައްސަލައެއް އިސްލާހުކުރުން މުއައްސަސާތަކާއި އިދާރާތަކަށް މާ ބޮޑު ކަމަކަށް ވެގެން ނޫޅޭ ތަނެވެ. ދައުލަތުގެ ފައިސާ އިން އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން ފުރުސަތު ދީގެން ތިބި ތަނެވެ. މުއައްސަސާތަކަށް ވީ ދުވަހަކުން އާބިޓްރޭޝަނަށް ހުށަހަޅައިގެން ވެސް ކުރިއަށް ގެންދަން އުޅޭ ތަނެވެ.

ގެއްލުންވީ ދިވެހި ރައްޔިތުންނަށެވެ؛ ފައިދާވަމުން އަދިވެސް އެ އަންނަނީ ވެންޓިލޭޓަރުތައް ހޯދައި ދިނުމުގައި މަކަރާއި އޮޅުވާލުމާއި ހީލަތް ހެދި ކުންފުންޏަށެވެ.

46 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 5%
icon angry icon angry 90%
icon wow icon wow 2%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Laamuonline.com

10 June 2022

ދިވެހިރައްޔިތުންގެ ފައިސާ ފޭރިގަނެގެން ބަޔަކު އެފައިސާއިން ވިޔަފާރިކޮށް އިޝްތިހާރުވަމުންދާއިރު އެއްވެސް ފިޔަވަޅެއްނޭޅި އަދި އެފައިސާ އަނބުރާ ނުވެސްހޯދޭތީ ހާމަވަނީ ދިވެހިރައްޔިތުންގެ ކަންކަމާ ހަވާލުވެތިބި ވެރިންގެ ނާގާބިލުކަން، ދުނިޔެއަކީ މިހާރު ކުޑަކުޑަތަނެއް، އެއްގައުމު އަނެއްގައުމުގެ ސަރުކާރުތަކާ މިއޮންނަނީ އަބަދުވެސް ގުޅިފަ ބޭނުންކޮންމެވާހަކައެއް ވަގުތން ދެކެވޭ، ވީމާ ވެންޓިލޭޓަރުތަކުގެ ފައިސާ އަނބުރާހޯދޭނެ، ބައިއަޅާފަވާތީ އަޅާނުލަނީބާ؟

The name is already taken The name is available. Register?

ދަތުރުން

09 June 2022

މިގައުމުގެ އިސް މީހުން އެވަރަށް ދުބާއީއަށް ދަތުރުތައް ކުރަމުންދާއިރު ކުޑަކޮށް ކަންކަން ހާވާލާ ބަލާލާނަމަ ކޮންމެވެސް އެއްޗެއް އެނގިދާނެހެން ހީވަނީ. އެކަމު އެކަން ކުރަން ނުވިސްނާނެ އެކަން ވީ ގޮތް އެނގޭނަމަ ނުވަތަ ހޯދައިގެން އެހެން ބަޔަކަށް އަންގަން ބޭނުންނުވާނަމަ ނޫނީ ތިމަންނާމެންނަށް އެކަމުގައި ފިތިފަ ތިބީތީ ބަސްބުނެވެން ނެތްނަމަ. ގައުމަށް ޚިޔާނާތްތެރިވެގެން ހަނު ތިބޭނީ އަމިއްލަ އެދުމާ ހެދި.

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

09 June 2022

ތިޔަވިޔަފާރީގެ އަޑީގައި ބައިލިބޭ މީހުނަށް މިހާރު ތިބޭނީ ތިޔަ ވެންޓިލޭޓަރ ގަންނަން އުޅުނު ޒިއްމާދާރު މަގާމުގައި ތިބި ވެރިން.. ކޮބާތޯ އެއްކަލަ އެންޓި ކަރަޕްޝަން ؟

The name is already taken The name is available. Register?

ވަގުންގެ ރާއްޖެ!

09 June 2022

މިވާހަކަ މާ ބާރައް ނުދައްކަބަލަ. ތިކުރެވެނީ ވަކި ބަޔަކައް ފުރައްސާރަ!

The name is already taken The name is available. Register?

އަބްޑޫޅް

09 June 2022

މުޅިން ހިޔާނާތް. ތާހިރު އެކަކުވެސް ނެތް. ވެރިކަމާއިގެން ބަގުޑި ބައްދަނީ ހިޔާނާތް ވުމުގެ ނިޔަތުގަ. ޗީ ޗީ.

The name is already taken The name is available. Register?

އަދިވެސް އަދިވެސް

08 June 2022

އަދިވެސް ޔާމީން ދޯ މި ވައްކަން ކުރަނީ. މިސަރުކާރުން ނުކުރާނެ ވައްކަން. ވެރިމީހާއަށ ނުވެސް އިނގޭނެ. ތިކަމުގަ ބައި އެޅުނުބަޔަކު ތިކަން ތިހާދިގުދަންމަނީ.

The name is already taken The name is available. Register?

ކުޗީ

08 June 2022

ދެން މިވަގުތު މިވާހަކަ ނުދައްކަބަލަ ... މިހާރު ދެން ދެވަނަ ދައުރެއްގެ ވާހަކަ ދައްކަބަލަ. ތިލާރު ހޯދުން 2023 ގެ ވައުދެއްގެ ތެރޭގައި ހިމެނޭނެ ކަމުގެ ޔަޤީންކަން ދެން.

The name is already taken The name is available. Register?

ކުޑޭއައްޕަ

08 June 2022

ހެލްތްމިނިސްޓަރު ފަކީރު އަތައްކަނޑާލީ. ހަގީގަތުގަ ލާރިގަނޑު ދަމައިގަތް ބޭފުޅުން އަދިވެސް އެތިބީ!

The name is already taken The name is available. Register?

ބޮޑުމީހާ

08 June 2022

ރަގަޅުތާ މިއަދު އިއުލާން އެކުރީ ދެވަނަ ދައުރަކަށް ކުރިމަތިލާން. ކޮރަޕްޝަންގެ ޒީރޯ ޓޯލަރެންސްގެ ބާނީ. ޕީއެސްއިން 100މިލިއަން، ނޫމަޑި 800 މިލިއަން، ދީބާޖާ 400 މިލިއަން މަންދަން 15 މިލިއަން އިންޑިއާގެ އެތައް ކުންފުންޏަކަށް އެތައް ބިމެއް. މިވަރުވީމަވެސް ރައްޔިތުން މިތިބީ އަތްޖަހާލަ އަތްޖަހާލާ

The name is already taken The name is available. Register?

ފީކުއްލިމަލްދީފި އަލްޖޯބިއްރަތުންހަބީބީ

08 June 2022

މުޅިގަޔަށް ކޯވިޑުލަގެން ތިބިބަޔަކު ހަމަހޭގަނެތި ކުރިވިޔަފާރިއެއް ރަގަޅުތާ ބަޔަކާއި މުއާމަލާތެއް ކުރިކަން އެގުނުކަންވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454