ޗުއަމެނީ ފްރާންސްގެ ގައުމީ ޓީމުގެ ޓްރޭނިންގައި: އޭނާގެ ސޮއި ހޯދުމުގައި ރެއާލުން ވަނީ ކުރި ހޯދައިފަ --- ފޮޓޯ: އޭއެފްޕީ
08 ޖޫން 2022 - 09:33
މޮނާކޯ، (ޖޫން 8) - އޭއެސް މޮނާކޯ އަށް ކުޅެމުންދާ، ފްރާންސްގެ ޒުވާން މިޑްފީލްޑަރު އޮރޭލިއަން ޗުއަމެނީގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލާއި ޕީއެސްޖީ ފަހަތަށް ޖައްސާލުމަށްފަހު ރެއާލްއިން ކުރި ހޯދައިފި އެވެ.
މިވަގުތު ފްރާންސްގެ ގައުމީ ޓީމާއެކު ހުރި ޗުއަމެނީ، ރެއާލަށް ވިއްކާލުމަށް، މޮނާކޯއިން މިހާރު ވނީ އެއްބަސް ވެފަ އެވެ. އޭނާގެ ޓްރާންސްފާގެ އަގަކީ 106 މިލިއަން ޑޮލަރެވެ. ޗުއަމެނީ، 22، އަކީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ރެއާލްއިން ގެންދާނެ ދެވަނަ ކުޅުންތެރިޔާ އެވެ. ޗެލްސީ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ރެއާލް އަށް ބަދަލުވި އެންޓޯނިއޯ ރޫޑިގާ އާއެކު މިދިޔަ ހަފުތާގައި ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ރެއާލުން ސޮއި ކުރި އެވެ.
އުންމީދީ މިޑްފީލްޑަރެއްގެ ގޮތުގައި ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ފާހަގަ ކުރާ، ޗުއަމެނީ ގެންދަން ލިވަޕޫލާއި ޕީއެސްޖީން މަސައްކަތް ކުރި ކަމަށް ފްރާންސްގެ މީޑިއާތަކުން ބުނެ އެވެ. އެކަމަކު އޭނާ ބޭނުންވީ ރެއާލަށް ބަދަލުވާށެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މިދިޔަ ހަތް ވަރަކަށް އަހަރު، މިޑްފީލްޑަރުންގެ ތެރެއިން އެކުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ތިން މިޑްފީލްޑަރުންނަކީ، ރެއާލްގެ ތިން މިޑްފީލްޑަރުން ކަމަށްވާ، ލުކަ މޮޑްރިޗާއި ޓޯނީ ކްރޫޒް އަދި ކާލޯސް ކަސެމީރޯ އެވެ. އެ ތިން މިޑްފީލްޑަރުން އެކުގައި ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރަށް ކާމިޔާބު ކޮށްފަ އެވެ.
ޗުއަމެނީ ގެންދަން ރެއާލް ބޭނުން ވަނީ އަނެއްކާ ވެސް މިޑްފީލްޑަރުންގެ ކޮމްބިނޭޝަނެއް އުފެއްދުމަށެވެ. ރެއާލްގެ ޒުވާން މިޑްފީލްޑަރުން ކަމަށް، ފެޑެރީކޯ ވަލްވާޑޭ އާއި އެޑްއާޑޯ ކަމަވިންގާ އާއެކު ޗުއަމެނީ ކުޅެން ފެށުމުން މޮޑްރިޗް، ކްރޫޒް އަދި ކަސެމީރޯ ގެނައި ފަދަ ނުފޫޒެއް އަނެއްކާ ވެސް އުފެއްދި ދާނެ ކަމަށް ރެއާލުން ގަބޫލު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy