ކުޅިވަރު / މުހައްމަދު ނަދީމް

ހާޓް އެޓޭކަށްފަހު އެނބުރި އައިސް، ނަދީމަށް އުފާވެރި އަދި ދެރަ އިހްސާސެއް

ޕޮލިސް ކްލަބްގެ ކޯޗު މުހައްމަދު ނަދީމް: އޭނާ ބުނީ ގާތްގަނޑަކަށް ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އެނބުރި ކޯޗިންގެ ތެރެއަށް އައިސް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށް އެކަމަކު ތަށި ނުލިބުމުން ދެރަވާ ކަމަށް ވެސް އޭނާ ބުނި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

10 ޖޫން 2022 - 16:03

ހާޓް އެޓޭކް ޖެހުނުތާ ގާތްގަނޑަކަށް ފަސް އަހަރު ފަހުން، ކުޅިވަރުގެ ތެރެއަށް އެނބުރި އައިސް، ޕޮލިސް ކްލަބާއެކު ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް ތަށި ހޯދައި ނުދެވުމުން ދެރަވާ ކަމަށް، ވޮލީ ކޯޗު މުހައްމަދު ނަދީމް ބުނެފި އެވެ.

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ރޭ، ނަދީމްގެ ޕޮލިސް ކްލަބް ބަލިވީ ވެމްކޯ އަތުންނެވެ. ނަދީމް ބުނި ގޮތުގައި ހާޓް އެޓޭކާ ގުޅިގެން ކުޅިވަރުގެ ހަރަކާތްތަކާއި ދުރުގައި އޭނާ ފަސް ވަރަކަށް އަހަރު ހޭދަ ކުރި އެވެ.

ކުރިން ފުޓްބޯޅަ އާއި ވޮލީ ވެސް ކުޅުނު ނަދީމް ބުނި ގޮތުގައި ހާޓް އެޓޭކެއް ޖެހިގެން ހިތުގެ ބޮޑު ތިން އޮޕަރޭޝަނެއް އޭނާ ކުރި އެވެ. އަދި މިހާރު އޭނާ ދިރިއުޅެނީ، ހިތަށް ލައްވާފައި ސްޓެންޓްތަކާ އެކު އެވެ.

"(އެކަމާ ގުޅިގެން) އެއްކޮށް ކުޅިވަރާ ދުރުގައި ހުރެފައި ބިސްމިން ކިޔާފައި މިއަހަރު މި ނުކުތީ. އެހެންވީމާ އަޅުގަނޑަށް ކުރެވުނު މަސައްކަތާ ދޭތެރޭ ހިތްހަމަޖެހޭ. އެހެން ނަމަވެސް ތައްޓެއް ހޯދައި ނުދެވުނީތީ އެކަމާ ހިތާމަ ވެސް ކުރަން. ދެރަ ވެސް ވޭ،" މީގެ ކުރިން ޕޮލިހަށް ގިނަ ކާމިޔާބުތަކެއް ހޯދައި ދިން ކޯޗު ބުންޏެވެ.

އެސޯސިއޭޝަން ކަޕް މެޗެއްގެ ތެރެއިން ނަދީމް: އެނބުރި ކޯޗިން އަށް އައިސް އޭނާ އަށް ކުރެވުނީ ތަފާތު ދެ ތަޖުރިބާއެއް --- ފޮޓޯ: ޝާފީ

އޭނާ ބުނި ގޮތުގައި މީގެ ހަތަރު އަހަރު ކުރިން 2018 ގައި ރޯދަ މެހެއްގައި އަސްރު ނަމާދަށް ދާން ތައްޔާރުވެގެން ހުއްޓައި މެއަށް ތަދުވާން ފެށި އެވެ. ކަނާތް ފަރާތަށް އެރި ތަދަކީ މާބޮޑު ކަމެއް ކަމަށް ނުހިތައި ފެން ވަރައިލައިގެން އޭނާ އިތުރަށް މަޑުކޮށްލި އެވެ.

"އެކަމަކު އަޅުގަނޑު ދާ ހިއްލަން ފަށައިފި، ދެން އެހާހިސާބުން އެނގުނު ގޯހެއް އުޅޭކަން. އާއިލާގެ އެންމެންނަށް ގުޅައިގެން އާއިލާ މީހެއްގެ ސައިކަލުގެ ފަހަތުގައި އިނދެ އަޅުގަނޑު ދިޔައީ އޭޑީކޭ އަށް،" ނަދީމް ކިޔައި ދިނެވެ.

އޭޑީކޭ ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗަށް އޭނާ ގެންދެވުނެވެ. އައީޖީއެމްއެޗްގެ ހިތުގެ ހާއްސަ ޑޮކްޓަރު އަލީ ޝަފީގް އެންގެވީ ވަގުތުން ސާޖަރީ ހެއްދުމަށެވެ. ނަދީމްގެ ހިތުގައި ހަ ބްލޮކް ހުއްޓެވެ. އެ ބްލޮކްތައް ހުޅުވުމަށް އޭނާގެ ހިތަށް ހަ ސްޓެންޓް ލެއްވީ އެކި ދުވަސް ވަރު މަތިން ކުރި ތިން އޮޕަރޭޝަނެއްގަ އެވެ.

ޕޮލިސް ކްލަބްގެ ކޯޗު މުހައްމަދު ނަދީމް: ފައިނަލަށް ދެވުން އެއީ ކާމިޔާބެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށް އޭނާ ބުނި --- ފޮޓޯ: ޝާފީ

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ބުނި ގޮތުގައި އޭނާގެ ހިތުގައި 100 ޕަސެންޓް އަދި 99 ޕަސެންޓްގެ ބްލޮކް ވެސް ހުއްޓެވެ.

"އެންމެ ފުރަތަމަ ބްލޮކެއް އިންކަން އަޅުގަނޑަށް އެނގުނީ 2015 އިންޑިއާ އަށް ކުރި ދަތުރެއްގައި ހެދި ޓެސްޓްތަކުން. އެއީ 99 ޕަސެންޓްގެ ބްލޮކެއް،" ނިއު ރޭޑިއަންޓާއި ހުއްރިއްޔާ އަށް ކުރިން ފުޓްބޯޅަ ކުޅުނު ނަދީމް ބުންޏެވެ.

"އޭގެ އަސަރު ނުކޮށް އޭރު ހުރީ ކަސްރަތު ކުރުމާއި ހަރަކާތްތެރިކޮށް އުޅޭތީ ކަމަށް ޑޮކްޓަރު ވިދާޅުވީ."

މި އުނދަގޫ ތަހައްމަލުތަކަށް ފަހު، ކޯޗެއްގެ ގޮތުގައި ކުރިމަތިލި ފުރަތަމަ މުބާރާތުގައި އޭނާ އަށް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށް ނަދީމް ބުންޏެވެ.

"އަޅުގަނޑުމެންގެ ކެޕްޓަން ހައްވަ [މުރުޝިދާ] ވެސް ވިހައިގެން ވީ އަދި ހަ މަސް. [ފާތިމަތު] ޒީނިޔާ ވެސް ވިހައިގެން އަދި މިވީ ތިން މަސް. ވަރަށް ތުއްތު ތުއްތު ކުއްޖެއް ގޮވައިގެން އުޅެމުން ވަރަށް އުނދަގުލާއެކު ޕްރެކްޓިހަށް ނުކުމެވޭ ވަރުވަނީ ވެސް. އެ ހާލަތުގައި ވެސް މި ކުޅުންތެރިން ކުރި މަސައްކަތާ ދޭތެރޭ އަޅުގަނޑު ވަރަށް ބޮޑަށް ފަހުރުވެރިވޭ،" ނަދީމް ބުންޏެވެ.

ޕޮލިސް ކްލަބްގެ ކުޅުންތެރިން މެޗަށް ފަހު މަޑުކޮށްލައިގެން: ކުޅުންތެރިން ކުރި މަސައްކަތަށް ނަދީމް އޮތީ ތައުރީފް --- ފޮޓޯ: ފަޔާޒު މުސާ | މިހާރު

ވޮލީ ކޯޗިން އެޑިއުކޭޝަނުން ހެންގޭރީގެ ބުޑަޕެސްޓް ޔުނިވަސިޓީން މަތީ ފާހެއް ހޯދި ނަދީމް ދެކޭ ގޮތުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ލައިގެން ޕޮލިސް ޓީމަށް ލިބުނު ކާމިޔާބު ކުޑަ އެއް ނޫނެވެ. ޕޮލިސް ޓީމުގެ ސެޓަރު ހައިފާ އިމާދު މިލެވަލްގެ މުބާރަތަކަށް ނުކުތީ މުޅިން އަލަށެވެ. ނަމަވެސް ހައިފާ ދެއްކި ކުޅުމާ މެދު ނަދީމް އޮތީ ތައުރީފެވެ.

މިފަހަރު އެޓީމަށް ގެނައި ބިދޭސީ ކުޅުންތެރިޔާ ނޭޕާލްގެ ކަމަނަ ބިސްޓާގެ ފަރާތުން ވެސް ފެނުނީ ދިވެހި އެވްރެޖް ކުޅުންތެރިޔަކަށް ވުރެ ވެސް ދަށް ކުޅުމެއް ކަމަށް، ކުރިން ގައުމީ ވޮލީ ޓީމަށް ކޯޗު ކޮށްދިން ނަދީމް ބުންޏެވެ. ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިޔެއް ހޯދައިގެން، ޒުވާން ކުޅުންތެރިނާއި ސިނިއާ ކުޅުންތެރިންގެ އެހީއާއެކު ޕޮލިހަށް ގައުމީ މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ.

"މިހާހިސާބުން އަޅުގަނޑު އުންމީދު އެލުވައެއް ނުލާނަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ޕޮލިސް ޓީމުގައި ހުރެއްޖެއްޔާ ގައުމީ މުބާރާތް ހޯދަން ބުރަކޮށް މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 71%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454