ދުނިޔެ / އެމެރިކާ

ތައިވާން މައްސަލައިގައި އެމެރިކާ އައި ޗައިނާ ހަނގުރާމަ ކޮށްފާނެތަ؟

14 ޖޫން 2022 - 12:47

5 comments

ޗައިނާ އިން ހަތިޔާރުގެ ބޭނުންކޮށްގެން، އެ ގައުމުގެ ބާރުގެ ދަށަށް ތައިވާން ގެންދަން މަސައްކަތް ކުރަން ފަށައިފި ނަމަ، އެމެރިކާ އިން ހަތިޔާރުގެ ބޭނުންކޮށް އެކަމަށް ހުރަސް އަޅާނެ ކަމަށް، މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވި އެވެ. މީގެ މާނައަކީ އެމެރިކާ އިން ފާޅުގައި ޗައިނާއާ ދެކޮޅަށް ހަނގުރާމަ ކުރުމެވެ.

ތައިވާނގެ މައްސަލައިގައި އެމެރިކާ ސަރުކާރުން މިހާތަނަށް ދަމަހައްޓަމުން އައި ސިޔާސަތަށް ބަލާއިރު، ބައިޑެންގެ ވާހަކަތައް މިފެންނަނީ ތަންކޮޅެއް ހަރުކަށި ރާގެއްގަ އެވެ. އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދޮޅު އަހަރުގެ ތެރޭގައި، ރައީސް ބައިޑެން ވަނީ، ޗައިނާގެ ހަމަލާތަކުން ތައިވާން ދިފާއުކޮށްދޭނެ ކަމަށް ތިން ފަހަރެއްގެ މަތިން ވިދާޅުވެފަ އެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި އެ ގައުމުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާއާ އެކު، މެއި މަހުގެ 23 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވެފައިވަނީ، އެއް ޗައިނާގެ ސިޔާސަތަށް އެމެރިކާ ތާއީދުކުރާ ކަމަށާއި، އެމެރިކާގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ އެ ގޮތުގެ މައްޗަށް ކަމަށެވެ. އެ ސިޔާސަތު އެމެރިކާ އިން ދަމަހައްޓަނީ، ޗައިނާ އިން ވަކި ހަމަތަކަކުން އަމަލުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ޗައިނާ އިން ބާރުގެ ބޭނުންކޮށްގެން ތައިވާން ކޮންޓްރޯލް ކުރަން އުޅެންޏާ، ތައިވާންގެ ދިފާއުގައި އެމެރިކާ އިން ހަތިޔާރުގެ ބޭނުންކުރާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.

.

ބައިޑެންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން، ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގްހޭ، މިދިޔަ އާދީއްތަ ދުވަހު ވިދާޅުވީ އެމެރިކާ އިން ތައިވާންގެ ކަންކަމުގައި އަމަލުކުރަމުން ގެންދަނީ، ޗައިނާއާ އެކުގައި އެއްބަސްވެފައިވާ ގޮތަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމެރިކާ ސަރުކާރުން މިހާރު ގެންދަނީ ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، ތައިވާންގެ މިނިވަންކަމަށް ތާއީދުކޮށް ހިތްވަރުދެމުންނެވެ.

"ހިނގާ މިވާހަކަ ވަރަށް ސާފުކޮށް ދައްކަމާ. އެއްވެސް ބަޔަކު، ޗައިނާ އިން ތައިވާން ވަކިކޮށްލަން އުޅެފިއްޔާ، ކިތަންމެ ބޮޑު އަގެއް އަދާކޮށްގެން ވިޔަސް، އަދި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޗައިނާ އިން އެ ބަޔަކާ ހަނގުރާމަ ކުރާނެ. ޗައިނާ އަށް އޮތް ހަމައެކަނި އިޚްތިޔާރަކީ މިއީ،" އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޓެރެޓީޖިކް ސްޓަޑީޒްގެ ފަރާތުން އަހަރަކު އެއް ފަހަރު ބާއްވާ ޝަންގްރީ-ލާ ޑައިލޮގްގެ މިއަހަރުގެ ބައްދަލުވުމުގައި އާދީއްތަ ދުވަހު ވާހަކަ ދައްކަވަމުން، ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގްހޭ ވިދާޅުވި އެވެ.

ދެ ފަރާތުން ވެސް މިދައްކަނީ އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރަން ތައްޔާރަށް އޮތް ވާހަކަ އެވެ. ސަބަބަކީ ތައިވާނެވެ. ޗައިނާ އިން ހަނގުރާމަ ކުރާނީ، އެ ގައުމުން ތައިވާން ވަކިކޮށްލިޔަ ނުދިނުމަށެވެ. އެމެރިކާ އިން ހަނގުރާމަ ކުރާނީ، ޗައިނާގެ ބަޔަކަށް ތައިވާން ހެދިޔަ ނުދިނުމަށެވެ.

ހަނގުރާމައިގެ ވާހަކަ ދައްކާއިރު، ޗައިނާ އާއި އެމެރިކާ އަކީ ވެސް، ދުނިޔޭގެ ބޮޑު ދެ ބާރެވެ. އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިފައިވުމުގެ އިތުރުން، އަސްކަރީ ޓެކްނޮލޮޖީގެ ގޮތުން ވެސް އެންމެ ކުރީގައި އޮތް ދެ ގައުމެވެ. އިގްތިސާދީ ގޮތުން ބަލާއިރު، ބާރު ގަދައީ ޗައިނާއޭ ބުނެވޭ ވަރަށް އެ ގައުމުގެ އިގްތިސާދު މިހާރު އޮތީ މުޅި ދުނިޔެ އަށް ފެތުރި ފުޅާވެފަ އެވެ.

އެހެންކަމުން މި ދެ ގައުމު ހަނގުރާމައެއް ފަށައިފި، އެއީ މުޅި ދުނިޔެ އަށް ކުރިމަތިވާ ނުރައްކަލަކަށް ވާނެ އެވެ. ނަމަވެސް އެ ނުރައްކަލުގެ ތެރެއަށް ދުނިޔެ ވެއްޓުމާއި ނުވެއްޓުން ބިނާވެފައި އޮންނާނީ، ތައިވާނާއި އެމެރިކާ އިން ވެސް އަމަލުކުރާ ގޮތެއްގެ މައްޗަށެވެ.

ތައިވާނުން ދެކޭ ގޮތުގައި އެއީ އަމިއްލަ މިނިވަންކަން ލިބިގެންވާ ގައުމެކެވެ. އެހެންކަމުން، ތައިވާންގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ އެއްވެސް ހައްގެއް ޗައިނާއަކަށް އަދި އެހެން ގައުމަކަށް ވެސް ނޯންނާނެ އެވެ. ފާޅުގައި ނުބުންޏަސް، އެމެރިކާ އިން ވެސް ދެކެނީ މި ގޮތަށެވެ.

ނަމަވެސް ޗައިނާ އިން ދެކޭ ގޮތުގައި 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާޚިލީ ހަނގުރާމަ އަށް ފަހު ތައިވާންގައި ވަކި ބަޔަކު އަމިއްލަ ވެރިކަމެއް ގާއިމުކުރިޔަސް، ތައިވާނަކީ ފެށުނީއްސުރެ ވެސް ޗައިނާއާ ވަކި ނުކުރެވޭނެ ޗައިނާގެ ބިމެކެވެ. އެހެންކަމުން، ޗައިނާގެ އަސްކަރީ ހަރަކާތްތައް ވެސް ތައިވާން ސަރަހައްދުގައި ހިންގުމުގެ ފުރިހަމަ ހައްގު ޗައިނާ އަށް އޮންނާނެ އެވެ.

މީގެ 72 އަހަރު ކުރިން، 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.

އެއާ އެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.

ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.

5 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާޒީތޯ

15 June 2022

ސުވާލު އުފެއްދޭ ކަމެއް ނޫން، ސުޕާރ ޕަވާރ އަކީ މިއަދު ޗައިނާ. ހުޅަނގުން އިރުމައްޗަށް އާރާއި ބާރު ސޮއްސާލައިފި. އިގިރޭސި ރާނީގެ ނިމުމާއެކު ޝާހީ އާއިލާގެ ނިމުން އަންނާނެ ކަމުގެ ކޮޅުމަތި އެބަފެނޭ. އެމެރިކާއަށް ދެން ހަށިފޮޅާލާފައި ޤައުމުތަކަށް އަރާ ސުންނާފަތި ކުރިޔަނުދޭން ޗައިނާ ހިފައިފި. ޔޫކްރޭން ހަނގުރާމަކީ، އެމެރިކާ ލިސްޓުން ފަހަށް ސޮއްސާލި ކަމުގެ ދަލީލެއް. ކުރިއަށް އޮތް 10 ވަރަކަށް އަހަރުތެރޭ މެދު އިރުމަތިން އެމެރިކާ ފައްސާލާތަން ފެންނޭނެ.

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

14 June 2022

މިއީ މިހާރު ސުވާލު އުފެދޭވަރު ކަމެއްނޫން. ޗައިނާ އާއި ކުރިމަތިލާން އެމެރިކާއަށް ނުކެރޭނެ. އެމެރިކާ އެއީ ސަފަރަކަތްދަ ގެންގުޅޭކަހަލަ ދަތްގޯންޏެއް ގެންގުޅޭ ގައުމެއް. ދަތްގޯނި އޮށްސާލާނީ އެއްވެސް އާރެއް ބާރެއް ނެތް ނިކަމެތިންގެ ބޮލަށް. ރަސިއާއަށްވެސް އިންޒާރުދިން ޔޫކުރޭނަށް ހަމަލާދީފިއްޔާ ހީނުކުރާވަރުގެ ރައްދެއް ދޭނަމޭ ކިއައިގެން. ޕޫޓިން ދުނިޔެއަށް ދައްކާލީ އެމެރިކާގެ އަސްލު ބުރުސޫރަ.

The name is already taken The name is available. Register?

ޖަލްޕަރީ

15 June 2022

ދަތް ގޯނި ގެންގުޅެނީ ސަފަރުކަތްދައެއް ނޫން..ސަންތިމަރިޔަނބު.

The name is already taken The name is available. Register?

އަޅޯ

14 June 2022

ތައިވާން މައްސަލައިގަ އެމެރިކާއަކަށް ނުކެރޭނެ ހަނގުރާމައެއް ފަށާކަށް. އެއަށްވުރެ ޗައިނާދެކެ މާ ބިރުގަންނާނެ. ރަޝިޔާދެކެވެސް ބިރުން އޮތް ބައެއް އެމެރިކާއަކީ.

The name is already taken The name is available. Register?

ސަޅި

14 June 2022

ދުނިޔޭގެ އެންމެ ކުރީގައި އޮތް 2 ގައުމުގެ ތެރެއިން އެއް ގައުމުގެ އެކުވެރިއަކަށް އެހާ ފަސޭހައިން ވެވެން އޮއްވާ ކުޑަކުޑަ ދިވެހިރާއްޖެ ނިންމައިގެން މިއޮތީ އެއަށްވުރެ ހުރިހާ ގޮތަކުންވެސް މާ ބާރުދެރަ، ހައިޖާނުބޮޑު، ހަމަޖެހުމެއް ނެތް، ކޮރަޕްޝަން އިންތިހާއަށް އޮތް، އަމިއްލަ އިގްތިސާދު ގުޑަގުޑާ އޮތް ގައުމެއްގެ ބަނޑުދަށުވެފަ ތިބެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454