އަންހެނުންތަކެއް މަގުމަތިން ހިނގާފައި ދަނީ: ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި ގިނަ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
14 ޖޫން 2022 - 18:21
ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދަ ސްކީމުން ހަރަދުކޮށްގެން ފަރުވާ ދެވޭނެ ގޮތްތައް ހަމަޖެއްސުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދޭ ކަމަށެވެ.
ނަމަވެސް، ރާއްޖޭގެ ސިއްހީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި އާސަންދަ އޮންނަ ގޮތުން، އެ ނިޒާމްގެ އެހީގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް ވަރަށް ހަނި ކަމަށް މީކާއިލް ވިދާޅުވި އެވެ. އޭގެ އިތުރުން، އެ ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ބައެއް ބޭސް ރާއްޖެއިން ހޯދުމުގައި ދަތިތައް ހުންނައިރު، ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް އަސާސީ ބޭސް ވެސް އާސަންދައިގެ ދަށުން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަކުރެވިފައިވާ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައި މި މައިގަނޑު މައްސަލައާ ގުޅޭ އެއްވެސް ރަނގަޅު ފެންވަރުގެ ދިރާސާއެއް ނުވަތަ ތަފާސް ހިސާބެއް ނެތް،" ގަރާރުގައި ވެ އެވެ.
އެހެންވެ، މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވަނީ ދަރިމަރިވުމުގެ މައްސަލަތަކާ ގުޅޭ ގައުމީ ފެންވަރުގެ ދިރާސާއެއް ހަދައި، ދަރިމައިވުމުގެ މައްސަލައަށް ބޭނުންކުރާ ބައެއް އަސާސީ ބޭސްތައް ރާއްޖެއިން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.
ކުރިއަށް އޮތް ތަނުގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްކުރާ މީހުންނަށް އާސަންދައިގެ ދަށުން ދެވޭނެ ހިދުމަތްތަކަކީ ކޮބައިތޯ ބަލައި ހިދުމަތްތައް ފޯރުކޮށްދެވޭނެ ހަރުދަނާ އުސޫލެއް އަދި މިންގަނޑެއް ކަނޑައަޅައި އެ މުހިއްމު މައްސަލައަށް ރާއްޖޭގެ އިގުތިސޯދީ ފެންވަރުގައި އެކަށީގެންވާ ޖުމްލަ ހައްލެއް ހޯދައިދިނުމަށް އޭނާ ގޮވައިލެއްވި އެވެ.
ދަރިމައިވުމުގައި މައްސަލަ ދިމާވާ ނަމަ އެކަމަށް ދެން އޮތް ފަރުވާއަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. އޭގެ ތެރެއިން ރާއްޖޭގައި މި ވަގުތު ލިބެނީ އައިޔޫއައި ފަރުވާ އެކަންޏެވެ. އެހެންވެ، އައިވީއެފް ހަދަންޖެހޭ މީހުން ބޮޑު ހަރަދެއް ކޮށްގެން ޖެހެނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދާށެވެ.
އެ މައްސަލައާ ގުޅޭ ރަސްމީ އެއްވެސް ތަފާސްހިސާބެއް ނެތް ނަމަވެސް، އެކި ފަރާތްތަކުން ލިބޭ މައުލޫމާތުން އިނގެނީ ދަރިން ނުލިބުމުގެ މައްސަލަ ރާއްޖޭގައި ގިނަ ކަމެވެ.
ފަރުވާއަށް އާސަންދަ ނުދޭ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާ މިދިޔަ ސެޕްޓެމްބަރު މަހު "މިހާރު" އަށް ވިދާޅުވި ގޮތުގައި ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދަ ނުލިބޭތީ އާއްމުންގެ ޝަކުވާ ކޮންމެ ވެސް ވަރަަކަށް ލިބެ އެވެ. އެ ކަންކަމާ ގުޅިގެން އާސަންދައިގެ އެކި ލެވެލްގައި އެތައް މަޝްވަރާއެއް ކުރިއަސް އެއްވެސް ކަމެއް އަދި ބަދަލު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޝްވަރާކުރަން އޭގެއިން ކޮންމެ ވެސް ބައެއް ނަމަވެސް، ހެދޭ ޓެސްޓުތައް ނަމަވެސް ކޮންމެ ވެސް ބައެއް އާސަންދަ ތެރެއިން ކަވަ ކުރެވިދާނެތޯ ބަލަން. އެކަމަކު، މި ބުނާހެން އެ ގަވައިދު އިސްލާހުކޮށްގެން އެކަމެއް ކުރެވޭނީ. އެނގޭ ވަރަށް ގިނަ މީހުންގެ ހުންނަ މައްސަލައެއް ރާއްޖޭގައި،" ޒީނިޔާ ވިދާޅުވި އެވެ. "ފުދޭ ވަރަކަށް ގިނަ މީހުން އެބަ އުޅޭ އޭގެތެރޭގައި. އެޓްލީސްޓް އޭގެ ތެރެއިން ކޮންމެ ވެސް ބައެއް ކަވާކޮށްދޭން ރަނގަޅުކަން އަޅުގަނޑުމެން ފާހަގަކުރަން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
7878
15 June 2022
ދަރިން ނުލިބޭ ދެމަފިރިންގެ ފުތަރަމަ ދަރިފުޅު ހޯދަން އާސަންދަ ކަވަރކުރުން ރަނގަޅު ކަމަށް ދެކެން.
ޓޮޕު
15 June 2022
ތިކަންވާނީ މަތިފަޑީބޭފުޅުންގެ ތިމައްސަލައުޅޭނަމަ.
ސަކީނާއްތަ
15 June 2022
ދަރިމައިނުވާ ފަރާތްތަކަށް އެހީ ދިނުންރަގަޅު. އެކަމަކު އާސަންދަކީ މިހާރު ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ޓްރީޓޮޕް އަދި އޭޑީ ފަދަ ތަންތަނުން ޗާޖްކުރާ ކުރުން ނުބެލި އަދި ޢާސަންދައަށް އިތުރުވާ ބޮޅެއް.
ރެޑް ލޮރީ ޔެލޯ ލޮރީ
15 June 2022
ދަރިން ހޯދަނީ ފިރިމީހާޔާ އަނބިމީހާޔަށް އޭގެ އުފަލާ އަރާމު ލިބޭ ކަމަކުން. ތިޔަ "ފަރުވާ"އެއް ކުރަނީ އޭގެ ބޭނުން ނުވެސް ޖެހޭ މީހުން ގިނައިން، އުޅެވޭ ގޮތަކުން ނޫނީ ކަސްރަތު ނުކުރުމުން ފިރިހެނުންގެ ކިބައިގަ ހުންނަންޖެހޭ އެއްޗެއް ވަގުތީގޮތުން މަދުވެގެން. ތިޔަ "ފަރުވާ"ގެ ސަބަބުން އަންހެން މީހާ އެތައް ތަކުލީފެއް އުފުލަންޖެހޭ، އިންޖެކުޝަން ޖަހާޖަހާ އަދި ހަށިގަނޑު ތެރެޔަށް އެއްޗިހި ލައްވައި. އެއީ ނުހަނު ލަދުވެތި ނުދައްކާ ވާހަކަ.
ހެލިހެލިފެލި
15 June 2022
މިއީ ދެން ކޮންކަމެއް! "ރައްޔިތުން"ނަށް ޓަކާ ޓްރީޓޮޕް ހޮސްޕިޓަލަށް ހަދިޔާއެއް ދެއްތޯ؟ ދިވެހިންގެ ކެއިންބުއިމާ ހެލިފެލިވެ އުޅުމުގެ ކަންކަން ބަދަލުކުރަން ޚަރަދުކުރުން މާ މުހިންމު. މިދާކަށް ދުވަހު ފެނުނު ހަބަރެއް، ފިޓްނަސް ލެވެލް އަށް މާކްސް ދިނުމުގެ ޕީޖީ އޮފީހުގެ މުވައްޒަފުނަށް. އެއީ ހަމަ އެއްވަނައިގެ ކަމެއް. ހާދަ ގިނަޔޭ މިހާރު ގައިންގަޔަށް ނާރާ ބަލިތައްވެސް ރާއްޖޭގަ، ހެލިފެލިވެ ނޫޅޭތީ ރަނގަޅަށް
ހަދިޔާ
15 June 2022
މިއޮތްހާދުވަހު ރައްޔިތުންދިއައީ އިންޑިއާގެ ހޮސްޕިޓަލްތަކަށް ބޮޑެތި އަދަތުތަކުން "ހަދިޔާ"ދެމުން. ފަހަކަށް އައިސް އޭގެތެރެއިން ގިނަ ހަދިޔާތަކެއްގެ އަގުއަދާކުރަމުން ދިޔައީ އާސަންދައިން. ރައްޔިތުންގެ ޖީބަށާއި ދައުލަތުގެ ބަޖެޓަށްވެސް ބާރުބޮޑުވަމުންދޭ. އެގޮތުގައި އަދިވެސް ދެމިތިބެންވީތަ؟
ހަމް67
14 June 2022
މަބޭނުން މޫނައްޖަހާ ބޮޓޮކްސް އައްވެސް އާސަންދަ. މޫނުގަ ރޫގިނަވީމަ ވަރަަށް ނަފްސާނީވޭ. އާސަންދައިގެ މަގުސަދު އޮޅިގެން ގޮސް ދައުލަތައް ނުއުފުލޭ ވަރު ބުރައްއަކައް ވެގެން ހުއްޓާލަންޖެހުނީމަ ރީތިވާނެ. ދިވެހިންނަކީ ވަރަށް އެންޓައިޓްލްޑް ބަޔެއް.
ވޯލް
14 June 2022
ދައުލަތުން ބޭސްފަރުވާއަށް ޚަރަދު ކުރަނީ ބަލި ޖެހި ތަނަވަސްކަން ނެތިގެން ބޭސްނުކުރެވި އިންސާނާގެ ފުރާނައަށް ގެއްލުންވެދާނެތީ. ދަރިމައި ވުމަށް ކުރާ ފަރުވާ އަކީ މި ގިންގޮއަށް ފެތޭ ކަމެއް ނޫން. ދަރިން ނުކިބެންޔާ ބާލާނެ ތުއްތި އެތައް ކުދިންނެއް ދައުލަތުގެ ބެލުމުގައި އެބަތިބި. އޭގެން ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ހޯދާގެން އަމިއްލަ ދަރިއެއް ފަދައިން ހަމަ ބަލަންވީ.
1828
14 June 2022
ކޮންމެ ދެމަފިރިއަކުވެސް އަމިއްލަ ދަރިއެއް ބޭނުންވާނެ. ތިހެން ކަމަށްވާނަމަ މަސްތުވާތަކެތި އަދި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން ޖެހޭ އެއްވެސް ބައްޔަކަށް ދައުލަތުން ބޭސްފަރުވާކޮށްދީގެން ނުވާނެ. އެތަކަތި ބޭނުން ކުރުމުން ބަލަ އެވަނީ އަމިއްލައަށް. އެކަމަކު ހަމަ އޯކޭ ދައުލަތުން ބޭސްފަރުވާކުރަން. މިހިރީ ވިސްނުން ހުންނަ ގޮތް
ވޯލް ބީތާ
15 June 2022
ދަރިން ނުލިބޭ މީހެއްގެ އިހުސާސްތައް އިގެންޔާ ތިހެން ނުބުނާނެ! އެކަހަލަ ކަމަކާ ކުރިމަތި ވެގެން އުޅޭ މީހަކައް އިގޭނީ!
ރައް
15 June 2022
ތިބުނި ކަމަކީ ޕްރޮސީޖަރ ދިގު ކަމެއް. އެހެން ނަގާ ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ޢާއިލީ ނޫން މީހަކަށް ގިނަފަހަރު ނުދޭނެ. އެގޮތަށް ގެންގޮސްގެން ބަލަނިކޮށް އަނެއްކާވެސް އެ ކުއްޖާ ބޭނުންވީމަ ކުއްޖާގެ އަސްލު މައިންބަފައިންނަށް ދޭންޖެހެނީ. ރާއްޖޭގަ ފޮސްޓަރ ކުރެވޭނީ. އެޑޮޕްޝަން ހުއްދައެއް ނޫން ދީނުގަ. ބުނެލަން ފަސޭހަ. އެކަމަކު ދަރިން ލިބޭ މީހުންނަށް ނުލިބޭ މީހުން ކުރާ ހިތާމައެއް ނޭނގޭނެ.
ފާތުންން
15 June 2022
ވޯލް ތީ ދަރިން ގިނަވެގެން ނުބެލޭ މީހަކާ ވައްތަރު. އެހެނ ނޫންނަމަ ތިހެން ނުބުނާނެ. ދަރިން ނުލިބިގެން ފަރުވާ އަގުބޮޑުކަމުން ނުކުރެވިގެން ހިޔާއިން ތިގޮތައް ކުދިން ބަލަން ގެނެސްސަ އަމިއްލަ ދަރިންހެން ލޯބިނުދެވި، ފާފައަކަށް ވެދާނެކަމަށް ނުގެންނަ މީހުންވެސް އުޅެދާނެ ހަމ.
އަސާސީގޭމް
15 June 2022
ވޯލްގެ ކޮމެންޓަށް ތާއީދު. މީހަކު މަނަޔެއް ނުކުރެޔޭ ދަރިން ހޯދުމެއް. އައިވީއެފަކީ އެކަމަށް އޮތް ހަމައެކަނި ފަރުވާކަމަށް ބަލައިގެން އުޅޭ މީހުން ހަމަ ދާންވީ ހިދުމަތް ހޯދަން އެތަނަށް. ކޮންމެހެން އަސާސީ ބޭސްފަރުވާ ކަވަރު ކުރަންޖެހޭ އަސަންދައިގެ ތެރެޔަށް ލާކަށް ނުޖެހޭ
ޥޯލް 2
16 June 2022
އަމިއްލަ ދަރިން ތިބީމަ ނުވިސްނޭނެ، ކއްވެ ހަމައެކަނި ދަރިން ނެތް މީހުން، ދަރިން ތިބި މީހުންވެސް ގެނެސްގެން ބަލަންވީ، މިއުޅެނީ ބަލާނެ ދަރިއެއް ނުލިބިގެނެއްނޫން، ކޮންމެމީހަކުވެސް އަމިއްލަ ދަރިޔަކު ބޭނުން ވާނެ،
ޟުޒް
14 June 2022
ހަރަދު ކުރުމުގެ ކުރިން ދިވެހިންގެ ލައިފް ސްޓައިލް ބަދަލު ކުރަން ޖެހޭ. ކެއުން. ކަސްރަތު ކުރުން.
ރައްޔިތ
15 June 2022
މީހުންނަށް ދަރިން ނުލިބެނީ ކެއުން ކަސްރަތު ނުކޮށްގެނެއް ނޫން. ބައެއްފަހަރު ކްރޯނިކް ބައްޔެއްގެ ސަބަބުން ނުވަތަ ހެރިޑިޓަރީ ބައްޔެއްގެ ސަބަބުންވެސް ވޭ. ކިތަންމެ ކަސްރަތެއްކޮށް ކެއުމަށް ބެއްޔަސް އ ލިބެންޖެހޭ ފަރުވާ ނުލިބި ރަނގަޅުނުވާ މީހުން ގިނައީ. އެހެންވީމަ ތިގޮތަށް ނޭނގި ހުރެ ޖެނެރަލައިޒްކުރުން ރަނގަޅެއް ނޫން
ބިސްތާން
15 June 2022
ޝުޒްގެ ކޮމެންޓަށް ތާއީދު. ގިނަ މީހުން އައިވީއެފަށް ދަނީ އެއީ ހަމައެކަނި ހައްލު ކަމަށް ދެކިގެން. ލައިފްސްޓައިލަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންނުވާތީ. އަނެއް ބަޔަކު އެއީ ހަމަ ދާންޖެހިގެން ދާ މީހުން. ކޮންމެވެސް ބައްޔެއްގެ ސަބަބުން. ނަމަވެސް އެއީ މަދު ބައެއް. އާސަންދައިން ކަވަރު ކުރަންވާނީ އަސާސީ ކަންކަން. ކޮންމެ ބައްޔަކީވެސް އެޔަށް ފަރުވާ ބޭނުންވާ ބަލިތައް. ކޮންމެހެން ހުރިހާ ބައްޔެއް ކަވަރު ކުރާކަށް ނުޖެހޭ އާސަންދައިނެއް. ދިވެހިބޭސްވެސް ހުރޭ
ހުން
16 June 2022
ތިހެން ކަމައްވާނަމަ ކެންސަރައް އާސަންދަ ކީކުރަން ދޭންވީ، ގިނަފަހަރައް އެ ޖެހެނީ ސިނގިރޭޓް ބޮއިގެން ހުރިހާ ގުނަވަން ފެއިލް ވީމަ، ތިގޮތައް ފަރުވާ ދޭން ޖެހޭ އެތައް ބައްޔެއް އެބަހުރި ތިފާޑައް ވާހަކަ ދައްކަންޔާ، ކީކުރަން ސިޒޭރިއަން ހަދާ މީހާއައް އާސަންދަ ދޭންވީ، ހަމަ ވިހޭނެ ނުވިހެންވީ ކީއްވެ، ފުރަތަމަ ރާއްޖޭގަ އުޅޭ މީހުންގެ ވިސްނުން ބަދަލު ކުރަންވީ އެހެން ކަމެއްނޫން.