ކުޅިވަރު

ސަޕޯޓަރުން ކުރިމަތީގައި އިނގިރޭސީން ލަދުގަންނަވާލައިފި، އިޓަލީ ކޮޅަށް ޖަރުމަނުން ފަސް ލަނޑު

އިންގްލެންޑް އަތުން ބޮޑު މޮޅެއް ހޯދުމަށް ފަހު، އިނގިރޭސި އެފްއޭ ލޯގޯ ޖަހާފައި ހުރި ކޯނަރު ދިދައެއް ވިހުރަމުން ހަންގޭރީ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

15 ޖޫން 2022 - 06:33

6 comments

ވުލްވަހެމްޓަން (ޖޫން 15) - އިންގްލެންޑުން ހަންގޭރީއާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު ޔޫއެފާ ނޭޝަންސް ލީގު މެޗުގައި 4-0 ގެ ނަތީޖާއަކުން ބަލިވެއްޖެ އެވެވެ.

ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ކޮޅަށް ފަސް ލަނޑު ޖަހައި ޖަރުމަނުން ބޮޑު މޮޅެއް ހޯދައިފި އެވެ. ޖަރުމަނުން މެޗު ކާމިޔަަބު ކުރީ 5-2 ންނެވެ.

ނޭޝަންސް ލީގު އޭ އަށް މި ސީޒަނުގައި އަލަށް ޕްރޮމޯޓްވި ހަންގޭރީ ފުރަތަމަ މެޗުގައި އަމިއްލަ ގައުމުގައި ވެސް 1-0 އިން އިންގްލެންޑް ބަލި ކުރި އެވެ. އަދި ރޭގެ މޮޅާ އެކު ހަތް ޕޮއިންޓް ހޯދައިގެން ހަންގޭރީ އޮތީ ގުރޫޕުގެ އެއްވަނައިގަ އެވެ. ދެވަނަ މެޗުގައި އިޓަލީ އަތުން ބަލިވި ނަމަވެސް ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ ޖަރުމަން އަތުން ޕޮއިންޓެއް ހޯދައިފަ އެވެ.

މިއީ 1928 ގައި އިންގްލެންޑް އަމިއްލަ ފަސްގަނޑުގައި ސްކޮޓްލެންޑް އަތުން 5-1 އިން ބަލިވި މެޗަށް ފަހު، މިހާ ތަފާތު ބޮޑުކޮށް އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ހަންގޭރީން އިނގިރޭސި ފަސްގަނޑުގައި އިންގްލެންޑު ބަލިކުރި ދެވަނަ ފަހަރެވެ. މިއާ އެކު އިންގްލެންޑަށް ވަނީ މުބާރާތުގެ ފައިނަލް ބުރަށް ދިޔުމުގެ ފުރުސަތު ގެއްލިފަ އެވެ.

ފުރަތަމަ ހާފު ހަންގޭރީ ނިންމާލީ ވިންގާ ރޮލާންޑް ސަލާއީގެ ލަނޑުން ކުރި ހޯދައިގެންނެވެ. އެޓީމުގެ ދެވަނަ ލަނޑު 70 ވަނަ މިނިޓިގައި ޖަހައިދިނީ ވެސް ސަލާއީ އެވެ. އަދި ތިންވަނަ ލަނޑު 80 ވަނަ މިނިޓުގައި ޖަހައިދިނީ ސޯލްޓް ނެގީ އެވެ. އޭގެ ދެ މިނިޓު ފަހުން އިންގްލެންޑުގެ ޑިފެންޑަރު ޖޯން ސްޓޯންސް އަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން އެޓީމަށް މެޗު ފުރިހަމަކުރަން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ.

މެޗަށް ފަހު އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ކަންބޮޑުވެފައި.-- ފޮޓޯ: އޭއެފްޕީ

ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ އިންގްލެންޑު ކޮޅަށް ހަންގޭރީގެ ހަތަރުވަނަ ލަނޑު 89 ވަނަ މިނިޓުގައި ޖެހީ ޑެނިއަލް ގަޒްޑާގް އެވެ. މިއާ އެކު އިންގްލެންޑް އޮތީ ހަތަރު މެޗުން ހޯދި ދެ ޕޮއިންޓާ އެކު ގުރޫޕުގެ ފުލުގަ އެވެ.

ހަންގޭރީން އިނގިރޭސިވިލާތުގައި އިނގިރޭސި ގައުމީ ޓީމު ފުރަތަމަ ބަލިކުރީ 1954 ވަނަ އަހަރެވެ. ވެމްބްލީގައި 105،000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު އެ މެޗު ހަންގޭރީ ކާމިޔާބުކުރީ 6-3 އިންނެވެ. އޭގެ ކުރިން ހަމަ އެ އަހަރު ހަންގޭރީން ވަނީ 92،000 ސަޕޯޓަރުން ކުރިމަތީގައި 7-1 އިން އިންގްލެންޑް ބަލި ކޮށްފަ އެވެ. އެއީ މިއަދާ ހަމައަށް ވެސް އިންގްލެންޑުގެ އެންމެ ތަފާތު ބޮޑުކޮން ބަލިވި ނަތީޖާ އެވެ.

ހަންގޭރީ އަށް ވުރެ ޕޮއިންޓެއް މަދުން، ހަ ޕޮއިންޓް ހޯދައިގެން ގުރޫޕުގެ ދެވަނައިގައި އޮތީ ޖަރުމަނެވެ. މީ ނޭޝަންސް ލީގުގައި މިއަހަރު އެޓީމުން ހޯދި ފުރަތަމަ މޮޅެވެ. ފުރަތަމަ ކުޅުނު ތިން މެޗުވެސް ނިމުނީ އެއްވަރު ވެގެންނެވެ.

ގުންޑޮގާން، ޖަރުމަނުގެ ދެވަނަ ލަނޑު ޖެހުމަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ފުރަތަމަ ހާފް ޖަރުމަނުން ނިންމާލީ ޔޯޝުއާ ކިމިކް އާއި އިލްކާއި ގުންޑޮގާންގެ ޖެހި ގޯލްތަކުން ދެ ލަނޑުގެ ލީޑަކާ އެކު އެވެ. ހާފު ނިމެނިކޮށް ގުންޑޮގާން ކާމިޔާބުކުރި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. ޖަރުމަނުގެ ތިންވަނަ ލަނޑު 51 ވަނަ މިނިޓުގައި ޖަހައިދިނީ ތޯމަސް މުލާ އެވެ. އަދި 68 ވަނަ މިނިޓުގައި ޓިމޯ ވާނާ ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި ފަސް ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ.

އިޓަލީގެ ފުރަތަމަ ލަނޑު 78 ވަނަ މިނިޓުގައި ޖެހީ ސްވިޒަލެންޑުގެ ޒިއުރިކަށް ކުޅޭ 18 އަހަރުގެ ފޯވާޑް ވިލްފްރެއިޑް ޖިއޯންޓޯ އެވެ. އަދި އިތުރު ވަގުތުގައި ދެވަނަ ލަނޑު ޖަހައިދިނީ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އެވެ. މިއީ ނޭޝަންސް ލީގުގައި މިއަހަރު އިޓަލީ ބަލިވި ފުރަތަމަ މެޗެވެ. އެޓީމު އޮތީ ފަސް ޕޮއިންޓާ އެކު ގުރޫޕުގެ ތިންވަނައިގަ އެވެ.

ނެދަލެންޑްސް މޮޅުކޮށްދިން ލަނޑު ޖެހި ޑިޕާއި ބޯޅަ ހިފައިގެން ކުރިއަށް ދާޏް މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލީގު އޭގެ ހަތަރުވަނަ ގުރޫޕުގައި ހިމެނޭ ނެދަލެންޑްސް ވެސް ވަނީ ފޯރިގަދަ ކުޅުމަކަށް ފަހު ވޭލްސް މައްޗަށް 3-2 އިން ކުރި ހޯދައިފަ އެވެ. ޒުވާން ވިންގާ ނޯއާ ލަންގް އާއި ކޮޑީ ގަކްޕޯ ނެދަލެންޑްސް އަށް ދެ ގޯލުގެ ލީޑެން ނަގައިދީފައި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވޭލްސްގެ ބްރޭނަން ޖޯންސަން އެޓީމަށް ފަރަގު ކުޑަ ކޮށްދިނެވެ.

ވޭލްސް އިން ނަތީޖާ އެއްވަރު ކުރީ ލިބުނު ޕެނަލްޓީއަކުން، މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ގަރެތު ބޭލް އެވެ. ނަމަވެސް އެއްވަރު ކުރިތާ މިނިޓެއް ނުވަނީސް ނެދަލެންޑްސް އަށް ތިން ޕޮއިންޓް ޔަގީން ކޮށްދިނީ މެމްފިސް ޑިޕާއި އެވެ.

މި މޮޅާ އެކު ނެދަލެނޑްސް އޮތީ 10 ޕޮއިންޓް ހޯދައިގެން ގުރޫޕުގެ އެއްވަނައިގަ އެވެ. އަދި ދެވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ ބެލްޖިއަމް އެވެ. ބެލްޖިއަމް ވަނީ ރަށުން ބޭރުގައި 1-0 އިން ޕޮލެންޑް ބަލި ކޮށްފަ އެވެ. އެޓީމުގެ ހަމައެކަނި ލަނޑު 16 ވަނަ މިނިޓުގައި ޖަހައިދިނީ މިޝީ ބަޓްޝުއާއީ އެވެ.

ގުރޫޕުގެ ތިންވަނައިގައި އޮތް ޕޮލެންޑަށް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ވޭލްސް އަށް ލިބިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ބެލްޖިއަމްއާ އެއްވަރުކޮށްގެން ހޯދި ހަމައެކަނި ޕޮއިންޓެވެ.

6 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 67%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒައިކް

15 June 2022

އިޓަލީ ދެން އެއީ ރީބިލްޑިންގ އޮތް ޒުވާން ޓީމެއް ނެރެގެން، ޖަރުމަނުގެ އަމިއްލަ ދަނޑުގަ ޖަރުމަނުކަހަލަ ވަރުގަދަ ޓީމެއް ކައިރީގަ 2 ގޯލު ޖެހުން ވެސް އެއީ ކާމިޔާބެއް.. އެކަމު އިނގެރޭސިން ހެރީ ކޭން މެން ނެރެގެން އަމިއްލަ ދަނޑުގަ ތިޖެހި ސަކަރާތެއް ނުވިސްނުނު..

The name is already taken The name is available. Register?

ބަކުރުބޭ

15 June 2022

ހަބަރުލިޔާއިރު ފަހަރަކު މެޗެއްގެ ވާހަކަ ލިޔާނަމަ ރަނގަޅުވީސް. ހީވަނީ 3 ވައްތަރުގެ ރިހަ އެއްފަހަރާ އެއްތެލީގަ ކައްކާފަ ހުރިހެން

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

15 June 2022

ފުޓްބޯޅައިގެ ޕަޔޮނިއާސްގެ ތާޖު އަޅައިގެން ތިބި މީހުންނަށް އެންމެ ފަހުން އެއްޗެއް ލިބުނުއިރު ރާއްޖެ މިނިވަންވިތާ ފުރުނީ 1 އަހަރު.ނަމަވެސް މޮޑަން ފުޓްބޯޅަ ތައާރްފަކުރި ގައުމުތަކުން މިއަދު ވަނީ ފަޙުރުވެރި ކުލަގަދަ ގިނަ ކާމިޔާބީތަކުން އެމީހުންގެ ހަރުގަނޑުތައް ޖަރީކޮށްފަކަން މުޅި ދުނިޔެ ހެކިވާނެ.އެހެންވީމަ 03 ސިންގާ ދަނޑުމަތީގަ އަދި ފެންނަނީ ބަލިކަށި ހިކަންޖެއްގެ ގޮތުގައޭ ބުންޏަސް ދޮގަކަށް ނުވަނޭ.އެހެންނޫންތޯ @ލެއްގިކޮމިޝަނަރ.!ވ.ވެދުން #ޕުތަ3ލަޔަންސް

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރ

15 June 2022

ފުޓްބޯޅައިގެ ބަފާހެދިގެން އިނގިރޭސިން އަބަދުވެސް ހާވަނީ މިކަހަލަހަނޑި. ބަޔަކު މީހުން ހިތަށްއަރަނީ އިނގިރޭސިލީގު ވަރުގަދަވީމަ ގައުމީޓީމުވެސް ވަރަށް ވަރުގަދަވާނެއޭ. ލީގު ވަރުގަދަވަނީ އެމެރިކާއާ ޔަހޫދީންނާ އަރަބި ތެޔޮވަޅުތަކުން ކުލަބުތައް ގަނެގެން ހަރަދުކުރާތީ. ދެން މީޑިއާއިން އަބަދުވެސް އިސްތިހާރު ކުރާނީ ވޯލްޑް ނަމްބަރ ވަންލީގޭކިޔާފަ. އެކަމަކު ފައިނަލެއްގަ އެހެންލީގު ކުލަބަކާ ކުޅެފީޔާ ތަށިވެސް ނުލިބޭ. އިނގިރޭސިން ރަނގަޅުވާނީ ކުރިކެޓްކުޅެން

The name is already taken The name is available. Register?

ޒީކް

15 June 2022

3 މޮސްކިޓޯސް، މީޑިޔާއިން މޮޅުކޮށްގެން އުޅޭ ބައެއް

The name is already taken The name is available. Register?

ޤައުމ

15 June 2022

ކަލޯ ކޮމިޝަނަރ ވަރުގަދަ ނޫންނަމަ އެންމެ ފަހުު ވޯލްޑްކަޕް ސެމީ ނުކުޅެނެ.. ނިމިދިޔަ ޔޯރޯ ފައިނަލްވެސް ނުކުޅޭނެ.. ކޮން ހަސަދައެއް ތި އޮންނަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454