ދުނިޔެ / ތާލިބާން

އަފްގާނު ބިންހެލުމުގައި މަރުވި އަދަދު 1500 އިން މައްޗަށް

ޖޫން 22، 2022 ގައި އަފްގާނިސްތާނުގެ އިރުދެކުނު ސަރަހައްދަށް އައި ބާރު ގަދަ ބިންހެލުމުގައި ހަލާކުވެފައިވާ އިމާރާތްތަކެއް. --އޭއެފްޕީ

23 ޖޫން 2022 - 12:26

1 comments

މިދިޔަ ބުދަ ވިލޭރޭ ދަންވަރު އަފްގާނިސްތާނަށް އައި ބާރު ގަދަ ބިންހެލުމެއްގައި، މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ބުނެ، އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުން ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަމަށް އެދި ގޮވާލައިފި އެވެ.

ތާލިބާނުންގެ ސަރުކާރުން ބުނި ގޮތުގައި ބިންހެލުމުގައި އެކިވަރުގެ އަނިޔާތަކައި ޒަޚަމްތައް ލިބުނު މީހުންގެ އަދަދު ވެސް މިހާރު ވަނީ ދެ ހާހުން މައްޗަށް އަރައިފަ އެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަން ފާހަގަކޮށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ހުޅަނގުގެ ގައުމުތަކަށް ގޮވާލަމުން ދަނީ، ތާލިބާނުންގެ ސަރުކާރާ އެކުގައި މުއާމަލާތުކުރުމަށް ހުޅަނގުން ކަނޑައަޅާފައިވާ ޝަރުތުތައް ދޫކޮށްލުމަށެވެ.

މި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެ ގައުމުގެ އިރުދެކުނުން ޕާކިސްތާނުގެ އިމާ ގާތުގައި އޮންނަ ޕަކްތިކާ ޕްރޮވިންސަށާއި ޚޯސްތު އަށެވެ. އެ ދެ ސަރަހައްދުން ހާހެއްހާ ގެ ވެއްޓިފައިވާ އިރު، އޭގެ ތެރެއިން ޚޯސްތުން އެކަނިވެސް 600 ގެ ވަނީ ދިރިނުއުޅެވޭ ވަރަށް ހަލާކުވެފަ އެވެ.

ޖޫން 22، 2022 ގައި އަފްގާނިސްތާނުގެ އިރުދެކުނު ސަރަހައްދަށް އައި ބާރު ގަދަ ބިންހެލުމުގައި އަނިޔާ ލިބުނު ބައެއް މީހުންނަށް، ހޮސްޕިޓަލެއްގައި ފަރުވާ ދެނީ. --އޭއެފްޕީ

ބިންހެލުމުގައި އެތައް ހާސް ބަޔަކު ގެދޮރު ގެއްލިފައިވާ އިރު، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން، އަފްގާނިސްތާނުގެ ބޮޑުވަޒީރު މުއްލާ މުހައްމަދު ހަސަން އާޚުންދު އިއްޔެ ވަނީ، ސަރުކާރުގެ އިސް ވެރިންގެ ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ. އަފްގާނިސްތާނުގެ ދާހިލީ ވުޒާރާގެ ތަރުޖަމާނު ހަމީދު ހަސަން ވިދާޅުވި ގޮތުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން ލިބޭނެ ކަމަށް އަފްގާނު ސަރުކާރުން އުންމީދު ކުރެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކަށް މިވަގުތަށް އެންމެ ބޭނުންވޭ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޑޮކްޓަރުންގެ ޓީމުތައް މިހާރު ވަނީ ހެލިކޮޕްޓަރުގައި އެ ސަރަހައްދުތަކަށް ފޮނުވައިފަ އެވެ. ނަމަވެސް އެ ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުންނާއި، އެކަށީގެންވާ އާލާތްތައް ނެތުމުގެ ސަބަބުން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަފްގާނިސްތާނަށް އަރައި ތިބި އެމެރިކާ ސިފައިންނާއި ހުޅަނގުގެ ގައުމުތަކުގެ ސިފައިން، 2020 އޮގަސްޓުގައި އެ ގައުމުން ފައިބައިގެން ދިއުމާއެކު، ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމާ ހަވާލުވުމާ ގުޅިގެން، ހުޅަނގުގެ ގައުމުތަކުން ވަނީ އަފްގާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަފްގާނުގެ އިގްތިސާދު ވަޅުޖެހި، ރައްޔިތުން ހާލުގައި ޖެހިފައިވަނިކޮށް، މިއައި ބިންހެލުމުގެ ސަބަބުން، އަފްގާނު ރައްޔިތުންގެ ހާލަތު އެއަށް ވުރެ ބޮޑަށް ގޯސްވެގެންދާނެ އެވެ.

ޖޫން 22، 2022 ގައި އަފްގާނިސްތާނުގެ އިރުދެކުނު ސަރަހައްދަށް އައި ބާރު ގަދަ ބިންހެލުމުގައި އަނިޔާ ލިބިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި މީހުންނަށް ލޭ ހަދިޔާ ކުރުމަށް، ހޮސްޕިޓަލުގެ ބޭރުގައި މީހުން ކިޔޫ ހަދާފައި. --އޭއެފްޕީ

ބިންހެލުންތަކާ ބެހޭ ދިރާސާތައް ކުރާ އެމެރިކާގެ އިދާރާ އިން ބުނި ގޮތުގައި ބުދަ ވިލޭރޭ ދަންވަރު އައި ބާރުގަދަ ބިންހެލުން އުފެދުނީ، އަފްގާނިސްތާނާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޚޯސްތު ސަހަރުގެ ހުޅަނގުދެކުނުން 46 ކިލޯމީޓަރު ދުރުން، ބިންގަނޑުގެ 10 ކިލޯމީޓަރު ފުނުންނެވެ. އެ ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓާ މިންގަނޑުން 5.9 ގަ އެވެ. އެ ބިންހެލުން އައިތާ ގަޑިއެއްހާއިރު ފަހުން ވެސް، 4.5ގެ ބާރުމިނުގައި ދެ ވަނަ ބިންހެލުމެއް ވެސް އައެވެ.

އަފްގާނިސްތާނު ސަރުކާރުން ބުނާ ގޮތުގައި ބިންހެލުމުގެ މަރުކަޒު ހުރި ހިސާބުން ފެށިގެން 500 ކިލޯމީޓަރު ދުރު ސަރަހައްދަށް ވެސް، މި ބިންހެލުމުގެ ލޮޅުންތައް އެރި އެވެ. އޭގެ އިތުރުން ޕާކިސްތާނާއި އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވެސް، މި ބިންހެލުމުގެ އަސަރު ފޯރި ކަމަށް އެ ދެ ގައުމުން ބުނެ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޖުމަދު

27 June 2022

ބަލަ ހަމަ އެންމެ ކޮމެންޓެއް ވެސް ނުލިބުނު ދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454