އެމްއެންޔޫ:. އެމްއެންޔޫ އިން ދިރާސީ ލިޔުން ހުށައެޅުމަށް ބާއްވާ މަހާސިންތާ އޯގަސްޓް މަހު އޮންނާނެ
26 ޖޫން 2022 - 16:57
އިލްމީ ދިރާސާތައް ހުށަހެޅުމަށް ގައުމީ ޔުނިވާސިޓީން ބާއްވާ "ތެވެލި ބައިނަލްއަގުވާމީ މަހާސިންތާ 2022" އޮގަސްޓު މަހު ބާއްވަން ނިންމައިފި އެވެ.
އެމްއެންޔޫ އިން ބުނީ، މި މަހާސިންތާ އޮންނާނީ އޮގަސްޓު 22 އިން 23 އަށް ކަމަށެވެ.
މިއީ ގައުމު ބިނާކުރުމަށް ކުރެވޭ ދިރާސާތަކުގެ މައްޗަށް އެކުލަވާ އިލްމީ ހޯދުންތައް ހުށައެޅުމަށް ބާއްވާ މަހާސިންތާއެކެވެ. ރާއްޖެއިން ބޭރުގެ ސްކޮލާސް ވެސް ހިމެނޭހެން ބާއްވާ މި މަހާސިންތާގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުން ކަމަށް އެމްއެންޔޫ އިން ބުންޏެވެ. އަދި ރާއްޖެއަށް ބޭނުންވާ އިލްމީ ދިރާސާތައް ކުރުމާއި ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި އިލްމީ ދިރާސާގެ އަލީގައި ގައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށް އެހީތެރިވުމާއި ޑޮކްޓާ އޮފް ފިލޯސަފީގެ ދަރިވަރުންނާއި މުވައްޒަފުންނަށް އެހީތެރިވުމަކީ ވެސް މި މަހާސިންތާގެ މުހިންމު ބައެއް ކަމަށް އެމްއެންޔޫ އިން ބުންޏެވެ.
އެމްއެންޔޫ އިން ބުނީ، މި މަހާސިންތާގައި ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކުގެ ޕްރޮފެސަރުންނާއި، އިލްމީ ދިރާސާތައް ކުރާ ޕްރޮފެސަރުން މި މަހާސިންތާގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންނާއި، އެކި ކުންފުނިތަކުން ހަދާފައިވާ އިލްމީ ހޯދުންތަކާއި ގައުމީ ލެވެލްގައި ހޯދާފައިވާ ހޯދުންތައް ވެސް މި މަހާސިންތާގައި ހުށަހަޅާނެ އެވެ. މި މަހާސިންތާގައި ރަޖިސްޓްރީކުރަން ހުޅުވާލާނީ މި އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
މި ކޮންފަރެންސް ގައި އިނގިރޭސި އަދި އަރަބި ބަހުގެ ޕޭޕަރު ހުށައެޅޭނެ އެވެ. މިއީ އެމްއެންޔޫގެ ރިސާޗް ޑިވޮލޮޕްމެންޓު އޮފީހުން ރާވައިގެން ބާއްވާ މަހާސިންތާއެކެވެ. މި އަހަރު ބާއްވަނީ އެމްއެންޔޫގެ "ތެވެލި ބައިނަލްއަގުވާމީ މަހާސިންތާ" ގެ ފަސް ވަނަ ބައްދަލުވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy