ފްރެންކީ ޑި ޔޮންގް މިދިޔަ ސީޒަނުގައި ބާސެލޯނާގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ.-- ފޮޓޯ: އޭއެފްޕީ
28 ޖޫން 2022 - 06:35
މެންޗެސްޓާ (ޖޫން 28) - ބާސެލޯނާ އަށް ކުޅޭ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރޭންކީ ޑި ޔޮންގް ހޯދުމުގައި މެންޗެސްޓާ ޔުނައިޓެޑުން ބާސެލޯނާއާާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކުގައި ކުރިއެރުން ހޯދަމުން އަންނަ ކަމަށް ރިޕޯޓް ކޮށްފި އެވެ.
ޑި ޔޮންގް، 25، ބާސެލޯނާގައި ހުންނަން ބޭނުންވިޔަސް އެ ޓީމުގެ މާލީ ދަތިތަކާ ހުރެ ބާސާ އަށް ވަނީ އޭނާ ބޮޑު އަގުގައި ވިއްކާލަން މަޖުބޫރު ވެފަ އެވެ. ބާސާ އިން ޑި ޔޮންގް އަށް 85 ނުވަތަ 86 މިލިއަން ޔޫރޯގެ ފީއެއް ބޭނުންވާ ކަމަށް އިޓަލީގެ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓް ކޮށްފައި ވެ އެވެ.
އޭނާ ރިޕޯޓް ކޮށްފައިވާ ގޮތުގައި ޔުނައިޓެޑުން ވަނީ 65 މިލިއަން ޔޫރޯގެ ފީއަކަށް އަނގަބަހުން އެއްބަސް ވެފަ އެވެ. އިތުރު އެޑޯންސްތަކާ އެކު އިތުރު ވިއްސަކަށް މިލިއަން ޔޫރޯއާ އެކު ބާސެލޯނާ އިން ޑިމާންޑްކުރާ އަގު ހަމަކުރަން މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ވެސް ފަބްރީޒިއޯ ރިޕޯޓް ކޮށްފައި ވެ އެވެ.
ޑި ޔޮންގް އަކީ ޔުނައިޓެޑުގެ އާ ކޯޗު އެރިކް ޓެން ހަގްގެ އިރުޝާދުގެ ދަށުން އަޔެކްސް ގައި މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ. ޓެން ހަގްއާއެކު އަޔެކްސްގައި ކުޅުނު، މިހާރު ޗެލްސީގައި ހުރި ހަކީމް ޒިޔެޝް ގެންދަން ޝައުގުވެރިވާ ކަމަށް ވެސް ބައެއް މީޑީއާތަކުން ބުނެ އެވެ.
އަޔެކްސްގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން ބްރެޒިލްގެ ޒުވާން ވިންގާ އެންޓޮނީ އާއި އާޖެންޓީނާ ސެންޓަ ބެކް ލިސަންޑްރޯ މާޓިނޭޒް ގެންދަން ވެސް ޓެން ހަގް ޝައުގުވެރިވާ ކަމަށް ނެދަލެންޑްސްގެ މީޑިއާތަކުގައި ވެ އެވެ.
މާޓިނޭޒް ގެންދަން އާސެނަލް ވެސް ޝައުގުވެރި ވެއެވެ. އެ ގައުމުގެ މީޑިއާތަކުން ބުނާގޮތުގައި ދެ ކުޅުންތެރިންނަށް އަޔެކްސް އިން 130 މިލިއަން ޕައުންޑް ޑިމާންޑް ކުރެ އެވެ.
ޔުނައިޓެޑުން ވަނީ އެ ޓީމާ އެކު ހެދި އެއްބަސްވުން ހަމަވެފައިވާ ޕައުލް ޕޮގްބާ އާއި ހުއާން މަޓާ އަދި ނިމަންޔާ މަޓިޗް އާއި ޖެސީ ލިންގާޑް އާއި އެޑިންސަން ކަވާ ދޫކޮށްލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗވފދރ
28 June 2022
މެންޗެސްޓަރ ޔުނައިޓެޑު ތީ މިހާރު ކަންމަތީ ޓީމަކަށްވެސް ނުފުދޭ ޓީމެއް