މިގޮތަށް ނިންމީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ އެކައުންޓަކުން 2018 ވަނަ އަހަރު އޭނާ ދޫކުރި 2.3 މިލިއަން ރުފިޔާގެ ޗެކެއްގެ މައްސަލާގައި. އެ ފައިސާ ދެއްކުމަށް ކޯޓުން ވަނީ އަންގާފައި
މީހަކު ފައިސާތަކެއް ދެނީ: އެކައުންޓްގައި ފައިސާ ނެތަސް، ފައިސާ ދޫކުރުމުގެ ބާރު ބޭންކަށް އޮންނާނެ ކަމަށާއި އަދި އެގޮތުން ދޫކުރާ ފައިސާ އަނބުރާ ހޯދޭނެ ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
29 ޖޫން 2022 - 07:04
އެކަައުންޓްގައި ހުރި ވަރަށް ވުރެ އިތުރަށް ފައިސާ ނެގުމަކީ ނުވަތަ ވިޔަފާރި ކުރުމަކީ ގިނަ މީހުންނަށް ނޭނގި ނަމަވެސް ކުރެވޭ ކަމެކެވެ. އޯވްޑްރާފްޓްގެ ގޮތުގައި މިގޮތަށް ފައިސާ ބޭނުންކޮށްފައި ވަނިކޮށް އެކައުންޓަށް އެހެން ފައިސާއެއް ވަދެއްޖެ ނަމަ، ކުރީގެ ބައި ބޭންކުން އަތުލާނެ އެވެ.
އެކަމަކު އެ ފައިސާ ބޭންކަށް ނުލިބިއްޖެ ނަމަ އެއީ ދަރަންޏެއްތޯ އޮތް ސުވާލަށް ހައި ކޯޓުން އިއްޔެ ކުރި ހުކުމަކުން ފުރަތަމަ ފަހަރަށް ވަނީ ޖަވާބުދީފަ އެވެ. އެގޮތަށް ނިންމީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ނަމުގައި މޮރިޝަސް ކޮމާޝަލް ބޭންކްގައި އޮތް އެކައުންޓަކުން 2018 ވަނަ އަހަރު އޭނާ ދޫކުރި 2.3 މިލިއަން ރުފިޔާގެ ޗެކެއްގެ މައްސަލައިގަ އެވެ.
އަލީ ޒާހިރުގެ އެކައުންޓަށް އަލީ ޒާހިރުގެ އެކައުންޓަށް ޖަމާކުރީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދުގެ ޗެކެކެވެ. އެކައުންޓަކުން 4.1 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރުމަށް ފަހު އަލީ ޒާހިރުގެ އެކައުންޓުން 2.3 މިލިއަން ރުފިޔާގެ ޗެކެއް ދިނީ ވެސް އަބްދުﷲ ނަސީރު މުހައްމަދަށެވެ.
އަލީ ޒާހިރު ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ ޖަމާވިކަމުގެ ޑިޕޮޒިޓް ސްލިޕެއް ލިބުމުންނެވެ. އެއަށް ބަރޯސާވެ، އޭނާ ޗެކް ދޫކުރެއްވިޔަސް، އޭރު އެކައުންޓަށް އެ ފައިސާ ޖަމައެއްނުވެ އެވެ. އެކަމަކު ބޭންކުން އެ ޗެކަށްވާ 2.3 މިލިއަން ރުފިޔާ ދޫކުރި އެވެ. ޖަމާކުރުމަށް ހުށަހެޅި ޗެކްގެ އެކައުންޓްގައި ފައިސާ ނެތްކަން އެނގުމުން ބޭންކުން އަލީ ޒާހިރަށް އެންގީ އަލީ ޒާހިރުގެ އެކައުންޓުން ދޫކުރި ފައިސާ ބޭންކަށް ދެއްކުމަށެވެ. އެހެންވެ އޭނާ އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ބޭންކުގެ އެންގުން ބާތިލް ކުރުމަށެވެ.
ޗީފް އޮފް ސްޓާފް އަލީ ޒާހިރު --ފޮޓޯ/މިހާރު
ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އިއްޔެ ކުރި ހުކުމުގައިވަނީ އެކައުންޓްގައި ފައިސާ ނެތަސް، އޯވަޑްރާފްޓެއްގެ ގޮތުގައި ފައިސާ ދޫކުރުމުގެ ބާރު ބޭންކަށް އޮންނަ ކަމަށެވެ. އަދި ބޭންކްތަކާއި ކަސްޓަމަރުންނާ ދެމެދު އެއްބަސްވުމެއް އޮވެގެން ނުވަތަ އެއްބަސްވުމެއް ނެތި ވެސް، އެކަން އެގޮތަށް ކުރެވިދާނެ ކަމަށާއި އެ ހާލަތުގައި އިތުރަށް ދޫކުރި ފައިސާ އަނބުރާ ހޯދުމުގެ ބާރު ބޭންކަށް ލިބިގެންވާ ކަމަށް އެ ހުކުމުގައިވެ އެވެ.
"އޯވަޑްރާފްޓްގެ ގޮތުގައި ނެގޭ ފައިސާއަކީ ދަރަންޏަށް ނެގޭ ފަައިސާއެކެވެ. ނުވަތަ ލޯނުގެ ގޮތުގައި ނެގޭ ފައިސާ އެކެވެ." ބޭންކިން ގާނޫނުތަކަށް ހަވާލާދެއްވައި، ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައިވެ އެވެ.
Ali Zahir Vs The Mauritius Commercial Bank (Maldives) Pvt Ltd (2019/HC-A/565)
— High Court of Maldives (@mvhighcourt) June 27, 2022
Judgement Details: https://t.co/cDeE34YaEN pic.twitter.com/uBJ3XfzdOA
ފަނޑިޔާރު ޝަފީއު ލިޔުއްވާފައިވާ ގޮތުން އޯވާޑްރާފްޓްގެ ގޮތުގައި ދޫކުރާ ފައިސާއަކީ އެ މީހަކަށް ބޭންކުން ދޭ "ފްރީ ގިފްޓެއް" ނޫނެވެ. އެހެންވެ، އަލީ ޒާހިރުގެ އެކައުންޓުގައި ފައިސާ ނެތީސް، ބޭންކުން އޯވާޑްރާފްޓްގެ ގޮތުގައި ދޫކުރި 2.3 މިލިއަން ރުފިޔާ އޭނާގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
ފަނޑިޔާރު ޝަފީއުގެ ރައުޔަށް ތާއީދު ކުރެއްވި، ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާގެ ރައުޔުގައިވަނީ ރާއްޖޭގެ ޗެކާ ބެހޭ ގާނޫނު އޮތްގޮތުން ޗެކެއް ދޫކުރާއިރު އެކައުންޓްގައި ފައިސާ ނެތަސް، އޯވްޑްރާފްޓެއްގެ ގޮތުގައި ފައިސާ ދޫކުރުމާއި ނުކުރުމުގެ ބާރު ބޭންކްތަކަށް އޮންނާނެ ކަމަށެވެ. އަދި އެވޯޑްރާފްޓްގެ ގޮތުގައި ފައިސާ ދޫކުރުމުގެ ބާރު ބޭންކަށް އޮންނާތީ އެ ފައިސާ އަނބުރާ ބޭންކަށް ހޯދުމުގެ ބާރު ވެސް ބޭންކަށް އޮންނާނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
މިކަމުގައި ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ޗެކާބެހޭ ގާނޫނުގެ އެހެން މާއްދާއަކާ ހަވާލާދެއްވައި، އޭނާ ވިދާޅުވެފައިވަނީ އެކައުންޓްގައި ފައިސާ ނެތް ނަމަ، ޗެކަށް ފައިސާ ދޫކުރުމުގެ ބާރު ބޭންކަށް ނޯންނާނެ ކަމަށެވެ.
ފަނޑިޔާރު ފައިސަލްގެ ރައުޔުގައިވަނީ އަލީ ޒާހިރު ޗެކް ދޫކުރީ އޭނާގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށް ބުނެ ބޭންކުން ދިން ލިޔުމަށް އިތުބާރު ކޮށްގެން ކަމަށްވާތީ ޗެކަށް ފައިސާ ދޫކުރުމުގައި ބޭންކްގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާވެ، އޭނާ ފައިސާ ބޭނުން ކޮށްފައިވާއިރު އެހެން މީހަކު ބޭނުންކުރި ފައިސާއަކަށް އަލީ ޒާހިރު ނަގަން ނުޖެހޭނެ ކަމަށް ފަނޑިޔާރު ފައިސަލް ލިޔުއްވާފައިވެ އެވެ.
އޭނާގެ ރައުޔަކީ ބޭންކުގެ އެންގުން ބާތިލް ކުރުމަށެވެ.
އެހެން ނަމަވެސް އަނެއް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވަނީ ބޭންކުގެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ބޭންކާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ދަމަހައްޓާ ކަމަށް އެ ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާޔާ
23 July 2022
ޢަރުތަ ތިޔައުޅުއްވަނީ މަސްދަރު ހާމަކުރުވަން އެކަމެއް ނުކުރެވޭނެއެވެ.
ޢަރުތަ
29 June 2022
"އަލީ ޒާހިރު ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ ޖަމާވިކަމުގެ ޑިޕޮޒިޓް ސްލިޕެއް ލިބުމުންނެވެ". މިކަންކުރީ ބޭންކުންނޫންބާ! މީހަކު އަމިއްލައަށް އެކައުންޓަށް ފައިސާ ޖަމާވިކަމުގެ ސްލިޕެއް ހަދާލީބާ! ދެން އަނެއްކާ އެކައުންޓުގަ ފައިސާ ނެތަސް ޗެކެއް ދޭއިރަށް އެ ޗެކަށް ފައިސާ ދުކުރިއްޔޯ!؟
ނޮޓްއަލޯން
29 June 2022
އެއްވެސް މީހަކު ނުބުނެއޭ އެ ލާރި އަކީ ގިފްޓެކޭ. ލޯޔަރުން ބޭނުންކޮށްގެން ފާޑުފާޑު ގޮތްގޮތަށް ހެދިދާނެ. އަދި ކޯޓްތަކަށް ނުފޫޒު ފޯރުވައިގެން ބޭންކުތައް ބޭނުންވާ ގޮތަށް ނިންމިދާނެ. ބޭންކުތަކުން މަކަރާ ހީލަތް ހަދާއިރު އެމް.އެމް.އޭ ނިދާފަ.
ސަލީމް11
29 June 2022
ހައްޖު ކޯޓާ ވެސް ލިބެނީ އިބޫގެ ސެކެޓްރީ އަށް ބައި އަޅައިގެން ކަން މިކަމުން މި ފަޅާއެރީ! ކޮރަޕްޓް ސަރުކާރު ?
ޢަރުތަ
29 June 2022
ހައްޖުކޯޓާއާ އެއްވެސް ގުޅުމެއް ހުރި ވާހަކައެއް މިލިއުމަކު ނެތް، ދެން ކޮން އެއްޗެއް ފަޅާއެރި ވާހަކައެއްބާ!
ހިތަޑު 2
29 June 2022
މިގައުމުގަ ބޭންކްތަކުން ބޭނުންހާ ގޮތެއް. ހިތައް އެރިއްޔާ ޗެކް ބައުންސް ކޮއްފަ 750ރ ކާލާނެ، މިފަހަރު މިއޮތީ ގުޅިގެން މީހެއްގެ ބޮލުގަ ބޮޑު ދަރަންޔެއް އަޅުވާފަ.
އަންއެތިކަލް
29 June 2022
ދަރަންޏަށް އެއްޗެއް ދެވޭނީ، ދަރަންޏަށް މީހަކު އެދުމުން. އަލީ ޒާހިރު އެދުނީ އޭނަގެ އެކައުންޓްގަ ހުރި ލާރި (ލާރި ހުރިކަމަށް ބަލާފަ). އޭގެ ބަދަލުގައި ބޭންކުން ދަރަންޏަށް ދޭނަމަ، ބުނަންޖެހޭނެ، އެކައުންޓްގަ ލާރިނެތޭ، އެކަމަކު ދަރަންޏަށް ލަރި ދެވިދާނެއޭ، ބޭނުންހޭ. ބޭނުންނަމަ ކަސްޓަރމަރ ބުނާނެ ބޭނުމޭ. މިވަރު ކޮށްނުދެވެންޏާ އޭގެ މާނައަކީ ބޭންކުން ކުރާ ކަންތަކުން އޮޅިގެން އެތައްބަޔަކަށް ގެއްލުން ލިބިގެންދާނެއޭ. ހެޔޮނުވާނެ.
އަލިފުޅު3
29 June 2022
މިކަން ދެން ނިމޭނީ މިކަހަލަ ގޮތަކަށެވެ: ލިޔެވޭ އެންމެ ކުދި އަކުރުން ޑިޕޮސިޓް ސްލިޕް ގެ ތިރީ ކާރީގައި
ޑިމޮކްރަސީ
29 June 2022
އެކައުންޓްގަ ފައިސާ ނެތިސް ދޫކުރުން އެއީ ބޭންކްގެ ޒިންމާ އެއް ކޮންމެ ކޮންމެ މީހެއްގެ އެކައުންޓްގަ ތިވަރުގެ ބޮޑު އެމައުންޓެެއް ނުހުންނާނެ ތިހާފައިސާ ތިގޮތަށް ތި ދޫކުރުމާއި މެދު ސުވާލު އުފެދޭ ؟ ތިވެދާނެ މަޤާމްގެ ހަދިޔާ އެއްކަމަށްވެސް
އީވާ
29 June 2022
މިރުފިޔާގެ ވާހަކަ ގައިމު އާއްމުކުރި މާލީ ބަޔާނުގައެއް ނެތް. ނަމަކަށް ކުރާ ކަމެއްތޯ؟ 4.1 މިލިއަން ރުފިޔާ ލިބުނު ނަމަ، ނުވަތަ ލިބެން ޖެހޭނަމަ އެއީ ކިހިނެއް ލިބުނު އެއްޗެއްކަންވެސް އެނގެންޖެހޭނެ.
ޢަރުތަ
01 July 2022
2018ގެ މާލީ ބަޔާން ބަލާލީމަ ފެންނާނެ، 2021 ވަނަ އަހަރުގެ ބަޔާނުގަ ނޯންނާނެ، އެބުނާ 4.1 މިލިއަން ރިފުޔާއަކީ 2018 ވަނަ އަހަރުގެ "ކާރިސާ" އެއް.
ހާސަރު
29 June 2022
ބޭންކުން އޯވަރޑްރާފްޓްކޮށް ފައިސާ ދޫކުރާނީ އެމީހަކާ ބޭންކާދެމެދު އެއްބަސް ވުމެއް އޮތްނަމަ ، އެހެންނޫނީ އެކައުންޓްގައި ފައިސާ ނެތްނަމަ ދޫނުކުރާނެ. މިޚަބަރު ކިޔާނިމުނުއިރުވެސް އެވާހަކައެއްނެތް. އެއްވެސް ބޭންކަކުން އެކައުންޓްގައި ބައިރުފިޔާއެއް މަދަސް ފައިސާ ދޫނުކުރޭ.