މީރާ މާލޭ ޓަވަރު: އިންކަމް ޓެކްސް ދެއްކުމުގެ ފުރުސަތު ހަމަވަނީ --ފޮޓޯ: މިހާރު
29 ޖޫން 2022 - 14:21
މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ މުއްދަތު މާދަމާ ހަމަވާތީ، ޓެކްސް ދެއްކުމަށް މީރާ އިން ހަނދާންކޮށްދީފި އެވެ.
މީރާ އިން ބުނީ ބެންކުތަކާއި އިންޝުއަރެންސް ވިޔަފާރިތައް ފިޔަވައި އެހެން ފަރާތްތަކުން އިންކަމް ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅަން ޖެހޭނީ "މީރާ 604" ފޯމު ކަމަށެވެ.
އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުން، ޓެކްސްގެ އަދަދު ހިސާބުކުރާއިރު ސަމާލުވާންޖެހޭ ކަންކަމުގެ ތެރޭގައި، ވިޔަފާރި އާމްދަނީ ލިބޭ ފަރާާތަކަށް ވުމާއި އެ ފަރާތްތަކުގެ އާމްދަނީ 10 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ނަމަ، އޮޑިޓަރުގެ ރިޕޯޓު ހުށަހަޅުން ހިމެނެ އެވެ. އޭގެ އިތުރުން، އުޖޫރަ ލިބޭ ފަރާތްތަކުން ޓެކްސްގެ އާމްދަނީ ހިސާބުކުރަންވާނީ، ފައިސާ އާއި ފައިސާއިން ނޫންގޮތަށް ލިބިފައިވާ އިނާޔަތާއި މަންފާ ހިމަނައިގެންނެވެ.
މީރާއިން ވަނީ އިންކަމް ޓެކްސް ދެއްކުމުގައި މީރާ އަށް އައުމުގެ ބަދަލުގައި މީރާ ކަނެކްޓް މެދުވެރިކޮށް އޮންލައިން ކޮށް ފައިސާ ދެއްކުމަށް އެދިފަ އެވެ.
އާންމު ފަރުދުންގެ ތެރެއިން ހަމައެކަނި އުޖޫރަ ލިބޭ މީހުން ނުވަތަ ދިރިއުޅޭ ގެ ފަދަ ނުއުފުލޭ މުދާ ކުއްޔަށްދީގެން އެކަނި އާމްދަނީ ހޯދާ ފަރާތްތަކުގެ ތެރެއިން ހަރަދުގެ ގޮތުގައި ކުލީގެ 20 ޕަސެންޓު އުނިކުރާ ނަމަ ނުވަަތަ ހަމައެކަނި މި ދެގޮތުން އާމްދަނީ ހޯދާ ނަމަ، "ސިމްޕްލިފައިޑް އިންކަމް ޓެކްސް" ބަޔާނެއްގެ ގޮތުގައި އިންކަމްޓެކްސް ހުށަހެޅޭނެ އެވެ.
މީރާ އިން ބުނީ ބަޔާން ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުން ނަމަ މީރާގެ ހޮޓްލައިން 1415 އަށް ގުޅައިގެން އަދި އީމެއިލް މެދުވެރިކޮށް އެހީ ލިބޭނެ ކަމަށެވެ. އަދި މީރާގެ ސާވިސް ސެންޓަރު ކުރިމަތީގައި ހުންނަ ހާއްސަ މައުލޫމާތު ޑެސްކުތަކުން ވެސް ބަޔާން ފުރިހަމަކުރުމަށް އެހީތެރިވާނެ އެވެ.
އިންކަމް ޓެކްސް ބަޔާނާއި ފައިސާ ދައްކަން ޖެހޭ ވިޔަފާރިތަކުގެ ޝަަރުތުތައް މީރާގެ ވެބްސައިޓުގައިވާ "އިންޓަރެކްޓިވް ގައިޑް" މެދުވެރިކޮށް ބެލޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy