މާލެ: ޖޫން 30، 2022: ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލާ ގުޅިގެން ނޫސްވެރިކަމަށް އޮތް ނުރައްކާ ބޮޑުވެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި ނޫސްވެރިން ހަމަހިމޭން އިހުތިޖާޖެއް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
30 ޖޫން 2022 - 16:51
ސަރުކާރު ފަރާތުން ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއެއް އޮތުމުން އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރު ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ބިލު ފާސްކުރަން ފެންނަ ކަމަށް 50 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް ދެ މެމްބަރުން ވޯޓު ދެއްވި އެވެ.
ހެއްކާ ބެހޭ ބިލްގެ 136 ވަނަ މާއްދާގައި ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައި ވެ އެވެ.
އެ މާއްދާގެ (ހ) ގައިވާ ގޮތުން ނޫސްވެރިއަކަށް ވަކި މައުލޫމާތެއް ދިން މީހާ އެ މައުލޫމާތު ދިނީ އޭނާ އަކީ ކާކު ކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާއަށް ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވާ ނަމަ، އެ މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެ އެވެ.
އެކަމަކު (ށ) ގައި ބުނަނީ މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރާއިރު ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާއްމު މަސްލަހަތު އަންނަނިވި ކަންކަމަށް ވުރެން ބޮޑު ކަމުގައި ޝަރީއަތަށް ބުރަވެވޭ ނަމަ ނޫސްވެރިޔާ އަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާ އަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވޭނެ ކަމަށެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނި ގޮތުގައި އެ މާއްދާ މިހާރު އޮތް ގޮތުން މަސްދަރު ހާމަކުރަން ނޫސްވެރިންނަށް އެންގުމުގެ ފުރުސަތު ވަރަށް ފުޅާކޮށް ކޯޓުތަކަށް ވަނީ ހުޅުވިފަ އެވެ.
ބިލުގެ ކޮމިޓީ މަރުހަލާގައި ވެސް އެމްޖޭއޭ އިން ވަނީ އެ މާއްދާ އޮތް ގޮތާ މެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ. ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ، ހަރުކަށި ކުރެވިފައިވާ ހާލަތްތަކެއްގައި ނޫނީ މަސްދަރު ހާމަކުރަން އެންގުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އެމްޖޭއޭ އިން ކޮމިޓީގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހެއްކާ ބެހޭ ބިލުން މަސްދަރު ހާމަކުރަން ޖެހޭނީ ދެ ފަރާތުން އެއްބަސްވާ ހާލަތުގައި ކަމަށެވެ. އެ ނޫން ނަމަ ޝަރީއަތަކުން ނިންމައިފި ނަމަ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށާއި އެއީ މިހާރު ވެސް މަސްދަރު ހާމަކުރަން ޖެހޭނެ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބިލު ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް އެޓާނީ ޖެނަރަލް އޮފީހުން މިއަދު ވަނީ އިތުރު 15 އިސްލާހެއް ފޮނުވައިފަ އެވެ. އެ އިސްލާހުތަކުގެ ތެރޭގައި ވެސް މިއަދު ނޫސްވެރިން ކަންބޮޑުވުން ފާޅު ކުރި މާއްދާއެއް ނުހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު ގޯތި އަލީ
02 July 2022
ބަރާބަރު! ކޮންމެ ފަހަރަކު އިތުބާރު ހުރި މަސްދަރޭ ކިޔާ ދޮގު ފުތުރުމުގެ ފުރުސަތު ދެން ނުލިބޭނެ. ހައްދުން ނެއްޓުނީމަ ވާނީ ތިހެން
ފުށިފަރު
02 July 2022
މީފަހަކައް އައިސް މަޖިލިސްގަކުރި އެއްމެރަނގަޅުއެއް މަސައްކަތް. ކޮންމެކަމެއްގައިވެސް ހުދޫދެއްއޮންނަންވާނެ. މިހާރުރާއްޖޭގައި ހިންގާގިނަ ނޫސްތަކަތީ ހަމައެއް ލަމައެއްނެތް މިންވަރައް ވާނުވާހަބަރު ފަތުރާނޫސްތައް.
ޢަރުތަ
02 July 2022
"ރިޕޯރޓާސް ވިތްއައުޓް ބޯރޑާރސް" އޭކިޔާފަ ބޭނުންހާ އެއްޗެއް އެއްވެސް އިތުބާރުނުހިފޭ ގޮތަކަށް ލިޔެ ހާމަ ކުރެވިގެން ނުވާނެ، ކޮންމެ ކަމެއްވެސް ހުދޫދެއްގެ ތެރޭގަ އޮންނަން ޖެހޭނީ، އެހެންނޫނީ މިކިއާ ހަމަޔާ އިންސާފެއް ނޯންނާނެ، މިހާރުވެސް އޮންނަނީކީ ނޫން.
ތާސީރު
02 July 2022
ކޮންމެ ދުވަހަކު ހެނދހުނު ރ. ޓީޥީ ގައި އެކި ކަންކަމާ ގުޅޭ ގޮތުން ހޭލުން ތެރިކުރުމުގެ ޕްރޮގުރާމުގައި އެކި ކަންކަމާގުޅޭގޮތުން ވާހަދައްކާ ސަލީމު ކިޔާ މީހަކު ގެނެސްދޭ ޕްރޮގުރާމުގެ މައުލޫމާތު ހާމަކުރުމާ މީހުންނާ ބެހުމަށް ހުރަސްތަކެއް ދިމާވާނީ. ދެރަކަމެއްމީދެން. މިޕްރޮގުރާމަކީ ވަރަށްގިނަ މަނާކަންކަން ސަމާލުކަމަށް ގެންނަ ޕްރޮގުރާމެއް.
ޝަފީރު
02 July 2022
މަސްދަރު ހާމަކުރުމުގަ ފައިދާނަގާނީ ދައުލަތުން ވަގަށްނަގާ ފައިސާތަކުގެ މައްސަލަ ތަކުގަޔާއި ވަގަށް އެތެރެކުރާ ޑުރަގުތަކުގައިއެކަނިކަމަށް ލަފާކުރެވެނީ. ކޯޓުތަކުން ދޮގުހަދައިގެންނާ ބިރުދައްކައިގެން ކާމިޔާބުކުރާ ގިނަމައްސަލަތަކަކީމީ. ނޫސްވެރިންނަކީ ގިނަކަންކަން ނޫސްތަކުގެޒަރީޢާއިން ފުލުހުންގެ ސަމާލުކަމަށް ގެންނަބައެއް. ކުށްކުރާތަންތަނާ މީހުންހޯދައި ތަޙްޤީޤުކުރުމަކީ ފުލުހުންކަމެއް. މިކަމުން ފުލުހުންނަށް ދަތިތަކެއްވެސް ބިރުދެއްކުމުގެ ފައިދާވެސްނަގާނެ
ކޮރެއާ
01 July 2022
ނޫސްވެރިންނަށް ހެޔޮކޮށް ހިތާނަމޭ ބުނެފަ އެންމެފަހުން ނަޝީދު މިދިނީ ނޫސްވެރިންނަށް ހިތުން ނުފިލާވަރުގެ ދޯކާއެއްތަ؟
ޢަރުތަ
02 July 2022
ނޫސް ވެރިންނަށް ހެޔޮކޮށް ހިތުމަކީ ނޫސްވެރިން ހިތުހުރި ގޮތަކަށް "ކޮޅުގޮހޮރަށް" ކާންދިނުންތަ، ނަޝީދުތަ ނޫނީ މަޖިލިހުގަ ތިބި މެމްބަރުންތަ، އެންމެ މީހަކަށް މިކަހަލަ ކަންކަން ނިންމޭތަ.
ހަސަންބެ..
01 July 2022
މިފަހަަށް އައިސް މަޖިލީހން ނިއްމި ކަމަކަށް ހެޔޮހިތަުން ބަލާލެވެންއޮތް ކަމަކީ މީ. ވަރަށް ރަނގަޅު ކަމެއް މިކުރީ. ނޫސްވެރިޔެކޭ ކިޔާފަ ހަމަ ހިތައް އަރާއިރަށް މީސްމީީހުންގެ އަބުރު ކަތިލާފައި ޖަވާބުދާރީ ނުވެ ހުރެވިގެން ނުވާނެ
އާރީ
01 July 2022
ފުޓޯގަޑް މެދުގަ އެހުރި ބޭފުޅާ ވެސް މިގައުމުގަ ނަސީދުވެރިކަން ވަންޓާލަށް އުޅުނި ދުވަހު އުޅުނި ހަޑިމުޑުދާރުގޮތް ފެނުނޭ. މިހާރުވެސް ފުޓޯތަކާ ވީޑިޔޯތައް އެހުރީ. ތި ލިޔުން ކޮޅު ހިފާގެން ހުރުން ރީއްޗެއް ނޫނޭ.
ދަޅުހަރުފަ
01 July 2022
ރާއްޖެއަކީ ޑިމޮކްރެސީއާ މިނިވަން ނޫސްވެރިކަމެއް ޕްރެކްޓިސް ކުރާވަރަށްވުރެ ނާތަހުޒީބު ގޮތެއްފޮތެއްނެތް ގިނަ ރައްޔިތުންތަކެއް އުޅޭ ގައުމެއް.
ހެހޭ
01 July 2022
ނޫސްވެރިންނަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއްނޫން.
ކިރު ސައި
01 July 2022
ހަމަހިމޭން އިހުތިޖާދުގަ އަނގަ ތައްމިނަށް ހުޅުވާ އަޅާފަ ހަޅޭއްލަވަނީ. ތެޔޮމަދު މަސްދަޅު ގަތީމަ ހުންނާނީ ރަގަޅަށް