މިރުޒާގެ މަރުގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން: ދެވަނަ މީހާއަށް ވެސް ބައްޕަ ވަނީ މައާފް ދީފައި
03 ޖުލައި 2022 - 14:19
މީގެ 11 އަހަރު ކުރިން ވިލިމާލޭގައި މަރައިލި އަހުމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ދެވަނަ މީހާ އަށް ވެސް މިރުޒާގެ ބައްޕަ މިއަދު ހައި ކޯޓުގައި މާފުދީފި އެވެ.
އޭޕްރީލް، 2011 ގައި ވިލިމާލޭ ކުޑަކުދިން ޕާކް ކައިރީގައި ގްރޫޕަކުން ގޮސް ލަކުޑިބުރިން ހަމަލާދީ މަރައިލި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ދެ މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފަ އެވެ. އެއީ ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ މައްޗަށެވެ.
އޭގެ ތެރެއިން ނަޒީފްގެ މަރުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، މިރުޒާގެ ބައްޕަ ވަނީ ނަޒީފަށް މާފުދީފަ އެވެ. އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ގާތިލުގެ ކިބައިން މަރަށް މަރު ހިފުމާއި މާފު ދިނުމުގެ ދިނުމުގެ ބާރު އޮންނަނީ ވާރިސުންނަށެވެ.
އެހެންވެ، ޝިފާއުގެ އިސްތިއުނާފް މައްސަލައިގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަށް މިރުޒާގެ ބައްޕަ ހާޒިރުކޮށް، އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން މިރުޒާގެ ބައްޕަ އިބްރާހިމް ހަސަން ބުނީ އެ މީހުން މާފަށް އެދިފައިވާތީ މިހާރު ބޭނުންވަނީ ޝިފާއު އަށް ވެސް މާފު ދޭން ކަމަށެވެ.
"އެ މީހުން ދެއްކި ވާހަކައަށް އަޅުގަނޑު ވެސް ދެރަވެގެން ދެން މާފު ދިނީ އެ މީހުންނަށް،" މިރުޒާގެ ބައްޕަ އިބްރާހިމް ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި މިރުޒާގެ ބައްޕަގެ ނަމުގައި ސުޕްރީމް ކޯޓަށް ފޮނުވާފައިވާ ސިޓީގައި އޮތީ މަރަށް މަރު ހިފަން ބޭނުން ނުވިޔަސް، މަރުގެ ދިޔަ ބޭނުންވާ ކަމަށެވެ.
އެކަމަކު މިރުޒާގެ ބައްޕަ ހައި ކޯޓުގައި މިއަދު ބުނިގޮތުގައި މަރުގެ ދިޔަ ހޯދަން އެދިފައި ނުވާނެ ކަމަށެވެ.
"ފައިސާގެ އެއްވެސް ވާހަކައެއް އަޅުގަނޑު ނުބުނަން. މަރުގެ ދިޔައަކަށް އަޅުގަނޑު ނޭދެން،" އޭނާ ބުންޏެވެ.
މަރުގެ މައްސަލަތަކުގައި ވާރިސުން މާފު ދިނަސް، ތައުޒީރީ އަދަބެއް ދިނުމުގެ ފުރުސަތު އޮންނާތީ އެކަމާބެހޭ ގޮތުން ހައި ކޯޓުގައި މިއަދު ވާހަކަ ދެއްކި އެވެ. ދައުލަތުން އެދުނީ ގާނޫނުލްއުގޫބާތުގެ ދަށުން 17 އަހަރުގެ ޖަލު ހުކުމެއް ޝިފާއުގެ މައްޗަށް އިއްވައި ދިނުމަށެވެ. އެއީ މަރުގެ މައްސަލައަކަށް ވާތީ އާއި މީހެއްގެ ފުރާނަ ގެއްލިފައިވާތީ އަދަބުގެ ދަރަޖަތައް މަތި ކުރުމަށް ފަހު އެވެ.
ޝިފާއުގެ ވަކީލް އަހުމަދު ޝިފާއު ވިދާޅުވީ ޝިފާއުގެ މައްޗަށް ކުށް ސާބިތުވިޔަސް، އަދަބުގެ ދަރަޖަ މަތިކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެއީ މަރުގެ އެހެން މައްސަލަތަކާ ބަލާއިރު އުނި ކަންތައްތައް ގިނަ މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އަދި މި ހަފުތާގެ ތެރޭގައި ހުކުމް އިއްވަވާނެ ކަމަށެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބަލަހައްޓަވާ އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
05 July 2022
މައްސަލައަކަށް 11 އަހަރު؟
200000
04 July 2022
މަރަށް މަރު މިގައުމުގައި މިހާރު ހިފަން ވެއްޖެ. މެހި ހޯނު ކުރަފި މަރާހެން މަގުމަތީން އެމަރާލަނީ. އިސްލާމީދީންގައި މަރަށް މަރު ހިފުމަކީ ދިރުމެއްް ވާ ކަމެއް ކަމަށް އަންގަވާ، ވީމާ ޤާތިލް މަރާލައިގެން އެހެން މީހުންގެ ފުރާނަ ސަލާމަތް ކޮށްެދެއްވާ. މަރަށް މަރު ހިފާ
ވާނުވާ ވާނުވާ އުނގެނިބާ ފަސްޓް
04 July 2022
ވާރިޘުންނަށް މާފު ކުރުމުގެ ޙައްޤު ދެއްވީވެސް ހަމަ ﷲ ތަޢާލާ. މާފު ދިނީމަ އެހާހިސާބުން އެމީހަކަށް މަރަށް މަރު ހިފާށޭ ކިޔާ ނުގޮވޭނެ.
ރުހުނަ
04 July 2022
ކޮބާޔޯ އެބުނާ "އެމީހުން"ނަކީ؟ ތިޔައީ ބިރުދައްކައިގެން ދިން މައާފެއްވިއްޔާ އަދި ބިރުގަންނަންޖެހޭ ދުވަހެއް އޮތްކަން ހަނދާންކޮށްލަދޭން. ދެން ގެއްލުވާލާ ފުރާނައެއްގެ ޒިންމާވެސް ބޮލުގައި އަޅަން ބޭނުންތަ؟
ޝައްކުބަލި
04 July 2022
ޝައްކުބައްޔަކީވެސް ބައްޔެއް. ފަރުވާ ލިބޭ ކައުންސިލިންގް އާއި އެހެނިހެން ގޮތްގޮތުން.
ފެން އިސްކުރު
04 July 2022
"ދެލިފުޅި" ބުނިހެން ހަމަ.
ދެލިފުޅި
04 July 2022
އެއްވެސް މަޖުބޫރުކަމެއްނެތި ހެޔޮހިތުން ފުރިހަމަ މާފަކުން މާފުކޮށްފިނަމަ މަރަށް މަރުގެ ހުކުމް ނުކުރެވޭނެ. އެގޮތައް ލިބޭ މަޢާފަކީ ތެދުނިޔަތުގައި ތަޢުބާވެ މާތްﷲއާއި ކުއްތަންވުމަށް ލިބޭފުރުސަތެއްކަމުގައި ބަލައި، އެކަލާންގެ އެންގެވި މަގުގައި ހުރެއްޖެނަމަ ކިތަންމެހާވެސް ރަނގަޅު. މާފުދިނުމުގަ މަޖުބޫރުކަމެއް ކުރިމަތި ކުރުމަކީ ކުއްކުރި މީހާއަށް އެކަމު ގެއްލުން އާޚިރަތުގަ ބޮޑުވާނެކަމެއް. ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ.
ފިކުރުކުރާ
03 July 2022
ބައްޕައަށް ބިރުދައްކާފާ އެހުރީ.ވަރަށް ހިވޭ.
ތަކުރުފާނ
03 July 2022
ތިކުދިން ﷲއަށް ތައުބާވެ ތި ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ އެނބުރި ﷲ އާ ބައްދަލު ކުރަން އަޒުމުކޮށް މަސައްކަތް ކުރާށެވެ. ބައްޕަޔަށް ﷲ ހެޔޮ ޖަޒާ ދެއްވާށި. އާމީން.
ގެދާނޯމޮސް
03 July 2022
ވާރިސުންގެ މައާފުން ގާތިލުން މިނިވަން ކުރުމަށް ކޯޓުން ނިންމުމަކީ ގޮތްނޭންގި އާއިލާތަކުން ހިންގޭނެ ޖަރީމާއަކަށް ފުރުސަތު ދިނުމެވެ. މީ ބަލައިގަނެވޭނެ ގޮތެއްނޫނެވެ. ކޭސްތަށް ދިގުލާ ދަންމަނީ ކުށްވެރިންނަށް 2 ވަނަ ފުރުސަތު ދޭށެވެ.
އޮނަރަބްލް އަފީފު ދީދީ
03 July 2022
އާއިލާއިން "އެގޮތް ބޭނުންވެގެން". ދަށުކޯޓާއި ހައިކޯޓުންވެސް ޤާތިލްގެމައްޗަށް މަރުގެޙުކުމް ކޮށްފައިވަނިކޮށް ކުއްލިއަކަށް ބައްޕައާއި އާއިލާގެ އެހެން މެންބަރުންގެ ވިސްނުން ބަދަލުވި ސަބަބު ދެނެގަންނާންޖެހޭ. # މިކަމަކީ "އާއިލާއަށް ބިރުދައްކައިގެން" މަޖުބޫރީ ހާލަތުގައި ކުރުވާ ކަމެއްނަމަ "ޤާތިލުން އަދިވެސް އެތިބީ އިތުރު އެތައްބައެއްގެ ލެއަށް ފެންބޮފައިގެންފައި" ކަން ޔަޤީން. ފަނޑިޔާރުގެ އަދުލުވެރި ޙުކުމަކަށް އިންތިޒާރު ކުރަނީ މުޖުތަމައުގެ ރައްކަލަށްޓަކާ.
ޝައްކު
04 July 2022
ތިހެން ޝައްކު ކުރަންޏާ އަފީފުގެ މައްޗަށްވެސް ބައިވަރު ކަންކަމަށް ޝައްކު ކުރެވިދާނެ. އަފީފު ތި ކޮމެންޓު ކުރީ ޕީޖީ އިން ބިރު ދައްކައިގެން ނޫންކަން ސާބިތު ކޮށްދެވިދާނެތަ؟
އެމްސް
05 July 2022
ފަނޑިޔާރުގެ ފަރުވާލެއް ނެތެއް ނޫން ތޯ! މިލިޔަން މިލިޔަނުގެ ޑްރަގްގެ ކަންތަކުގަވެސް އަލަމްގިރ ކަހަލަ ސޮހަލަކު ޤުރުބާން ކޮށްފަ ޙަޤީގީ ވެރިން ދޫވެގެންނަ ދޫވެގަތުމަކަށްވެސް ފަނޑިޔާރުން އަޅައެއް ނުލައެއް ނޫން ތޯ!