ހިޔާ ފްލެޓެއްގައި އާއިލާއެއް ދިރިއުޅެން ފަށާފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
05 ޖުލައި 2022 - 12:28
ކުރީގެ ސަރުކާރުގައި ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން މި ސަރުކާރުން ފްލެޓް ލިބުނު މީހުންގެ ލިސްޓުން އުނިކުރި މީހުންގެ ދަފްތަރުގައި 1000 އަށް ވުރެ ގިނަ ބަޔަކު ޖެހިއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފްލެޓް ލިބުނު މީހުންގެ ލިސްޓެއް އެކުލަވާލިޔަސް ސަރުކާރު ބަދަލުވެ ނިންމާފައި ވަނީ އޭރު ފްލެޓް ދިނީ އެންމެ ހައްގުވެރިންނަށް ނޫން ކަމަށެވެ. އެހެންވެ ބައެއް ކެޓަގަރީތަކުން ފްލެޓް މަދުކޮށް އުސޫލަށް ބަދަލުތަކެއް ގެނައުމަށް ފަހު އަލުން ފްލެޓް ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލާ ފްލެޓް ހަވާލުކުރީ އެވެ.
އެ ލިސްޓުން މީހުން އުނިކުރުމާ ގުޅިގެން ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރާ ކޮތަރުކޮށި ޖަމިއްޔާ އިން ދަނީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންނެވެ.
އިއްޔެ ދަފްތަރުގައި ޖެހުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލިއިރު ރެއާ ހަމައަށް 1000 އަށް ވުރެ މީހުން ފޯމު ފުރާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އެ ޖަމިއްޔާ އިން ބުނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހާ ގިނަ ބަޔަކު ފޯމު ފުރުމުން ވެސް އެނގެނީ ގިނަ ބަޔަކު ބޯހިޔާވަހި ކަމަށް ޖެހިފައިވާ މިންވަރު ކަމަށެވެ.
"ފުރަތަމަ 12 ގަޑިއިރު ތެރޭ މިހާ ގިނަ އަދަދެއްގެ މީހުން މިހާ އަވަހަށް ފޯމު ފުރުމުން ވެސް އެނގިގެން ދަނީ އެކިއެކި ސަބަބުތަކާއި ވިއްދާދީފައި ހުރި ފްލެޓުތައް އަތުލި މީހުންގެ ދިރިއުޅުމުގެ ހާލަތު ދަށްވަރު،" އެ ޖަމިއްޔާ އިން ބުންޏެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތައް ހަމަޖެއްސުމަށް އާންމުންގެ އެތައް ހާސް ބައެއްގެ އަތުން ބޯހިޔާވަހިކަން ނިގުޅައިގަތުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ކޮތަރުކޮށި ޖަމިއްޔާ އިން ބުންޏެވެ.
އެ ޖަމިއްޔާ އިން ލަފާކުރާ ގޮތުގައި މި ސަރުކާރުން ފްލެޓް އަތުލި މީހުންގެ އަދަދު 3000 އަށް ވުރެ މައްޗަށް އަރާނެ އެވެ. ފްލެޓް އަތުލި މީހުންގެ ދަފްތަރެއް އެކުލަވާލަނީ އެ މީހުންނާ މަޝްވަރާކޮށް ފްލެޓް ގެއްލުނު ސަބަބު ހޯދާށެވެ. އަދި ސަރުކާރާ މަޝްވަރާކޮށް އެމީހުންނަށް ގޮތެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ އެވެ.
މި ސަރުކާރުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އެކުލަވާލިއިރު ޑޮކްޓަރުންނާއި ނަރުހުންގެ އަދި ޓީޗަރުންގެ ފްލެޓްގެ އަދަދު މަދުކުރި އެވެ. އަދި ދަފްތަރުގައި ތިބި މީހުންނަށް މަދުކޮށް މާލޭ މީހުންނަށް ފްލެޓް އިތުރުކުރި އެވެ. ހިޔާގެ ކޮމާޝަލް އޭރިއާގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ބަޔަކީ ވެސް ކުރިން ފްލެޓްގެ ގޮތުގައި ދޫކުރަން ނިންމި ތަންތަނެވެ.
އެކަހަލަ ބަދަލުތަކާ ގުޅިގެން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ގެއްލުނުއިރު 7000 ފްލެޓްގެ އަދަދު މި ސަރުކާރުން ވަނީ 6720 އަށް ދަށްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސދފަފ
05 July 2022
ތިޔަ ފުލާޓް ތައް ހޯދުމަށް ފޯމުގައި ދޮގު މައުލޫމާތު ލިޔެ ފލަޓް ހޯދި މިހުން ފާހަނގަ ކުރަން ޖެހޭ. އަނބިމީހާ އަށައި ފިރިމީހާ އަށް ވެސް ފްލެޓް ފުރަތަމަ ބުރުގައި ލިބުނު މީހުން ތިބި. އޭގެ ސަބަބުން ހައްގުވަ ކިތައްމެ ބަޔަކަށް ވަނީ އެ ފުރުސތު ގެއްލިފައި.