ކުރީ ސަރުކާރުގައި ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން މި ސަރުކާރުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އެކުލަވާލިއިރު ބައެއް މީހުން އުނިކޮށްފައިވާތީ އެ މީހުންގެ ލިސްޓެއް ހެދުމުގެ މަސައްކަތް އާންމު އެކުވެރި ގުޅުން (ކޮތަރުކޮށި) އިން ފަށައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ ފްލެޓް ލިބުނު މީހުންގެ ލިސްޓެއް އެކުލަވާލައިފަ އެވެ. އެކަމަކު ސަރުކާރު ބަދަލުވެ، ބައެއް ކެޓަގަރީތަކުން ފްލެޓް މަދުކޮށް އުސޫލަށް ވެސް ބަދަލުތަކެއް ގެނައުމަށް ފަހު މި ސަރުކާރުން ވަނީ ފްލެޓް ދީފަ އެވެ.
ކޮތަރުކޮށި ޖަމިއްޔާގެ ފައުންޑަރު މިދުއަމް ސައުދު، "މިހާރު" އަށް ވިދާޅުވީ މި ސަރުކާރުން ފްލެޓް އަތުލި މީހުންގެ އަދަދު 3،000 އިން މައްޗަށް އަރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދަފްތަރު ކެޓަގަރީ އިން ފްލެޓް ލިބުނު މީހުން މަދުކޮށް މާލޭގެ މީހުންނަށް ފްލެޓް އިތުރުކުރުމުންނާއި ހިޔާގެ ކޮމާޝަލް ޔުނިޓްގެ 280 ފްލެޓާއި އެއް ކޮޓަރީގެ ފްލެޓްތައް އުވާލުމުގެ ސަބަބުން ފްލެޓް ލިބުނު ގިނަ ބަޔަކު އަތުން ފްލެޓް ގެއްލުނު ކަމަށެވެ.
މިދުއަމް ވިދާޅުވި ގޮތުގައި ފްލެޓް އަތުލި މީހުންގެ ދަފްތަރު އެކުލަވާލައި އެމީހުންނާ މަޝްވަރާކޮށް ފްލެޓް އެމީހުން އަތުން ގެއްލުނު ސަބަބު ހޯދާނެ ކަމަށެވެ. އަދި ބައެއް މީހުންގެ އަތުން ފްލެޓް ގެއްލުނީ ސަރުކާރުގެ ސަބަބުން ކަމަށާއި އެފަދަ ހާލަތްތަކުގައި ސަރުކާރާ މަޝްވަރާކޮށް އެމީހުންނަށް ގޮތެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމީހުންނަށް ފްލެޓް ދީފައި އަތުލި ސަބަބު ބެލުމަށް ފަހު އެމީހުންގެ ހައްގަކަށް އަރައިގެންފައި ހުރި ނަމަ މި ސަރުކާރާ އަޅުގަނޑުމެން ވާހަކަ ދައްކާނެ،" މިދުއަމް ވިދާޅުވި އެވެ.
ފްލެޓް އަތުލި މީހުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް އެ ޖަމިއްޔާ އިން ކުރަމުންދަނީ ފޯމެއް މެދުވެރިކޮށެވެ.
ކުރީގެ ސަރުކާރުގައި 7000 މީހުންނަށް ފްލެޓް ދޭން ނިންމި އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންގެ އަދަދު 6720 އަށް ތިރިވީ ޓަވަރުތަކުގެ ގްރައުންޑް ފްލޯ ވިޔަފާރިތަކަށް ހާއްސަކުރުމުންނެވެ.