މުއްތަލިބު ވިދާޅުވީ، ކުލި ނުދެއްކުމަކީ އެތައް ބައެއްގެ ހައްގަށް ވެސް އަރައިގަތުން ކަމަށް.
މިނިސްޓަރު މުއްތަލިބާއި އެފްޑީސީގެ އެމްޑީ ޝަކީލް: ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކަށް ގަވާއިދުން ކުލި ނުލިބޭ މައްސަލާގައި ކަންބޮޑުވުން ފާޅުކުރެއްވި.---ފޮޓޯ: ރައީސް އޮފީސް
28 ޖޫން 2025 - 14:07
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ އެއްބަސްވުން މި ވަގުތަށް ހަދަން ނިންމާފައި ވަނީ 25 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެ ތަން ލިބޭ މީހުންނަށް މިލްކު ކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސް ކުރުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު މިއަދު ވިދާޅުވީ، އެ އުސޫލުން އަމަލު ކުރަން ނިންމީ ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވުމުން ކަމަށެވެ.
"އެހެންވީމާ ކުއްޔަށް ދޭ ތަނެއްގެ ގޮތުގައި އޮތީމާ ހަގީގަތުގައި ސަރުކާރަށް އެ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން ފަސޭހަ ވެގެންދާނެ،" މުއްތަލިބު ވިދާޅުވި އެވެ.
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ވެރިފަރާތުން ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މިނިސްޓަރު ވިދާޅުވިގޮތުގައި އެ މައްސަލަ އަށް ހައްލެއް ލިބެން މި ވަގުތަށް އޮތީ ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކުރަން ތައްޔާރުވަމުން އަންނަ ގެދޮވެރިވެރިކަމުގެ ބިލުންނެވެ. އޭރުން ކުލި ނުދައްކާ މީހުން ގޮވައިގެން ކޯޓު މަރުހަލާ އަށް ނުގޮސް އަދި މާ ބޮޑު ދަތިތަކެއް ނެތި ކުލި ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ ތެރެއިން ނިމިފައިވާ ބައެއް ޓަވަރުތައް.---ފޮޓޯ: ރައީސް އޮފީސް
"... ދެވަނަ ކަމަކީ މިހާރު މި ދޭ ފްލެޓުތައް ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުން. އެއްގޮތަކީ ބޭންކު މޯގޭޖު ފައިނޭންސްގެ ތެރެއިން ލުއި ފަސޭހަތަކެއްގެ ތެރެއިން އެ މީހުންނަށް މޯގޭޖެއްގެ ގޮތުގައި އެ ތަން ދިނުން. އަނެއް ގޮތަކީ ކުލި ދައްކާ ގޮތަށް ވަކި މުއްދަތެއް ދިނުމަށް ފަހު، އެ މުއްދަތު ހަމަވީމާ އެ ފަރާތްތަކަށް އެ ތަން މިލްކުވާ ކަހަލަ އުސޫލެއް ކަނޑައެޅުން،" މިނިސްޓަރު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ތައްޔާރުވަމުން އަންނަ 4،000 ފްލެޓާ މެދު އަމަލުކުރަން ނިންމާފައި ވަނީ މުއްތަލިބު ވިދާޅުވި ގޮތުގައި ކުލި ދައްކައި ނިމުމުން މިލްކު ކޮށްދިނުމުގެ އުސޫލެވެ.
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާ އަށް ވުރެ މައްޗެވެ. އެހެންވެ، އެޗްޑީސީން މި މަހު ވަނީ ކުލި ނުދައްކާ މީހުންނަށް ނޯޓިސް ފޮނުވަން ފަށައި އެ ކަންކަން ދާއިމީކޮށް މޮނިޓަ ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފަ އެވެ.
ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލަ ބޮޑުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން މުއްތަލިބު ވިދާޅުވީ، އެއީ ދައުލަތަށް އާމްދަނީއެއް ލިބުން ދަތިވުމަށް ވުރެ މާ ސީރިއަސް މައްސަލައެއް ކުރިމަތިވާ ކަމެއް ކަމަށެވެ.
ހައުސިން މަޝްރޫއުތައް ހިންގަނީ ފީޒިބަލް ކަމަކަށް ވާތީ ކަމަށާއި އެ ލޯނުތައް އަނބުރާ ދައްކަން ޖެހެނީ އެކްސްރޯ އެކައުންޓެއް މެދުވެރިކޮށް ކަމަށް ވާއިރު ބޭންކުތަކަށް ވެސް ވާނުވާ ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމާ ކުލި ނުދެއްކީމާ މިވާ ގޮތަކީ ބޭންކުތަކަށް އެބަ އެނގޭ ކުލި ނުދައްކާކަން. އެހެންވީމާ ދައުލަތުން އިތުރަށް ލޯނު ނަގަން ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވޭ. ހަގީގަތުގައި ކުލި ނުދެއްކީމާ ދައުލަތަށް އާމްދަނީ ލިބުން ދަތިވުމުގެ އިތުރަށް އެހެން ވަރަށް ގިނަ ފަރާތްތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް ހުރަސް އެޅިގެން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މުތައްލިބު ވިދާޅުވީ، ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމަކީ އެތައް ބައެއްގެ ހައްގަށް އަރައިގަތުން ކަމަށާއި އެކަން އެ ގޮތަށް ނުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. އަދި 5،099 ފްލެޓަކުން ކުލި ނުދައްކަ އެވެ.
މިނިސްޓަރު މުއްތަލިބު މި މަހުގެ 19 ވަނަ ދުވަހު ވިދާޅުވެފައި ވަނީ 4،000 ފްލެޓުތަކުގެ މަސައްކަތް ނިމެމުން އަންނަ ވަރަކުން، އަންނަ މަހުން ފަށައިގެން ފްލެޓްތައް ހައްގުވެރިންނަށް ދޫކުރަން ފަށާނެ ކަމަށެވެ.
"މިއީ، އެއްފަހަރާ ކުރިއަށް ގެންދެވޭ ކަމަކަށް ވުރެ ބޮޑު މަސައްކަތެއް، ނިމެމުންދާ ވަރަކަށް ހަވާލުކުރަމުން ގެންދެވޭނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުއްމީދު ކުރަނީ މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް، 4،000 ފްލެޓް ލިބުނު މީހުންނާ އެ ފްލެޓްތައް ހަވާލުކޮށް އެ ތަންތަނުގައި އެ ބޭފުޅުން ދިރިއުޅެން ފެށޭނެ ކަމަށް،" މުއްތަލިބް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރޭމްޗޯޕްރާ
30 June 2025
ހަމަ ސީދާ ކައުންސިލް ކެމްޕައިނަށް ޖެއްސި ޚަބަރެއް، ކައުންސިލް އިންތިހާބު ނިމޭއިރުވެސް ތިޔަފްލެޓެއް ހަވާލެއްނުކުރާނެ.....!
އިބިލީސް.
29 June 2025
ފައިސާ ވެއްޖެއްޔާ ޙަލާލެއް ހަރާމެއްތޯ ތިރަށު މީހުން ނުބަލަނީތޯ؟
އާންތު.
29 June 2025
ފުލެތަށް ފައިސާ ނުދައްކާ އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދީގެން ލިބޭ ފައިސާ ދަރިންނަށް ކާންދީފައި އަދި އެފައިސާ ރައްކާ ކޮށްގެން ހައްޖަށް ދާ މީހުނަށް އިގޭތަ ތިމާމެންނަށް މިކުރެވެނީ ކޮންފަދަ ކަމެއްކަން؟
މުނީރުު
29 June 2025
މި ފިޔަވަޅަކީ އެއްވަނައިގެ ކަމެއް. މިހާރުން މިހާރަށް މިކަން ކުރަންވީ. ލަސްކުރުމުގެ އެއްވެސް ބޭނުމެއް ނެތް. ބޯހިޔާވަހި ކަމަކީ ތިހާ ފަސޭހައިން ދީގެންވެސް ވާނެ އެއްޗެއް ނޫން. ދިވެހީންނަށް ހީވާ ކަހަލަ ހުރިހާ ކަންތަކެއް ހުންނަން ވާނީ ހިލޭ ސާބަހަށޭ. ކަރަންޓު ހިލޭ. ބިން ހިލޭ. ފްލެޓް ހިލޭ. ކާބޯ ތަކެތި ހިލޭ. ދިވެހި ސަރުކާރުން ދިވެހީންނަށް ހުރިހާ އެއްޗެސް ހިލޭ ދެވޭތަ؟
ދާއިން އަނީސް
29 June 2025
ދެން ކުލި ނުދައްކާ ނުތިބޭނެއްނު. ގިނަ ތަންތާ ތިބޭ މީހުން ބޭނުން ނުވޭ ދެފައިގަ ހިފާ އާދޭސް ކޮށްގެންވެސް ކުލި ދައްކާކަށް
ސިލްމާ ޒާހިރު
29 June 2025
ފުރަތަމަ ތިޔަ 700 މިލިޔަން ނުދައްކާ މީހުންގެ ފްލެޓްތައް އަތުލަބަލަ. އޭރުން ތިޔަތަނުން ވެސް ތިއީ، 4 އަހަރުގެ ކުއްޔަށް ބެއްޔަސް 1325 ފްލެޓް. އެތަންތަން އެހެން ބަޔަކަށް ދިނީމާ ގެދޮރުގެ ދަތިކަން ކުޑަވާނެ. އަލަށް ފްލެޓް ލިބޭ މީހުންނަށް އަދަބުދޭ ވިސްނުން ގޯސް!
އަންދަލޫސިޔާ
29 June 2025
އެހެން ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ދޭންވާ އަދަބު އަޅުގަނޑުމެންނަށް ދޭންޖެހޭ ސަބަބަކީކޮބާތޯ؟ ކޮންމެ ސްކީމަކުން ވެސް ފްލެޓް ނަގާފަ 3 މަސް ޖެހިޖެހިގެން ކުލި ނުދައްކަންޏާ އަތުލީމަ ނިމުނީ. ތަންފީޒުކުރަން ނުކެރިގެން އެހެން ބަޔަކަށް ހަމަލާދިނުން ކަޑް!
ސަލިމާ
29 June 2025
ބިން ބިން ބިން ބިން ބިން ބިން ހިލޭ.
ޡައު
29 June 2025
ނިކަން ކެރެއްޏާ ކަރަންޓް ބިލުގައި Kuni ބިލް ހިމެނި ގޮތަށް ކުލިވެސް ހިމަނަބަލަ. އޭރުން ކުލި ނުލިބިގެން ސަރުކާރުން ކަންބޮޑުވާކަށް ނުޖެހޭނެ.
ހާޝިމް
29 June 2025
ވަރަށް ބަރާބަރު ކަމެއް. ވަރަށް ތާއީދު ކުރަން