ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރުން ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
19 ޖޫން 2025 - 21:10
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ މަސައްކަތް ނިމެމުން އަންނަ ވަރަކުން، އަންނަ މަހުން ފަށައިގެން ފްލެޓްތައް ހައްގުވެރިންނަށް ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
އެ 4،000 ފްލެޓުގެ މަސައްކަތްތައް ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މިއަދު ހަވީރު ބައްލަވާލެއްވުމަށް ފަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މުއްތަލިބް ވިދާޅުވީ، އެ ފްލެޓުތަކުގެ މަސައްކަތް ނިންމައި، އެ ތަންތަން ދޫކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ.
މުއްތަލިބް ވިދާޅުވީ މި ސަރުކާރު އައިރު މި މަޝްރޫއުގެ ސްޕީޑު ހުރި ވަރާ އަޅާބަލާއިރު، މިހާރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އިމާރާތްތަކުގެ އެތެރޭގައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއްހެން މިހާރު ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި 4،000 ފްލެޓަށް ބޭނުންވާ ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ ޔޫޓިލިޓީ ހިދުމަތްތައް ގުޅައިދިނުން ކުރިން މި މަޝްރޫއުގައި ހިމަނާފައި ނުވި ނަމަވެސް، މި ސަރުކާރުން ވަކި މަޝްރޫއެއްގެ ގޮތުގައި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ މި ފްލެޓްތަކުގެ މަސައްކަތް ނިމެމުން އަންނަ ވަރަކުން، ފްލެޓްތައް ލިބުނު މީހުންނާ އެކު އެއްބަސްވުން ހަދައި، އެ ތަންތަން ދޫކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ.
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުއްމީދުކުރަނީ މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4،000 ފްލެޓް ލިބުނު މީހުންނާ އެ ފްލެޓްތައް ހަވާލުކޮށް އެ ތަންތަނުގައި އެ ބޭފުޅުން ދިރިއުޅެން ފެށޭނެ ކަމަށް"--- މުއްތަލިބް
"މިއީ، އެއްފަހަރާ ކުރިއަށް ގެންދެވޭ ކަމަކަށް ވުރެ ބޮޑު މަސައްކަތެއް، ނިމެމުންދާ ވަރަކަށް ހަވާލުކުރަމުން ގެންދެވޭނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުއްމީދު ކުރަނީ މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް، 4،000 ފްލެޓް ލިބުނު މީހުންނާ އެ ފްލެޓްތައް ހަވާލުކޮށް އެ ތަންތަނުގައި އެ ބޭފުޅުން ދިރިއުޅެން ފެށޭނެ ކަމަށް،" މުއްތަލިބް ވިދާޅުވި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، މުޅި މަޝްރޫއުގެ ބޮޑު ޕަސެންޓޭޖެއް މިހާރު ނިމިފައިވާ ކަމަށާއި ބާކީ އޮތީ ޔޫޓިލިޓީ ކަނެކްޝަންތަކުގެ މަސައްކަތް ފުރިހަމަކުރުން ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ މި 4،000 ފްލެޓު ދެނީ ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ 16 ޓަވަރުންނެވެ. އެއީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން މި މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެއީ، ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާއި ނެޝެނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެންބީސީސީއާ) އެވެ.
މި ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމުކޮށްފަ އެވެ.
އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
މި ފްލެޓްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެންމެ ފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓު ކަމަށާއި އެ ނޫން ލިސްޓެއްގެ ގޮތުގައި ވިޔަސް، އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.
ނަމަވެސް، ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ފައިނަލް ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
21 June 2025
ރަށްރަށުގެ މީހުންގެ 3000 އަކަފޫޓްގެ ގޯތި އޮތަސް ދޫކޮއްލާކަށް ނުޖެހޭ! މާލޭ މީހެއްނަމަ ގޯތިދޭންޖެހޭސަރުކާރަށް މިހިރީ ތަފާތުކުރުން! ގޯތި ރަޖިސްޓްރީ ނުކުރާމީހުންވެސް ރަށްރަށުގެ ބައިވަރު!އެކަން ކައުންސިލަށް އިގޭނެ! މިކަމުގެ ބޭނުމަކީ ހުޅުމާލެއިން ފުލެޓް ހޯދުން!
އމވއޑ
20 June 2025
ކައިވެންޏަށް 15އ ވުރެ ގިނަވެ، 18އ ދަރިންތިބި އަދި އުމުރުން 35އ މައްޗައް ގޮއްސަތިބި މީހުން ތިއްބާ އެއަށްވުރެ ހަގު، ދަރިން ނެތް މީހުނަށް އަދި ކުރިން ފުލެޓު ލިބިފަ ތިބި މީހުނަށް މިފަހަރުވެސް މި ލިބެނީ. ކޮބާތޯ ތިކިޔާ "ހައްގުވެރިން" ނަކީ؟
ކޮސް ނުގޮވާ
21 June 2025
ދަރިން ނެތުމަކީ ގެދޮރުޗެރިކަމުން މަހުރޫމު ކުރަންޖެހޭ ކަމެއްތަ؟ ދަރިން ނޫނަސް މުސްކުޅި މައިންބަފައިން ވެސް އެއީ ބައެއް ފަހަރު ބަލަންޖެހޭ ބައެއް.
ރަންނަ
20 June 2025
މަސްނިމޭދުވަސް ދަރިފުޅުމެންނަށް މިހާރު ކަށަވަރުވެއްޖެބާ؟ ދައުރު ނިމޭނީ މިމަސް ނުނިމިގެން އުޅެނިކޮށް. ބަލަންތިބޭ ރައްޔިތުން
އޮނަރަބްލް އަފީފު ދީދީ
20 June 2025
ދައުލަތުގެ ސޯޝަލް ހައުސިންގް ސްކީމް ފުލެޓް އަޅާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދިނުމަށް މަސައްކަތް ކުރުމަށް ސަރުކާރާއި އެޗްޑީސީގެ ފަރާތުން މަސައްކަތް ކުރާ ފަދައިން އެއްބަސް ވުމާއި އެއްގޮތަށް ފުލެޓްގެ އަގު އަދާކުރުމަށް މަހުން މަހަށް ދައްކާންޖެހޭ ފައިސާ ނުދައްކާނަމަ އެފައިސާ ހޯދަން ވެސް ސަރުކާރާއި އެޗްޑީސީގެ ބޯޑް މެންބަރުންނާއި ކުންފުނީގެ މެނޭޖްމަންޓުން މަސައްކަތް ކުރާން ޖެހޭނެ. އެހެން ނަމަވެސް މިކަން ކުރާ ތަނެއް ނުފެނޭ. މިއީ އިހުމާލު ވުމެއް.
ޢަބްޑޫޅް +
20 June 2025
ކޮބާ ހުލެޓު ދޮންބެ؟ މީ އެއްކަލަ ހުލެޓު ތިއްތިބޭ ޔޭ.
ތަފާތެއްނެތް
20 June 2025
5 އަހަރު ހަމަވަންދެން މިހެން ކިޔާނެ. ހަމަވާން ކާރިވީމަ ތެޅިގަންނާނެ.
ކޮއިފުޅު
20 June 2025
ތިބުނާ 4ހާސް ފުލެޓުގައި މިހާރުވެސް މީހުން އެބައުޅޭ. އެމީހުން އެތާ އުޅެމުންދަނީ ކޮން ހަމައެއް ލަމަޔަކުން ކަމެއްނޭނގެ. ދެން 2 ވަނަ ބުރަށް ކުރިމަތިލީ މީހުންގެ އެއްވެސް ވާހަކެއް ނުދައްކަނީ ކީއްވެބާ؟
ކަލް ދޯ ބަޖޭ، އޭ ކިޔާތާ 2 އަހަރު ވަނީ!
19 June 2025
އަންނަމަހު ވާގޮތެއް ވެސް އެނގިދާނެތާ!
އޮނަރަބްލް އަފީފު ދީދީ
19 June 2025
ރައީސުލް ޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ފުލެޓްގެކަންކަމާއި ބެހިވަޑައިގަންނަވާގޮތަށް ދައުލަތްދަރަނިކޮށް އެތައް ބިލިޔަންޑޮލަރުގެ ދަރަނިނަގައިގެން ތަރައްޤީކުރި ސޯޝަލް ހައުސިންގ ފުލެޓްތައް ލިބުނުމީހުން އެއްބަސްވުމާއިއެއްގޮތަށް އެތަންތަނަށް ދައްކާންޖެހޭ ފައިސާ ނުދައްކާނަމަ އެއްބަސްވުން ބާތިލްކުރަން ނުވަތަ އެއްބަސްވުމުގައިވާގޮތަށް ފުލެޓް ޙަވާލުކުރި ފަރާތްތަކުން ފައިސާހޯދަންވެސް މަސައްކަތް ކުރަންވާނެ. އެހެންނޫނީ ފުލެޓް ދޭންވެސް އުޅޭނެ ކަމެއްނެތް.
އޮނަރަބްލް އަފީފު ދީދީ
19 June 2025
ރައީސުލް ޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ފުލެޓްގެކަންކަމާއި ބެހިވަޑައިގަންނަވާގޮތަށް ދައުލަތްދަރަނިކޮށް އެތައް ބިލިޔަންޑޮލަރުގެ ދަރަނިނަގައިގެން ތަރައްޤީކުރި ސޯޝަލް ހައުސިންގ ފުލެޓްތައް ލިބުނުމީހުން އެއްބަސްވުމާއިއެއްގޮތަށް އެތަންތަނަށް ދައްކާންޖެހޭ ފައިސާ ނުދައްކާނަމަ އެއްބަސްވުން ބާތިލްކުރަން ނުވަތަ އެއްބަސްވުމުގައިވާގޮތަށް ފުލެޓް ޙަވާލުކުރި ފަރާތްތަކުން ފައިސާހޯދަންވެސް މަސައްކަތް ކުރަންވާނެ. އެހެންނޫނީ ފުލެޓް ދޭންވެސް އުޅޭނެ ކަމެއްނެތް.