4،000 ފްލެޓުގެ އެއްބަސްވުން ހަދަން ނިންމާފައި ވަނީ 25 އަހަރަށް ކަމަށާއި އެ ތަންތަން މިލްކު ކޮށްދޭނީ އިންސްޓޯލްމަންޓް ފައިސާ ދައްކައި ނިމުމުން ކަމަށް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފައި.
ގެދޮރުވެރިޔާ ފްލެޓްތައް: ގެދޮރުވެރިޔާ ފްލެޓްތަކުގެ ތަޅުދަނޑި ދެނީ 25،000ރ. ގެ ޑައުންޕޭމަންޓެއް ދެއްކުމުން ކަމަށް ފަހި ޔޫނިއަނުން ބުނި.-- ފޮޓޯ: މިހާރު
20 ޖުލައި 2025 - 20:11
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަނީ 25،000ރ. ގެ ޑައުންޕޭމަންޓެއް ދެއްކުމުން ކަމަށާއި މަހު ކުލި ނުދައްކާ ނަމަ ބޮޑު ޖޫރިމަނާއެއް ކުރާ ގޮތަށް ވެސް އެއްބަސްވުމުގައި ހިމަނާފައިވާތީ ފަހި ޔޫނިއަން ޖަމިއްޔާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އިސްވެރިންނާ އެކު ފަހި ޔޫނިއަނުން ބޭއްވި ބައްދަލުވުމަކަށް ފަހު، ނެރުނު ނޫސްބަޔާނެއްގައި ކަންބޮޑުވުން ފާޅުކުރިއިރު، ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ އެއްބަސްވުން މި ވަގުތަށް ހަދަން ނިންމާފައި ވަނީ 25 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެ ތަން ލިބޭ މީހުންނަށް މިލްކު ކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސް ކުރުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ މިދިޔަ މަހު އިއުލާން ކުރައްވައިފަ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އެ އުސޫލުން އަމަލު ކުރަން ނިންމީ ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވުމުން ކަމަށެވެ.
އެހެންވެ، ކުލި ނުދައްކާ މައްސަލަ ހައްލު ކުރަން 4،000 ހައުސިން ޔުނިޓުތައް މިލްކުވާ އުސޫލާއި އިންސްޓޯލްމަންޓަށް ވަކި އަދަދެއް ނަގާނެ ކަން މިނިސްޓަރު މުއްތަލިބު ވަނީ ކުރިން އިއުލާން ކުރައްވައިފަ އެވެ.
ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓް ލިބޭ މީހުންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ، ފަހި ޔޫނިއަނުން ނެރުނު ނޫސްބަޔާނުގައި ބުނީ، ގެދޮރުވެރިޔާ ފްލެޓްތަކުގެ މައުލޫމާތު ހޯދުމަށް އެފްޑީސީއާއެކު އެ ޖަމިއްޔާއިން މިއަދު ބައްދަލު ކޮށްފައިވާ ކަމަށެވެ. ގެދޮރުވެރިޔާ ސްކީމަކީ އެހެނިހެން ސޯޝަލް ހައުސިން ސްކީމްތަކާ ހިލާފަށް ދޫކުރާ ސްކީމެއް ކަމަށް އެފްޑީސީން ބުނެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ފަހި ޔޫނިއަނުން ބުނީ ގެދޮރުވެރިޔާ ފްލެޓްތަކަކީ ކުއްޔަށް ދޫކުރާ އުސޫލުން ދޭ ފްލެޓްތަކެއް ކަމަށް އެފްޑީސީން ބުނެފައިވާ ކަމަށެވެ. އެއީ އެހެން ރިއަލް-އެސްޓޭޓް ކުންފުނިތަކުން ވެސް، ދިގު މުއްދަތަށް އަގު ދައްކާ ހަލާސް ކުރަމުން މިލްކުކުރެވޭ އުސޫލުން 25 އަހަރަށް ދޫކުރާ ފްލެޓްތަކެއް ކަމަށް އެފްޑީސީން މައުލޫމާތު ދީފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ނަމަވެސް، ރާއްޖޭގައި އެންމެ ފަހުން ދޫކުރި ސޯޝަލް ހައުސިން ފްލެޓްތައް ކަމަށްވާ "ހިޔާ މަޝްރޫއު"ގެ ފްލެޓްތައް ދޫކޮށްފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އެ ލިބޭ މީހާގެ އަމިއްލަ މިލްކެއްގެ ގޮތުގައި ކަމަށާއި އެ ފްލެޓްތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހި، އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ތަޅުދަނޑި ހަވާލުކުރި ކަމަށް ފަހި ޔޫނިއަނުން ބުންޏެވެ.
ފަހި ޔޫނިއަނުން ބުނީ ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުން ޑައުންޕޭމަންޓުގެ ގޮތުގައި 25،000ރ. ދައްކަން ޖެހޭނެ ކަމަށާއި ދަޅުގަނޑި ހަވާލުކުރާނީ އެ ފައިސާ ދެއްކުމުން ކަމަށް އެފްޑީސީން އެ ޖަމިއްޔާ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ނުދައްކައިފި ނަމަ މަހު ކުއްޔަށް 7،000ރ. ދައްކާ ދެ ކޮޓަރީގެ ފްލެޓްތައް 15،000ރ. ގެ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހޭ ކަމަށާއި މަހު ކުއްޔަށް 9،000ރ. ދައްކާ ތިން ކޮޓަރީގެ ފްލެޓްތައް 25،000ރ. ގެ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހޭ ކަމަށް، އެ ފްލެޓްތަކާ ހަވާލުވުމަށް ހަދާ އެއްބަސްވުމުގައި އެފްޑީސީން ހިމަނާފައިވާ ކަމަށް ފަހި ޔޫނިއަނުން ބުންޏެވެ.
ނަމަވެސް، މި މައުލޫމާތު އެފްޑީސީން "މިހާރު" އަށް އަދި ކަށަވަރުކޮށް ނުދެ އެވެ.
ފަހި ޔޫނިއަނުން ބުނިީ، މިއީ މި ސަރުކާރުން މި ފްލެޓްތައް ދިނުމުގައި އަމަލުކުރާނެ ކަމަށް ކުރިން ބުނެފައިވާ އުސޫލާ ހިލާފު ކަމެއް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ހިޔާ ފްލެޓާއި ވިނަރެސް ފްލެޓުތަކުގެ ކުލި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޑަކޮށްދެއްވި ފަދައިން ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ވެސް އެ ޖަމިއްޔާއިން ގޮވާލި އެވެ.
ކުރީގެ ސަރުކާރުން، ގެދޮރުވެރިޔާ ސްކީމްގެ ދެ ކޮޓަރީގެ ފްލެޓްތައް ދޭން ކަނޑައަޅާފައި އޮތް އަގަކީ މަހަކު 5،000ރ. ކަމަށާއި ތިން ކޮޓަރީގެ ފްލެޓްތަކަށް ކަނޑައެޅީ 7،000ރ. ކަމަށް އޭރު ހެދި އެއްބަސްވުންތަކުގައިވާ ކަމަށް ފަހި ޔޫނިއަނުން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުން މާދަމާ ފަށާނެ ކަމަށް އެފްޑީސީން ބުނެފައިވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރާނެ ދުވަހާއި ގަޑި އެނގޭނީ "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ކަމަށް އެފްޑީސީން ބުނެފައިވެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާރު ކުރިމަތިވެގެން އުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ ސޯޝަލް ހައުސިން ސްކީމުތަކަށް މަހުން މަހަށް ނުލި ނުދެއްކުމެވެ. މިހާރު ވެސް އެޗްޑީސީ އަށް ލިބެންޖެހޭ އެކަމަކު ނުލިބޭ ކުލީގެ އަދަދު ބިލިއަނަކަށް އަރައެވެ.
އެޗްޑީސީގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެ ކުންފުނިން މެނޭޖްކުރާ ޕްރޮޖެކްޓްތަށް ބަލާއިރު އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ހިޔާ މަޝްރޫއުއިންނެވެ. ހަތް ހާސް ފްލެޓް ދޫކުރި އެ މަޝްރޫއުގެ ދަށުން ނުލިބި ހުރި ފައިސާގެ އަދަދު 628 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ ކުލީގެ ގޮތުގައި އެޗްޑީސީ އަށް ނުލިބި ހުރި ފައިސާގެ 70 ޕަސެންޓެވެ.
ހުޅުމާލެ 1 ގައި ހުރި ފްލެޓްތަކުން ނުލިބި ހުރީ 230 މިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ އަދަދުގެ 26 ޕަސެންޓެވެ. ބާކީ 37 މިލިއަން ރުފިޔާ ނުވަތަ ހަތަރު ޕަސެންޓް ނިސްބަތް ވަނީ ވިނަރެސް ފްލެޓްތަކުން ނުލިބޭ ފައިސާއަށެވެ.
ނުލިިބި ހުރި ކުލީގެ ޖުމްލަ އަދަދުގެ ތެރޭގައި މެނޭޖްމެންޓް ފީގެ އިތުރުން ޖޫރިމަނާ އާއި އިންސްޓޯލްމެންޓްގެ ގޮތުގައި ދައްކަން ބުނެފައިވާ އަދަދުތައް ވެސް ހިމެނެ އެވެ.
އެޗްޑީސީ އަށް ނުލިބި ހުރި ކުލީގެ ތަފްސީލު
ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގައި އުޅޭ މީހުން ކުލި ދައްކާ ގޮތުގެ މައުލޫމާތު މަރުކަޒީ ބޭންކު، އެމްއެމްއޭގެ "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" އަށް އަރާ ގޮތް މިދިޔަ މާޗު މަހުން ވަނީ ހަދައިފި އެވެ.
އެ މަހުން ފެށިގެން އެ ކުންފުންޏަށް ފައިސާ ދައްކަން ޖެހޭ ކަސްޓަމަރުންގެ މައުލޫމަތު އެ ސިސްޓަމަށް އަޕްޑޭޓު ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.
އެމްއެމްއޭގެ ކްރެޑިޓް އިންޕޮމޭޝަން ސިސްޓަމަށް އެ މައުލޫމަތު އަޕްޑޭޓްވާން ފެށުމުން ފައިސާ ދައްކަން ޖެހޭ ކަސްޓަމަރުންނަށް އެހެން އެއްވެސް މާލީ އިދާރާއަކުން ކްރެޑިޓް ދޫކުރުމުގެ ކުރިން ނުވަތަ ރީސްޓަކްޗާ ކުރުމުގެ ކުރިން ނުވަތަ ލޯނު އެއްބަސްވުން އާ ކުރުމުގެ ކުރިން ނުވަތަ ލޯނުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން ކުލި ނުދެއްކުމުގެ ހިސާބުތައް ވެސް އިވެލުއޭޓު ކުރާނެ އެވެ.
އެހެންވެ، އެޗްޑީސީން ދޫކޮށްފައިވާ އެއްވެސް ފްލެޓެއްގެ ކުލި ނުދައްކާ ނަމަ އެ މީހެއްގެ ކްރެޑިޓް ރޭޓިން ދަށްވުމުގެ ފުރުސަތު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
21 July 2025
ކިތަންމެ އޮމާންކޮށް ކަމެއް ގެންދިޔަޔަސް ގަޑުބަޑުކުރަން އުޅޭ ބަޔަކު އުޅޭނެ. ލޯނު ނަގައިން ހިންގާ މިފަދަ ޕްރޮޖެކްޓްތައް އިތުރަށް ކުރިއަށް ގެންދެވޭނީ ކޮންމެވެސް ގޮތަކުން ފައިސާ ހޯދައިގެން. ފުލެޓު ދޭ ފަރާތާ އެއްފަދައިން ފުލެޓުލިބޭ ފަރާތްތަކުގެ ވެސް ޒިންމާއެއް އޮންނަންވާނެ
އަހުމަދު ނަރީސް
21 July 2025
25000ރ ގެ މަގުން 4000 އަށް ރުފިޔާ ނެގީމަ ،100 މިލިއަން ރުފިޔާ ލިބޭނެ. ދެން 25 އަހަރު ވަންދެކަށް ކުލި ދައްކާއިރު ހާދަ ފައިދާއެއް ލިބޭނޭ ދޯ
ގޮނުއަނގަ
21 July 2025
ޖޫރިމާނާއަކީ ފައިސާ ދެއްކުމަށް ބާރު އެޅުމަށް ދީފައި އޮންނަ އަދަބެއް. ތަންތަން ލިބުނީމާ ފައިސާ ނުދެއް ހުރެގެންނުވާނެ. ޖޫރިމާނާނވާނީ ފައިސާ ނުދެއްކީމާ. ޥަކި މުއްދަތެއްގައި ފައިސާ ނުދެއްކުމުން މުހުލަތެއް ދެވިދާނެ. އެވަރުން ނުވާނަމަ ޖޫރިމާނާ ހަމަ ދައްކަންޖެހޭނީ
ޜަސީދު05
21 July 2025
ތިއޮތް ޔުނިއަނެއް
ކުލި
21 July 2025
704 ފުލެޓް ދިންއިރުވެސް 25000 ރުފިޔާ ޑައުން ޕޭމަންޓަށް ދައްކަންޖެހުނު. އަދި 7000 ރުފިޔާ ކުލީގެ ގޮތުގައި ދައްކަންޖެހޭ. މިހާރުވެސް އަހަރުމެން މިތިބެނީ ކުލި ދައްކާލަ ދައްކާ 25 އަހަރު ވަންދެކަ. އޭގެފަހުން މިލްކުވަނީ. މީ ވަރަށް ދެރަކަމެއް.
މާޖިދްް
21 July 2025
އަހަރެމެންނަށް އޭރުވެސް އެނގޭ ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ފްލެޓް ދޫކުރާތީ އެމްޑީޕީ ބޮޓުންނަށް ހަޖަމެއް ނުވާނެކަން.
ހުދާާާ
21 July 2025
މިއީ ހަމަ ސީދާ އެމްޑީޕީ މީހުންވެގެން މިހާރު ރީއްޗަށް މި ފްލެޓްތަށް ދޫކުރާތީ ކޮންމެސް އެއްޗެކޭ ކިޔަންވެގެން މިމީހުން ޖަހާ ސަކަރާތެއް.
ސުލައިމާނު
21 July 2025
ކުލި ނުދައްކާމީހުން އަތުން ތަން އަތުލާފަ އެ ކުލި ދެއްކޭނެ މީހަކަށް ދިނުން ވަރަށް ރަނގަޅު ވާނެކަމަށްފެނޭ..
ނިއުޝާދްް
21 July 2025
މިއީ އަޖައިބެއްކަހަލަ ބައެއްނުން. މިމީހުންނަށް ނެތެއްނުން ސަލާމަތެއް.
ޣަނިއަ
21 July 2025
ފަހި ޔޫނިއަން ޖަމިއްޔާ ނޭގުނީތަ ކުރިން ދޫކުރި ފިނިސިން ނުނިންމަ ދިނީމަ ހަދަންވެސް 1 ނުުނީ 2 ލައްކަ ދިޔަ ދެން 25 ހާސްބޮޑުތަ މާލޭގަވެސް ތީގެދެގުނަ އެޑުވާސްނަގާބަ