ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތައް: ފްލެޓް ލިސްޓަށް 2،800 ޝަކުވާ ހުށަހަޅާފައިވޭ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
20 ޖުލައި 2025 - 10:43
ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބިމެއް އޮތް ނަމަ، ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރަން ނިންމި ނިންމުން ބަދަލުކޮށްފި އެވެ.
ފްލެޓްތަކާ ގުޅޭ ޕްރެސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވާ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ ނަމަ، ފްލެޓް ލިބޭނީ އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ އެވެ. އެކަމަކު މިއީ، ކުރީ ސަރުކާރުން ފްލެޓަށް އެދި ހުޅުވާލި އުސޫލްގައި ހިމަނާފައި ނުވާ ކަމެއް ކަމަށް ބުނެ ފްލެޓް ލިބުނު ބައެއް މީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ބުނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭނީ، ބިންވެރިޔާ ސްކީމްގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ މީހުންނަށް ކަމަށް ނިންމުމަކީ، އެއީ އާއްމުންގެ ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށެވެ.
އެހެންވެ، އެކަމަށް ރިއާޔަތްކޮށް އެ ނިންމުން ބަދަލުކުރީ ކަމަށް ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ އެ އިއުލާން، ބާތިލްކުރަން ނިންމީ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖައްސާފައިވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅުން ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރަތްކޮށް ދިރިއުޅެން ފެށުމަށް ވަގުތު ނަގާނެތީ ކަމަށެވެ.
"ނޮވެމްބަރު 15، 2023 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާއިން އިއުލާންކުރި ލިސްޓާ ގުޅިގެން، ފްލެޓު ނަންބަރު ގުރުއަތު ނަގައި ލިބޭ ފްލެޓު ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން ދެންނެވުނު ބިންވެރިޔާ ސްކީމުން އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައިނުވާނެ އެވެ،" މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ފްލެޓު ލިބޭ މީހުންނާއެކު މާދަމާ އެގްރިމެންޓުގައި ސޮއިކުރަން ފެށުމަށް ތައްޔާރުވަމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައެޅިއަސް، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށް ހައުސިން މިިނިސްޓްރީން ބުނެފައި ވެ އެވެ. އެކަމަކު މި ސަރުކާރުގެ ނިންމުމަކީ ކުރީގެ ސަރުކާރުގެ ލިސްޓަށް ފްލެޓްތައް ދޫކުރުމެވެ.
"ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު"ގެ ތިންވަނަ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެ ސްކީމުގެ ދަށުން ގޯތި ހޯދުމަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެއްގެ ގޮތުގައި "މާލެ ސަރަހައްދު [މާލެ، ހުޅުމާލެ، ވިލިނގިލި]ގައި" އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހި ކަމެއް ރަޖިސްޓަރީވެފައި ނެތުން ކަމަށެވެެ. އަދި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައި އޮތް ނަމަ އެތަނެއް ދޫކޮށްލަން ޖެހޭނެ ކަމަށެވެ. މާލެ ސަރަހައްދު ނޫން އެހެން ތަނެއްގައިި ގޯއްޗެއް އޮވެގެން ނުވާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
ފަހުން ގެނައި ބަދަލާ ގުޅިގެން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލު ގެނައީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަން ޖެހެނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށް ވާތީ ކަމަށެވެ.
ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައި މުއްތަލިބް ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވީ ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށް ވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ އެވެ.
އެ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
21 July 2025
ބޯހިޔާވަހި ކަން ހައްލު ކުރާކަން ހަޤީޤަތުގަ އެއްވެސް ސަރުކާރަކުން ނޫޅޭ، އެކަމަކު މާލޭ މީހުން ރުއްސަން ހުރިހާ ސަރުކާރަކުންވެސް އެބަ މަސައްކަތް ކުރޭ... އިބޫ އެކޭ މުއިއްޒެއް.... މިވީ ގޮތަކީ ކުރީސަރުކާރުން އެމީހުނަށް ބޯހިޔާވައްސެއްގެ އިތުރުން ކުއްޔަށް ދޭނެ ތަންތަންވެސް.... ކުރީ ސަރުކާރު ވެއްޓުނީވެސް.... ލައްގާ ހުރަ އަށް އަބަދު ތިޔަ ލައްގަނީ... އަހަރުމެން މިހާލުގަ ތެޅިތެޅި... ރަށަކުންވެސް މާލެ އަކުން ބޯހިޔަލެއް ނެތި.. މުޅި ޢުމުރު ކުލީ އަޅުން ގޮތުގަ..
ރަޝުގަ ނޫޅޭމީހާ
21 July 2025
ރަށުގަ ރަޖިސްޓްރީގަ އޮތަސް ރަށުގަ ނޫޅެޔޭކިޔާފަ ގޯއްޗެއް ނުލިބޭ. އެކަމަކު މާލޭ މީހާ އުމުރު ދުވަހު ރާއްޖޭން ބޭރުގަ ދިރިއުޅުނަސް މިލިއަނުން ވިއްކާ ބިން އެމީހުންނައް ހިލޭ.
ފުލެޓުކަޓު
20 July 2025
ކޮންމެ ސަރުކާރެއްގެ ވެސް އަމާޒަކީ ސޯޝަލް ހައުސިން ނަމުގަ ބެއިތުލްމާލުން ކަޓުނަގައި ހައުސިން ޕްރޮޖެކްޓު ހިންގައި އެއިން 80 ޕަސެންޓު މާލެ މީހުނަށް ލިބޭގޮތަށް ޝަރުތުތައް ހެދުން
ޢެޑްމުންޑޯ
20 July 2025
ގޯއްޗާއި ފްލެޓް ވެސް އެއްބަޔަކަށް ، ވަރަށް ބޭއިންސާފް
ކާށި
20 July 2025
ފޭސް 2 ގެ ގޯތިލިބުނު އާއިލާތަކަށްވެސް ފުލެޓުދޯ. ނޫނޭވާ ރަނގަޅު.
ކައިފި
20 July 2025
މިހާރު އަނެެއްކާވެސް ބަޔަކު ފުލެޓްތަކެއް ފޭރިގަންނަންވެގެން. ބިންވެސް ފުލެޓްވެސް ހަމަ އެއްބަޔަކަށް ތިދެނީ. ނުލިބޭ މީހާޔަށް އެއްވެސް އެއްޗެއް ނުލިބޭގޮތައް ތިހެދީ. ވަރަށް ސަލާން! އެވާހަކަ ބުނެލީ.
ފަހިފްލެޓް
20 July 2025
އެހެން ވީމާ ވިނަރެސް ފްލެޓް ލިބުން މީހުންނަށްވެސް ލިބޭނެެ ދޯ. ސަބަބަކީ ފަހިފްލެޓް އަށް އެޕްލައިކުރި އިރު ވިނަރެސް ފްލެޓް ލިބިފަ ނެތުން.
ގަރުބަޗޯފު
20 July 2025
ރަށްރަށުން ގޯތިދޭއިރު އަނބިމީހާގެ ގޯއްޗެއް އޮތިއްޔާ ނުލިބި ކ.މާލޭމީހުނަށް މިގޮތަށް ދެވެނީ ކޮން އުސޫލަކުންތަ؟
ޑަކުތަރު ކޮސް
20 July 2025
އެހެންވީމަ އަނބިމީހަ ނުވަތަ ފިރިމީހާގެ އަމިއްލަ ފައިސާއިން ގަނެފަ ތަނެއް ހުރީމަ ކީއްވެޔޯ ދެން އިނދެގެން އުޅޭ މީހައަށް ފުލެޓު ނުދެނީ؟ ބަންޑާރަ ގޯތި އެކަކަށް ދީފަ އަނެކަކަށް ސޯޝަލް ފުލެޓް! ހަމައެއް ނުޖެހޭ ތިގޮތެއް.
އެނދި ވުޒާރާގެ ވެރިޔާ
20 July 2025
ސިޓީކައުންސިލަރ ސައިފް އާއި ވަރަށް ހަޑިކޮށް ޒުވާބުކުރި އޯޑިއޯއެއްގެ އަޑު އިވުނު. ހީވަނީ ގޭންގް މާސްޓަރެއް ހެން އެކަމަކު ދީލާލައި މާލޭ ބޭފުޅުންވީމަ ހަމަ ގޯއްޗާއި ފްލެޓްވެސް ދޭންތާ މިޖެހުނީ.