ހުޅުމާލޭގެ ސޯޝަލް ހައުސިން ބައެއް ފްލެޓްތައް --- ފޮޓޯ: މިހާރު
17 ޖުލައި 2025 - 16:27
ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގައި އުޅޭ މީހުން ކުލި ދައްކާ ގޮތުގެ މައުލޫމާތު މަރުކަޒީ ބޭންކު، އެމްއެމްއޭގެ "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" އަށް އަރާ ގޮތް ހަދައިފި އެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެމްއެމްއޭގެ "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" ގައި މިދިޔަ މާޗު މަހު އެ ކުންފުނިން ބައިވެރިވެފައިވާ ކަމަށެވެ. އެ މަހުން ފެށިގެން އެ ކުންފުންޏަށް ފައިސާ ދައްކަން ޖެހޭ ކަސްޓަމަރުންގެ މައުލޫމަތު އެ ސިސްޓަމަށް އަޕްޑޭޓު ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، އެކަން ކުރީ އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމާއި ކުންފުނީގެ މާލީ ގާބިލުކަން އިތުރު ކުރުމަށާއި އާންމު ރައްޔިތުންނަށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކަމަށެވެ.
އެމްއެމްއޭގެ ކްރެޑިޓް އިންޕޮމޭޝަން ސިސްޓަމަށް އެ މައުލޫމަތު އަޕްޑޭޓްވާން ފެށުމުން ފައިސާ ދައްކަން ޖެހޭ ކަސްޓަމަރުންނަށް އެހެން އެއްވެސް މާލީ އިދާރާއަކުން ކްރެޑިޓް ދޫކުރުމުގެ ކުރިން ނުވަތަ ރީސްޓަކްޗާ ކުރުމުގެ ކުރިން ނުވަތަ ލޯނު އެއްބަސްވުން އާ ކުރުމުގެ ކުރިން ނުވަތަ ލޯނުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން ކުލި ނުދެއްކުމުގެ ހިސާބުތައް ވެސް އިވެލުއޭޓު ކުރާނެ އެވެ. އެހެންވެ، އެޗްޑީސީން ދޫކޮށްފައިވާ އެއްވެސް ފްލެޓެއްގެ ކުލި ނުދައްކާ ނަމަ އެ މީހެއްގެ ކްރެޑިޓް ރޭޓިން ދަށްވުމުގެ ފުރުސަތު އޮންނާނެ އެވެ.
އެޗްޑީސީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ ކުންފުންޏަށް ކުލީގެ ގޮތުގައި ނުލިބި 894 މިލިއަން ރުފިޔާ އެބަހުއްޓެވެ. އެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެ ކުންފުނިން މެނޭޖްކުރާ ޕްރޮޖެކްޓްތަށް ބަލާއިރު އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ހިޔާ މަޝްރޫއުއިންނެވެ.
ހަތް ހާސް ފްލެޓް ދޫކުރި އެ މަޝްރޫއުގެ ދަށުން ނުލިބި ހުރި ފައިސާގެ އަދަދު 628 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ ކުލީގެ ގޮތުގައި އެޗްޑީސީ އަށް ނުލިބި ހުރި ފައިސާގެ 70 ޕަސެންޓެވެ. ހުޅުމާލެ 1 ގައި ހުރި ފްލެޓްތަކުން ނުލިބި ހުރީ 230 މިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ އަދަދުގެ 26 ޕަސެންޓެވެ. ބާކީ 37 މިލިއަން ރުފިޔާ ނުވަތަ ހަތަރު ޕަސެންޓް ނިސްބަތް ވަނީ ވިނަރެސް ފްލެޓްތަކުން ނުލިބޭ ފައިސާއަށެވެ.
އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. މާނައަކީ 5،099 ފްލެޓަކުން ކުލި ނުދައްކަ އެވެ. އެހެންވެ، ކުލި ނުދައްކާ މީހުންގެ އަދަދު 60 ޕަސެންޓަށް އަރަ އެވެ.
މީގެ ކުރިން 2022 ގައި އެޗްޑީސީގެ ހިސާބުތަކުގައިވާ ގޮތުން ކުލި ނުދައްކާ މީހުންގެ އަދަދު އުޅުނީ 30-40 ޕަސެންޓާ ދެމެދުގެ އަދަދެއްގަ އެވެ. އެހެންވެ، ހަމައެކަނި މިދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ ކުލި ނުދައްކާ ނިސްބަތް ގާތްގަނޑަކަށް ދެ ގުނަ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިޔާމްބެ
19 July 2025
ތިގޮތަށް ކުލި ނުދައްކައިގެން ލޯނު ނުލިބިފަ ތިބި ހުރިހާ އެއްމަނަށް އިންތަހާބާ ކައިރިކޮށް ރައީސް ގެ ހެޔޮ ފުޅުކަމުން ސީދާ ރައީސްގެ އިރުޝާދުފުޅުގެ ދަށުން އެހެން އެންމެނަށްވުރެ ކުޑަ އިންޓްރަސްޓެއްގައި ލޯނު ލިބޭނެ. އެހެން ވީމަ ހާސް ކަނޑާލާ.
މިސްބާ
18 July 2025
ރަގަަޅު ބަރާބަރު, ކަރަންޓުވެސް ކަނޑާލަންވީ, ފެން ވެސް ކަނޑާލަންވީ. އެޕާޓްމަންޓް އެކްސެސް ވެސް ކަނޑާލަންވީ. ކުލި ނުދެއްކެންޏާ ރަށުގަ ތިބޭ.
އާދަނު33
18 July 2025
ކުލިނުދައްކާނަމަ އަތުލެވޭނެގޮތެއްނޯވޭދޯ؟؟ ތިޔާ ކޮންޖަހަކަލަ އެއްބަސްވުމެއްގެދަށުންދީފައިހުރިފްލެޓްތަކެއް؟!
ޛަނާހު
18 July 2025
އެއްބަސްވުމުގަ އެހެން އޮވޭ. ތަންފީޒު ކުރަން ބޭނުން ނުވަނީ
ހިލޭ ފްލެޓްލިބޭ؟
18 July 2025
ވެމްކޯއިން އެއޮތީ ކަރަންޓްބިލުން ކެެޑޭގޮތް ހަދާފަ. އެޗްޑީސީ އަކަށް ނުކެރުނޭ މިއޮށްހުރިހާ ދުވަހުވެސް އެކަހަލަ މޮޅުއެއްޗެއް ހަދާކަށް. ތަންކޮޅެއް ކެރިގެން ކަންތައްތައްވާނީ.
އިބުރާހިމުބެއްޔާ
18 July 2025
އިބުރާހިމު ވެރިކަމުގެ ދަހިވެތިކަމުގަ ހިލޭބަހާލި ގޯތިތަކުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު 50 ބިލިޔަން. މިފައިސާ އެންމެ ފުރަތަމ ހޯދާފަ ދެން ހިޔާ ފުލެތު މީހުންގެ ފަހަތުން އާދޭ އިނގޭ. 600 އަކަފޫޓު ހަމަނުވާ ދެކޮޓަރީގެ ހިޔާ ފުލެޓަކަށް ދައްކަންޖެހޭ ޢަދަދު މިލިޔަނަކަށްވުރެ ބޮޑުވާންވީ ކީއްވެ؟ ހިލޭ 10 މިލިޔަންރުފިޔާގެ ގޯތި ދެވޭ ދައުލަތަކަށް މިތަންތަން ހިލޭ ދެވޭނެ!
ގޯތި
18 July 2025
އިބުރާހީމު މާލޭ މީހުންނަށް ގޯތި ބޭހީމަ ދައުލަތައް ގެލުން ވަނީ ހަމައެކަނި... ރާއްޖެތެރޭ މީހުންނަށް 3000 އަކަ ފޫޓު ހިލޭ ބެހީމަ ދައުލަތަށް 100% ފައިދާވާ ކަހަލަ... އަޖައިބު
ފައިސަލ
18 July 2025
ފްލެޓަށް ވަތްއިރު ނޭނގޭތަ ފައިސާ ދައްކަން ޖެހޭނެކަމެއް. ތިބޭފުޅާގެ ގޯތި އޮންނާނެ ރަށުގަ. އިތުރަށް ހޯދައިގެން ތިހުރި ފްލެޓަށް ޖެހޭނީ ލާރި ދައްކަން. ކޮން ގޯއްޗެކޭ ކިޔާކަށް.
އިއްސެ
18 July 2025
ރަށުގެ ތިބެންވީނު މިތަނުން ފުލެޓަށް އެޕްލައި ނުކޮށް. ކަލެއަށް ރަށުން ގޯތި ދިނީ ސަރުކާރަށް ފައިސާ ދައްކައިގެން ގަނެގެންތަ?
ސަލިމާ
18 July 2025
ލޯނު ނުނެގީމަ ބެންކަށް ދޯ ގެއްލުންވާނީ. މީހުން ލޯނުނަގަނީ ބޮޑެތި އިންޓަރެސްޓް ބެންކަށް ދީގެން. ލޯނު ނަގަނީ ވެސް މަޖްބޫރު ކަމެއް އައީމަ.
ފަންވަތް
18 July 2025
ރަނގަޅު ނިންމުމެއް. ކޯޓަށް ވެސް މައްސަލަ ލާން ޖެހޭ. އެއްވެސް މީހަކު ގާނޫނުތަކާއި ގަވައިދު ތަކުގެ މަތީގައި އުޅެން ފުރުސަތެއް އޮވެގެން ނުވާނެ.
އޮނަރަބްލް އަފީފު ދީދީ
18 July 2025
ޤާނޫނީގޮތުން ހަދާފައިވާ އެއްބަސް ވުމާއި އެއްގޮތަށް ފުލެޓަށް އަގު ނުދައްކާ މީހުނާއި ދެކޮޅަށް އަޅާންޖެހޭ ޤާނޫނީ އެއްވެސް ފިޔަވަޅެއް ނާޅާ މާލޭސަރުކާރުން މިދައްކަނީ ފަލަސްތީނު ނައްތާލަން ހަނޤުރާމަކުރާ އިޒްރާއީލް ސަރުކާރު އެމީހުނަށް ވާގިވެރިވާ ބާޢީ ޖަމާއަތް ތަކާއި ދެކޮޅަށް އިންޒާރުދޭކަން ދައްކަން ދައްކާ އުޅޭ ފަދަ މަކަރުވެރި ހީލަތް ތެރި ވާހަކަ ތަކެއް. ތިކަމުގެ އެއްވެސް އަސަރެއް ފުލެޓްގެ މިލްކްވެރި މާލޭމީހާ އަކަށް ނުކުރާނެކަން މާލޭ ސަރުކާރަށް އިގޭނެ.
ކުލިނުދެއްކުން
18 July 2025
ކުލިނުދައްކާ މީހުން އެއަރައިގަންނަނީ ދެންތިބި ރައްޔިތުންގެ ހައްގަކައް. އެއީ ކުލިނުދައްކާނަމަ އެތަންތަން ހަދަންނެގި ލޯނުތައް ދައްކަންޖެހެނީ ހުރިހާ ރައްޔިތުންއަތުން ނަގާ ޓެކްސްތަކުންކަމައްވާތީ. އަދި ކުލިނުދެއްކުމަކީ ޑޮލަރުގެ އަގުއުފުލެންވެސް މެދުވެރިވާނެ ސަބަބަކައްވާތީ. ޑޮލަރުގެ އަގު އުފުލޭވަރަކައް މުދަލުގެ އަގުވެސް ބާޒާރުގަ އުފުލޭނެ އެތަކުލީފު އުފުލަންޖެހެނީ ހުރިހާ ރައްޔިތުން.
ަލިޔަ
18 July 2025
ބަލަ ހަމަ ތި ޓެކްސް ފައިސާ ވާހަކަ އޮއްވާ ހިލޭ ބިން ދިނީ.. އެ ގެއްލުން ވެސް ހަމަ ފޫބައްދަން ޖެހެނީ ރައްޔިތުންގެ އަތުން.. ރިސޯޓު ކުލި ނުދައްކާ މަހުޖަނުންނަށް ލިބޭ އެއްވެސް އަދަބެއްވެސް ނެތް... ހަމަހަމަ ވާން ޖެހޭނެ.. ހަމަހަމަ ނުވެ ވަކި ބަޔަކަށް ވަކި ގޮތެއް ހަދަން ދޯ ބޭނުން ވަނީ...
ޙަމްޕު
18 July 2025
ފަޔަރ އެލާމު ނުކުރޭ މަސައްކަތެއް. ޏެތް މެއިންޓަނަންސް ކޮށްފައެއް..ލިފްޓެއް ވެސް ނެތް.. ޓައިލްސް އަރާ.. ހާދަހާ އަގު ވެސް ބޮޑޭ ..މަގުމަތީ ނިދާށޭ ދެން ބުނާނީ. ޥެރީ ސަބްޖެކުޓިވް
ޞުލޯ
18 July 2025
ދެން ނުދައްކާ ހުރީމަ މޮޅުތަކެއް ވޭތަ؟