ހދ. ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ ބިންގާ އަޅައިފި އެވެ. 

ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ބިންގާ އަޅައި ދެއްވީ އެރަށުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދާއި ކުުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުހައްމަދާއި ޓީމް ވަން އިންޑިއާ ކުންފުނީގެ ޑިޒައިން ޑިރެކްޓަރު ބަޝީރު އަހުމަދެވެ.

އެ ރަސްމިއްޔާތުގައި ޒުހައިރު ވިދާޅުވީ އެ މަޝްރޫއުއަކީ އެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން އިމާރާތްކުރާ 2،000 ހައުސިން ޔުނިޓު ކަމަށެވެ. 

އެ މަޝްރޫއު ކުރިއަށް ގެންދަނީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން އިފްތިތާހުކުރި ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ކަމަށް ޒުހައިރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ދަށުން މިކްސްޑް ރެޒިޑެންޝަލް އިމާރާތުގައި 1،156 ފްލެޓު އެޅުމާއެކު އަމިއްލަ ގެދޮރުގައި ހައުސިން ޔުނިޓް ތަރައްގީކުރާނެ އެވެ. 

އެ މަޝްރޫއުގައި އަޅަނީ 14 ބުރީގެ 13 ޓަވަރެވެ. އެއިން ކޮންމެ ފްލޯއެއްގައި ހުންނާނީ 12 ފްލެޓެވެ. ތިން ކޮޓަރީގެ އެ ފްލެޓުތަކަކީ 900 އަކަފޫޓުގެ ފްލެޓުތަކެކެވެ. 

ޒުހައިރު ވިދާޅުވީ ފުރިހަމަ ވަސީލަތްތަކާ އެކު ތަރައްގީކުރާ އެ ތަންތަނާއެކު ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުވެ، އަމިއްލަ ފުރާޅެއްގެ ދަށުގައި ހިތްހަމަޖެހިގެން އުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ބިންގާ އެޅުން ލަސްވީ އިދާރީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މަޝްރޫއު ފެށުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު، އެ ކުންފުންޏަކީ ޑިޒައިން ކުރުމާއި ޕްލޭނިން އަދި ކޮންސްޓްރަކްޝަނާއި އިންޖީނިއަރިންގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ އޮތް ކުންފުންޏެއް ކަމަށާއި އަދި އެއީ ދުނިޔޭގެ އެކި ގައުމުތަކުގައި ކާމިޔާބުކަމާ އެކު މަސައްކަތް ފުރިހަމަކޮށްފައިވާ ކުންފުންޏެއް ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.

މީގެ އިތުރުން ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް އަލުން ފަށަން ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ 11 ބުރިއަށް އަޅާ ފަސް ޓަވަރެވެ.

ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފެށީ މެއި، 2023 ގަ އެވެ. އެ މަޝްރޫއު އޭރު ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުނި، ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާ އެވެ.

އެކަމަކު މަޝްރޫއު ހުއްޓިފައި އޮތުމުން އަލުން އެ މަޝްރޫއު ފަށަނީ ރެއިންބޯ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއުއާ އެކު ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ޒުހައިރު ވިދާޅުވި އެވެ.