ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަ އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އެފްޑީސީން މިއަދު އާންމުކުރީ އެ ކުންފުނީގެ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ދިރިއުޅޭ މީހުން ހުށަހަޅާފައިވާ މައްސަލަތަކެވެ.
އެ ކޯޕަރޭޝަނުން ބުނީ އެ ތަންތަނުގައި މީހުން ދިރިއުޅެން ފެށީއްސުރެ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޕަރޭޝަންގެ ޕޯޓަލް އާއި އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށް ޖުމްލަ 6،917 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން 6،128 މައްސަލަ ހައްލުކޮށްދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ފްލެޓްތަކާ ގުޅޭގޮތުން މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވާ ކަންކަން:
- އެންމެ ގިނައިން ހުށަހަޅާފައިވަނީ ފެން ލީކުވުމާއި އިމާރާތުގެ މެއިންޓެނަންސްއާ ގުޅުންހުރި މައްސަލަތައް
- ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މައުލޫމާތު އަޕްޓޭޑް ކުރުމާ ގުޅޭ ދަތިތައް
- އެޕާޓްމަންޓްތަކަށް ގެންނަން އެދޭ ބަދަލުތަކާ ގުޅޭ ޝަކުވާ
- އަޑުގަދަވުމުގެ އުނދަގުލާއި ލިފްޓް މެއިންޓަނެންސް މައްސަލަތައް
ހައްލު ނުކުރެވި ބާކީ ހުރި 789 މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ޓީމުތަކުން މިހާރު ވެސް ކުރަމުންދާ ކަމަށް އެފްޑީސީން ބުންޏެވެ.
އެފްޑީސީ ޓަވަރުތަކުގައި ދިރިއުޅޭ އާންމުން ގިނަ މައްސަލަތަކެއް އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާއިރު، މިމަހުގެ 14 ވަނަ ދުވަހު އެ ކުންފުނީގެ ފްލެޓްތަކުގެ ތެރެއިން ދެ ފްލެޓަތަކަށް ގަވާއިދުން ފައިސާ ނުދައްކާތީ، އެ ދެ ޔުނިޓުގެ އެއްބަސްވުން ބާތިލްކޮށް، ދެ ފުލެޓް ހުސްކުރަން ވެސް ވަނީ އަންގައިފަ އެވެ.
ނަމަވެސް ފަހުން އެ ދެ އެޕާޓްމަންޓަށް ފައިސާ ދައްކަން ފަށާފައިވާ ކަމަށް ވެސް އެ އެފްޑީސީން ވަނީ ބުނެފަ އެވެ.