ހުޅުމާލޭގެ ފަހި ފްލެޓްތައް ލިބުނު މީހުން ޓަވަރުތަކުގެ ތިރިއަށް އަޅާފައި ހުރި ކުނިބުނި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ނަގައި، އެ ތަންތަން ސާފުކޮށްފި އެވެ.
އެފްޑީސީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އަމާން ދޯދި މަޝްރޫއު ދަށުން އިމާރާތްކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް ޖުމްލަ 460 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުނި ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލެ 2 ގައި ހުންނަ 4،000 ފްލެޓު ހިމެނޭ ފަހި ފްލެޓްތަކުގެ ޓަވަރުތަކުގެ އާންމު ސަރަހައްދުތައް ސާފުކުރުމަށް ވެމްކޯއާ ގުޅިގެން ކުރިއަށް ގެންދާ އެ މަސައްކަތަކީ ސާފުތާހިރު ވެއްޓެއް ގާއިމުކުރުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށް އެފްޑީސީން ބުންޏެވެ.
އެހެންވެ، އެ މަސައްކަތަށް ޓަވަރުތަކުގައި ދިރިއުޅޭ މީހުން ފުރިހަމަ އެއްބާރުލުން ދިނުމަށާއި ކުނި އުކާލުމުގައި އެފްޑީސީން ކަނޑައަޅާފައިވާ އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޕޯސްޓުގައި އެފްޑީސީން ހިމަނާފައިވާ ވީޑިއޯގައި ބުނީ ފްލެޓްތަކުން އުކާލާ ބޮޑެތި ކުނި އުކުމުގެ ޒިންމާ އުފުލަން ޖެހޭނީ އެތަނެއްގައި ދިރިއުޅޭ ބަޔަކު އަމިއްލައަށް ކަމަށެވެ. އަދި އެފަދަ ކުނި ޓަވަރުތަކުގެ ގާބެޖު ރޫމްތަކާއި އާންމު ސަރަހައްދުތަކުގައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް އެ ޕޯސްޓްގައިވެ އެވެ.
އެފްޑީސީގެ ފަހި ފްލެޓުތަކުގެ 32 ޓަވަރެއްގެ ތިރިއަށް އަޅާފައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ފަހުން ކުނި އަޅާ ފަރާތްތަކަށް އެފްޑީސީގެ އުސޫލުގެ ދަށުން ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިގެންދާނެ ވާހަކަ ދަންނަވަން،" އެ ވީޑިއޯގައި ބުންޏެވެ.
ފަހި ފްލެޓު ލިބުނު މީހުން އެ ތަންތަނަށް ބަދަލުވުމަށް ގެންދާ ސާމާނާއި އެ ތަންތަނުގެ އިންޓީިރިއާ މަސައްކަތުގައި އުފެދޭ ކުނިން ޓަވަރުތަކުގެ ތިރި އޮތީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ. އެގޮތުން ފަރުނީޗަރާއި ތެލި ތައްޓާއި އޭސީ އާއި ޓީވީ ފަދަ އެކި ސާމާނުގެ ފޮށިތައް ފްލެޓްތަކުގެ ކޮރިޑޯ އާއި ދޮރުމައްޗާއި އެކި ތަންތަން ޖަމާކޮށްފައި ހުއްޓެވެ. ބައެއް ޓަވަރުތަކުގެ ލިފްޓް ކައިރީ ވެސް ބޮޑެތި ކުނި ފުނިތައް ޖަހާފައި ހުއްޓެވެ.
އެ މައްސަލާގައި ޝަކުވާ އާއި ފާޑުކިޔުން ބޮޑުވެފައި ވާއިރު ބައެއް މީހުން ބުނެފައިވަނީ ހުއްޓާނުލައި މަސައްކަތް ކުރަމުން ދާއިރު އަބަދު ކުނި އުކާލަން ދަތިވާ ކަމަށެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް އިއްޔެ ވިދާޅުވި ގޮތުގައި، ފްލެޓުގެ އެއްބަސްވުމުގައިވާ ގޮތުން އެފްޑީސީން އުކާލާނީ ގޭތެރޭގައި އާންމުކޮށް އުފެދޭ ކުންޏާއި ކުނިވާ ޒާތުގެ ތަކެތި އެކަންޏެވެ.
ބޮޑެތި ކުންޏާއި ފްލެޓަށް ބަދަލުވާއިރު އުފެދޭ ކުނި އުކާލުމުގެ ޒިންމާ ނަގަން ޖެހޭނީ ފްލެޓް ލިބުނު މީހުންނެވެ.