ފަހި ފްލެޓުގެ ޓަވަރުތަކުގެ އެކި ތަންތަނަށް ކުނި އަޅާ މީހުން ޖޫރިމަނާކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފަށައިފި އެވެ.

އެފްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމާރާތާއި ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ފެލްޓުތަކުގައި އުޅޭ މީހުންނަށް ނަސޭހަތްތެރިވާ ކަމަށެވެ. 

އުސޫލާ ހިލާފަށް ކުނި އުކާ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ޖޫރިމަނާކުރަމުން ދާނެ ކަމަށާއި މިހާރު ވެސް ޖޫރިމަނާ ތަންފީޒުކުރަން ފަށާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

އެފްޑީސީން ބުނީ ޓަވަރުތަކުގެ ތިރި އާއި ބޭރަށް ކުނި އަޅައި އުސޫލާ ހިލާފުވި ބައެއް މީހުން މިހާރު ވެސް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެމީހުން ޖޫރިމަނާކުރީ ކިހާ އަދަދަކުން ކަމެއް އަދި މިހާތަނަށް ޖޫރިމަނާކުރީ ކިތައް މީހުން ކަމެއް އެފްޑީސީގެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ. 

ހުޅުމާލޭގެ ފަހި ފްލެޓްތައް ލިބުނު މީހުން ޓަވަރުތަކުގެ ތިރި އާއި ބޭރަށް އަޅާފައި ހުރި ކުނިބުނި ނެގުމުގެ މަސައްކަތް އެފްޑީސީ އާއި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ. 

އެފްޑީސީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އަމާން ދޯދި މަޝްރޫއު ދަށުން އިމާރާތްކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް ޖުމްލަ 460 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުނި ކަމަށް އެ ކުންފުނިން ބުންޏެވެ.

ފްލެޓްތަކުން އުކާލާ ބޮޑެތި ކުނި އުކުމުގެ ޒިންމާ އުފުލަން ޖެހޭނީ އެތަނެއްގައި ދިރިއުޅޭ ބަޔަކު އަމިއްލައަށް ކަމަށާއި އެފަދަ ކުނި ޓަވަރުތަކުގެ ގާބެޖު ރޫމްތަކާއި އާންމު ސަރަހައްދުތަކުގައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް ވެސް އެފްޑީސީން ބުންޏެވެ. 

ފަހި ފްލެޓު ލިބުނު މީހުން އެ ތަންތަނަށް ބަދަލުވުމަށް ގެންދާ ސާމާނާއި އެ ތަންތަނުގެ އިންޓީިރިއާ މަސައްކަތުގައި އުފެދޭ ކުނިން ޓަވަރުތަކުގެ ތިރި އޮތީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ. އެގޮތުން ފަރުނީޗަރާއި ތެލި ތައްޓާއި އޭސީ އާއި ޓީވީ ފަދަ އެކި ސާމާނުގެ ފޮށިތައް ފްލެޓްތަކުގެ ކޮރިޑޯ އާއި ދޮރުމައްޗާއި އެކި ތަންތަން ޖަމާކޮށްފައި ހުއްޓެވެ. ބައެއް ޓަވަރުތަކުގެ ލިފްޓް ކައިރީ ވެސް ބޮޑެތި ކުނި ފުނިތައް ޖަހާފައި ހުއްޓެވެ.

ފަހި ފްލެޓުތަކުގެ އެއްބަސްވުމުގައިވާ ގޮތުން އެފްޑީސީން އުކާލާނީ ގޭތެރޭގައި އާންމުކޮށް އުފެދޭ ކުންޏާއި ކުނިވާ ޒާތުގެ ތަކެތި އެކަންޏެވެ.