ހދ. ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފަށަން ތައްޔާރުވެފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ. 

ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފެށީ މެއި، 2023 ގަ އެވެ. އެ މަޝްރޫއު އޭރު ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުނި، ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާ އެވެ.

އެކަމަކު މަޝްރޫއު ހުއްޓިފައި އޮތުމުން އަލުން އެ މަޝްރޫއު ފަށަނީ ރެއިންބޯ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ. 

އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސް، މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ. 

ކުޅުދުއްފުށީގައި އަޅާ 400 ހައުސިން ޔުނިޓުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަތެކެކެވެ. އެއީ 11 ބުރިއަށް އަޅާ ފަސް ޓަވަރެވެ. 

އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ޕްލޭނުގެ ދަށުން 2،000 ހައުސިން ޔުނިޓް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވައުދުވެވަޑައިގަތެވެ. 

މިދިޔަ އަހަރުގެ އޮގަސްޓުގައި ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ މަޝްރޫއު ހިންގުމަށް އެޗްޑީސީއާ ހަވާލުކޮށްފަ އެެވެ. އަދި ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އެދުވަހު އެވެ.

ސަރުކާރުން ނިންމާފައި ވަނީ 2،000 ހައުސިން ޔުނިޓުގެ ތެރެއިން 1،300 ޔުނިޓް ކުޅުދުއްފުށީ ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައަޅާފައިވާ ބިންތަކުގައި އިމާރާތް ކުރުމަށެވެ. އަދި ބާކީ 700 ޔުނިޓް ހާއްސަކުރީ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމަށެވެ.