ހުޅުމާލޭ ފޭސް 1 ގައި ހުންނަ ފްލެޓްތައް ބެލެހެއްޓުމާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުވެއްޖެ އެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ކުންފުންޏާއި ހައުސިން މިނިސްޓްރީއާ ދެމެދު މިދިޔަ އަންގާރަ ދުވަހު ހެދި އެއްބަސްވުމެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގައި ހުންނަ 704 ފްލެޓް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ އެ ކުންފުނިން ހަވާލުވެފައިވާ ކަމަށެވެ.
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހުޅުމާލެ ފޭސް 1 އިން ދީފައި ހުރި އެ ފްލެޓްތައް މީގެ ކުރިން ބެލެހެއްޓީ ހައުސިން މިނިސްޓްރީންނެވެ.
އެ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
"މިއަދުން ފެށިގެން 704 ފްލެޓުތަކަށް ދިމާވާ މެއިންޓެނަންސްގެ މައްސަލަތައް ހައްލުކުރުމަށް މި ކޯޕަރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް އާންމުކޮށް އަންގައި އިއުލާން ކުރަމެވެ،" އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.
އެތަންތަން ބެލެހެއްޓުމާ އެޗްޑީސީން ހަވާލުވިއިރު، ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓްތަކަކީ ވެސް އެޗްޑީސީން ބަލަހައްޓާ ތަންތަނެވެ.