ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި ސަރުކާރުގެ ފްލެޓާއި ގޯތި ދޭ އުސޫލަށް ގެނެސްފައިވާ ބަދަލުތަކާއެކު ގޯއްޗަށާއި ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓާއި ގޯތި ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށްފަހު އާ އުސޫލު މިއަދު އާންމުކުރީ މިއަދެވެ.
ހައުސިން މިނިސްޓްރީން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޭޕްރީލް 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އާ އުސޫލަށް އައި ބަދަލުތަކާ ގުޅޭގޮތުން މިނިސްޓަރު މުއްތަލިބް "މިހާރު" އަށް ވިދާޅުވެފައިވަނީ މިއަދު އާންމުކުރި އުސޫލުގައި މައިގަނޑު ގޮތެއް ހިމެނިފައިވާނީ ތިން ބަދަލެއް ކަމަށެވެ.
އެއީ ކުރިން ބޯހިޔާވަހިކަމެއް ލިބިފައި ވިޔަސް އުޅޭ ދަތިކަމުގެ ސަބަބުން އެތަނެއް ދޫކޮށްލުމަށްފަހު ދެ ކޮޓަރި ނުވަތަ ތިން ކޮޓަރިއަށް ކުރިމަތިލެވޭ ގޮތަށް ހެދުމާއި ރަށްވެހިކަން ބަލާ މުއްދަތު ކުރު ކުރުމުގެ އިތުރަށް އަނބިމީހާ/ފިރިމީހާގެ ތަނެއް މާލެ ސަރަހައްދުގައި ނެތްނަމަ އެޕްލިކޭޝަން ހުށަހެޅޭނެ ގޮތަށް ހަމަޖެއްސުމެވެ.
ފުރަތަމަ ބަދަލަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެކި ސްކީމްތަކުގެ ދަށުން ކުރިން އެއް ކޮޓަރި ނުވަތަ ދެ ކޮޓަރީގެ ފްލެޓު ލިބިފައިވާ މީހުން އެ ތަންތަން ދޫކޮށްލާ ގޮތަށް ތިން ކޮޓަރި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެ ގޮތް ހެދުމެވެ.
އެކަމަކު އެ ބަދަލު އެގޮތަށް ގެނައި ނަމަވެސް، ފްލެޓު ދިނުމުގައި އަދިވެސް އެންމެ އިސްކަމެއް ދޭނީ އަދި ޕޮއިންޓް ގިނައިން ލިބޭނީ ވެސް މިވަގުތު އެއްވެސް ކަހަލަ ބޯހިޔާވަހިކަމެއް ލިބިފައި ނެތް މީހުންނަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ކުރިން ފްލެޓު ލިބިފައިވާ މީހުންނަށް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓު ދޭނީ މިހާރު ލިބިފައި ހުރި ތަން ދޫކޮށްލަން އެއްބަސްވުމުންނެވެ.
އެ ބަދަލުތައް ގެނައީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިދިޔަ މަހާއި މި މަހު ބޭއްވި ބައްދަލުވުންތަކުގައި އާންމުންގެ ފަރާތުން ލިބުނު ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް މުއްތަލިބް ވިދާޅުވެފައިވެ އެވެ.