"ބޯހިޔާވަހިކަން އެންމެނަށް" ގެ ނަމުގައި ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ބީއެމްއެލް އިން ހުޅުމާލެ 1 ގައި އަޅާ 364 ފްލެޓުގެ ބިންގާ މިރޭ އަޅައިފި އެވެ.
އެ ބޭންކުގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން ހިންގާ އެ މަޝްރޫއުގައި 364 ފްލެޓު އަޅަން ހަވާލުކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓާ އެވެ. އެ ފްލެޓްތައް އަޅަނީ ހުޅުމާލެ 1 ގެ ޕޮލްކޯ ފްލެޓްތަކުގެ ފުރަގަހުގައި ހުސްކޮށް އޮންނަ ބިމުގަ އެވެ.
އެ ފްލެޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއާމަން އަހުމަދު އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފް އަދި އަމިން ކޮންސްޓްރަކްޝަންގެ ވެރިންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވި ގޮތުގައި، ބީއެމްއެލް އިން އިތުރު 540 ފްލެޓް އަޅަން ބޭނުންވާ ބިން ހައުސިން މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސައި ދީފަ އެވެ. އެއާ އެކު، އެ ބޭންކުން ޖުމްލަ 3،800 ފްލެޓް އަޅާނެ އެވެ.
އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އެހެން ބޭންކުތަކުން ވެސް މި ސްކީމްގައި ބައިވެރިވެ ފްލެޓް މަޝްރޫއުތައް ހިންގުން ކަމަށާއި އޭރުން ޖުމްލަ 5،000 ފްލެޓް އެޅޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ސަރުކާރުގެ އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން މި ފްލެޓުތައް އަޅަނީ ހުޅުމާލެ 1، 3 އަދި ވިލިމާލޭގަ އެވެ. މިދިޔަ ހަފުތާގައި 1,706 ފްލެޓާއި ރޭ 1,190 ފްލެޓާ އެކު، މިހާތަނަށް ވަނީ ޖުމްލަ 3،260 ފްލެޓުގެ ބިންގާ އަޅައިފަ އެވެ.
މި ހުރިހާ ފްލެޓުތަކެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިމޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.