ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އަގުހެޔޮ ފްލެޓުތަކުން ބައެއް ހައުސިން ޔުނިޓުތަކުގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ބީއެމްއެލްއިން ބުނީ ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްގީ ކުރާ 364 ހައުސިން ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މާލޭގައި މިވަގުތު 3260 ހައުސިން ޔުނިޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ހިނގަމުން އަންނަ ކަމަށާއި ބީއެމްއެލްގެ އަގުހެޔޮ ފްލެޓްތައް ވެސް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނިގޮތުގައި ހައުސިން ޔުނިޓުތައް ދޫކުރާނީ އެމްއެމްއޭގެ ހުއްދައާ އެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 2،700 ފްލެޓާ އެކު ޖުމްލަ 3،000 ފްލެޓް އަޅާނެ އެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަނާއި އެފްޑަބްލިއު ކޮންސްޓްރަކްޝަނާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އެވެ. ރާއްޖެއިން ބޭރުގެ ކުންފުނިތަކަކީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އެވެ.