އިތުރު 540 ފްލެޓާ އެކު، ގައުމީ ބޭންކް ބީއެމްއެލްގެ ހައުސިން މަޝްރޫއުގެ ދަށުން ޖުމްލަ 3،800 ފްލެޓް އަޅަން ނިންމާފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ. 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބީއެމްއެލް އިން ހުޅުމާލެ 1 ގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްގެން އިމާރާތްކުރާ 364 ފްލެޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އިތުރު 540 ފްލެޓް އަޅަން ބޭނުންވާ ބިން ހައުސިން މިނިސްޓްރީން މިހާރު ހަމަޖައްސައި ދީފައިވާ ކަމަށެވެ.

"މިރޭ އަޅުގަނޑު އަނެއްކާވެސް ދޭން ބޭނުންވަނީ އުފާވެރި ޚަބަރެއް. ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް ހައުސިން މިނިސްޓްރީން ވަނީ މި ދެންނެވި އުސޫލުގެ ދަށުން ބީއެމްއެލް އެފޯޑެބަލް ހޯމް ލީސިންގަށް އިތުރު ހައުސިން ޔުނިޓަށް ބިން ހަމަޖައްސާފައި،" އޭނާ ވިދާޅުވި އެވެ. 

"މިގޮތުން އަޅުގަނޑުމެން މި ވަނީ އިތުރު 540 ޔުނިޓް ގާއިމްކުރުމަށް ނިންމާފައި. އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން މި މަސައްކަތް ނިންމާލެވޭނެ ގާބިލް ދިވެހި ކުންފުންޏަކާ ނުވަތަ ކުންފުނިތަކަކީ މި މަސައްކަތް ހަވާލުކުރުން."

އެއާ އެކު، ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިން މާލެ ސަރަހައްދުގައި ޖުމްލަ 3،800 ފްލެޓް އަޅާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. 

އެމްއައިބީގެ ކަސްޓަމަރުންނަށް ވެސް ފްލެޓް ގަނެވޭނެ

ޝަރީފް ވިދާޅުވީ އެމްއެމްއޭގެ އެފޯޑެބަލް ހައުސިން ސްކީމްގެ ގަވާއިދުގެ ތެރެއިން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން އިމާރާތްކުރާ މި ފްލެޓްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކަސްޓަމަރުންނަށް، މި ސްކީމްގައި ކަނޑައަޅާފައިވާ ހެޔޮ އަގުގައި ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށް އެ ބޭންކުން ބުނެފައިވާ ކަމަށެވެ. 

އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އެހެން ބޭންކުތަކުން ވެސް މި ސްކީމްގައި ބައިވެރިވެ ފްލެޓް މަޝްރޫއުތައް ހިންގުން ކަމަށާއި އޭރުން ޖުމްލަ 5،000 ފްލެޓް އެޅޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ. 

ސަރުކާރުގެ އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން މި ފްލެޓުތައް އަޅަނީ ހުޅުމާލެ 1، 3 އަދި ވިލިމާލޭގަ އެވެ. މިދިޔަ ހަފުތާގައި 1,706 ފްލެޓާއި ރޭ 1,190 ފްލެޓާ އެކު، މިހާތަނަށް ވަނީ ޖުމްލަ 3،260 ފްލެޓުގެ ބިންގާ އަޅައިފަ އެވެ.

މި ހުރިހާ ފްލެޓުތަކެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިމޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.