މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 2،700 ފްލެޓް އަޅާނެ.
13 ނޮވެމްބަރ 2025 - 12:21
މަރުކަޒީ ބޭންކް، އެމްއެމްއޭގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން އަޅާ ފްލެޓްތަކުގެ މަޝްރޫއު ހިންގުމަށް ސަރުކާރުން ގައުމީ ބޭންކް، ބީއެމްއެލްއަށް ހުޅުމާލެ އާއި ވިލިމާލެއިން މިއަދު ބިން ހަވާލުކޮށްފި އެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީން ވަނީ 3،000 ފްލެޓް އިމާރާތް ކުރުމަށް ބޭނުންވާ ބިން ހުޅުމާލެ 1 އާއި ހުޅުމާލެ 3 އަދި ވިލިމާލެ އިން އެ ބޭންކަށް ހަމަޖައްސައިދީ، އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި 3،000 ފްލެޓްގެ މަސައްކަތް ކުރާނީ އެ މަޝްރޫއުއަށް ހާއްސަކޮށްގެން އުފައްދާފައިވާ އެ ބޭންކުގެ ފުރިހަމަ ހިއްސާ އޮންނަ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް" އިން ކަމަށެވެ.
މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފުކުރަން ނިންމައި އެކަމާ ބެހޭ އުސޫލު އެމްއެމްއޭ އިން މިދިޔަ މަހު ވަނީ އާންމުކޮށްފަ އެވެ. އަދި ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ކަނޑައަޅަންވާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، އެ ސްކީމްގައި ރާއްޖޭގެ ހުރިހާ ބޭންކެއް ބައިވެރިވުމަކީ އެމްއެމްއޭގެ އުސޫލުގެ ދަށުން ލާޒިމް ކަމެކެވެ. އެހެންވެ، ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދި މިހާތަނަށް ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ލޯނުގެ 52 ޕަސެންޓް ހިއްސާކުރާ ބޭންކުގެ ހައިސިއްޔަތުން އެ ސްކީމް ހިންގުމުގައި ބީއެމްއެލް އިން ވަރަށް ބޮޑަށް ޒިންމާދާރުވެ، އިސްނަގަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަގު ހެޔޮކޮށް ވިއްކާ ފްލެޓް އަޅަން ސަރުކާރުން ބީއެމްއެލްއަށް ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވާހަކަދައްކަވަނީ.-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ދަށުން އުފެއްދި ސަބްސިޑަރީ ކުންފުނި "ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް"ގެ ބޭނުމަކީ މި 3،000 ފްލެޓް އެޅުމަށް ފަހު، "ލީސް އެންޑިން ވިތު އޯނަޝިޕް" މޮޑެލްގެ ދަށުން އެ ތަންތަން ކުއްޔަށް ދިނުމެވެ. އަދި ކުލީގެ މުއްދަތު ހަމަވުމުން، ފްލެޓް ކުއްޔަށް ނަގާ މީހަކަށް އެތަނެއް މިލްކު ކޮށްދޭނެ އެވެ.
"މިހެން ހަދަން ޖެހޭ ސަބަބަކީ، މިގޮތަށް މި ކަންތައް ކުރުމުން ވަރަށް ބޮޑަށް ކޮސްޓު ކުޑަވާނެ. އަދި ބޭންކަށް އޮންނަ ރިސްކު ވެސް ކުޑަވާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީވެ. އެއީ މީގެ ލޭންޑް ކޮސްޓް، ފައިނޭންސިން ކޮސްޓް އަދި ޑިވެލޮޕްމަންޓް ކޮސްޓް، މިފަދަ އެތައް ހަރަދެއް ކުޑަކުރެވުމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއުގެ އިތުރު ތަފުސީލް ފަހުން އާންމުކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެމްއެމްއޭ އިން ވަނީ އެ ސްކީމްގެ ދަށުން ފައިނޭންސިން ފެސިލިޓީތައް ދޫކުރުމުގައި ބޭންކުތަކަށް މައިގަނޑު ދެ ގޮތެއް އިހުތިޔާރު ކުރެވޭނެ ގޮތަށް ހަދައިފަ އެވެ. އެއީ، ބީއެމްއެލް އިން މި އިހުތިޔާރުކުރި "ލީސް އެންޑިން ވިތު އޯނަޝިޕް" ނުވަތަ ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އާއި "އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން" ނުވަތަ ޑިވެލޮޕަރުން/އިންވެސްޓަރުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އެވެ.
އާދެ، މި ތަންތަނަކީ އަތްފޯރާ ފަށުގައި ދެވޭނެ ތަންތަނަށް ހެދުމަށް ސަރުކާރުން ބޭންކަށް ބިން މި ދެނީ، ބޭންކަށް އިތުރު އަގަކާއި ނުލައި. ދައުލަތުން އެ އަގުގައި ހިފާ ގޮތަށް: މުއްތަލިބް، ހައުސިން މިނިސްޓަރު
މިއަދުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މިއަދަކީ ދިވެހިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ހައްލުކުރުމަށް ގައުމީ ބޭންކުން ސަރުކާރާ އެކު، އަތުގުޅާލައި މަސައްކަތް ފެށި ދުުވަސް ކަމަށެވެ. ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 2،700 ފްލެޓް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާދެ، މި ތަންތަނަކީ އަތްފޯރާ ފަށުގައި ދެވޭނެ ތަންތަނަށް ހެދުމަށް ސަރުކާރުން ބޭންކަށް ބިން މި ދެނީ، ބޭންކަށް އިތުރު އަގަކާއި ނުލައި. ދައުލަތުން އެ އަގުގައި ހިފާ ގޮތަށް. އޭގެ ސަބަބުން މާތް ﷲ ވާގިފުޅާ އެކު، މި ފްލެޓްތަކުގެ އަގު މިހާރު މި ދޫކުރާ [ސޯޝަލް ހައުސިން] ފްލެޓްތަކުގެ އަގާއި ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިގެން ދާނެ،" މުއްތަލިބް ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ ބީއެމްއެލް އިން އަޅާ ފްލެޓްތައް ދޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލައިގެން ހޮވޭ މީހުންނަށް ކަމަށާއި އެ މީހުންނަކީ ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ މީހުންނަށް ވެސް ވާން ޖެހޭނެ ކަމަށެވެ.
އެމްއެމްއޭ އިން 2017 ވަނަ އަހަރު ވެސް ވަނީ ބޭންކުތައް މެދުވެރިކޮށް ހައުސިން މަޝްރޫއުތަކުން ފްލެޓް ގަތުމަށް ލޯނު ދޫކޮށްފަ އެވެ. އޭގެ ތެރޭގައި، އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ހެދި މާލޭ ގްރޭންޑާއި ގާކޮށި ފްލެޓް މަޝްރޫއުގެ ފްލެޓްތައް ހިމެނެ އެވެ.
މާލީ ދާއިރާ ތަރައްގީކޮށް، ކުރިއެރުވުމުގެ އިތުރުން އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރު ކުރުމަށް ހެޔޮ އަގުގައި ލޯނު ހޯދައިދިނުމަކީ އެމްއެމްއޭ އިން އިސްކަންދޭ ކަމެއް ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮނު
15 November 2025
މިއީ ގާނޫނު ތަކުގެ ދެފޮޅުވަތް ދޭތެރެއިން ޖާގަ ހޯދައިގެން ހިންގާ ޖަރީމާތައް. ސަރުކާރަށް ލޯނެއް ދޭނެ ބަޔަކު ނުވުމުން ދައުލަތުގެ ކުންފުނިތައް ހަފުސް ކުރަނީއެވެ. ގަވަރނަރސް އަކަށް ބެލުމެއް ނެތެވެ. މި ޕްރޮޖެކްތަކަށް ޑޮލަރު ބޭނުންވާއިރު ޑޮލަރުގެ އަގު އުފުލޭނެ މިންވަރު ވިސްނާލާ.
ހުސައިން
14 November 2025
"އާދެ، މި ތަންތަނަކީ އަތްފޯރާ ފަށުގައި" މިހާރުވެސް ހިޔާ ފްލެޓް ތައް ހުރީ އަތްފޯރާ ފަށުގައި. 5000/- އަށް ނާރާ. ލިބުނު މީހުން 3 ގުނަ 4 ގުނަ މަތިކޮށް ކުއްޔަށް ދެނީ. "ސަރުކާރުން ބޭންކަށް ބިން މި ދެނީ،" ރިބާ ނުހިމެނޭ ގޮތަށް ހެދުން އެދެން. ފްލެޓްގައި ނޫޅެވުނަސް ރިބަވީ ތަނެއްނަމަ އުޅުން ރަނގަޅުވާނެތޯ
އެކަލޯ
14 November 2025
ތިހާ އަގު ހެޔުކޮށް ވިއްކާން ތިޔަބުނަނީ ތީ ދަނޑިފަނުން އަޅަން އުޅޭ ފްލެޓް ތަކަކީތޯ.
މަރުކަޒީ
13 November 2025
ތިއިން ފްލެޓެއް އެހެން ސިޓީއެއްގައި ނާޅަނީ ކީއްވެ؟
އެެބަޖެހޭދޯ
13 November 2025
ބީއެމްއެލް އަށް ދޭންވީ ހުޅުމާލޭ އިރުން އޮތް ހުސްފަޅު ހިއްކައިގެން ބިންތައް ވިއްކަން ބިންތައް ވިއްކާ ފައިސާ އިން %25 ރޯޔަލްޓީގެ ގޮތުގައި ސަރުކާރަށް ދޭނީއޭ އެއިރުން އެފަޅު ހިއްކާ ހުރިހާ ރިސޯރޓް ތަކުގެ މާލެ އޮފީސް ހަދަން އެބިންތައް ވިއްކާނީ ބިމެއް 10 މިލިއަން ޑޮލަރަށް އެތަނުން ވިއްކޭނެއޭ 1000 ހެކްޓަރުގެ ބިން ހުރިހާ ބިންތައް ވެސް ވިއްކާނީ ޑޮލަރުންނޭ އެއިރުން ބީއެމްްއެލް އަށް ޑޮލަރުން އާމްދަނީ ލިބޭނެއޭ ބީއެމްއެލްގެ ޑޮލަރ ބާސްކެޓް ބަރުކުރަން އެބަޖެހޭ
އޮނަރަބްލް އަފީފު ދީދީ
13 November 2025
އާއިލާ އާއި އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެނިން އަންނަނިކޮށް އެމީހުންގެ ދިރިއުޅުމަށާއި އިޤްތިސޯދަށް ހުރަސް އަޅައި އަސާސީ ޙައްޤުތަކުން މަޙުރޫމް ކޮށް މަޖުބޫރީ ޙާލަތް މެދުވެރިކޮށް "އަމިއްލަ ވަޒަނުން ބޭރުކޮށްގެން" ރާއްޖޭގެ ޒުވާން އާބާދީގެ 4 ބައިކުޅަ 3 ބައި ޒުވާނުން ކ.މާލޭ މީހުންގެ ކުލީ އަޅުންނަށް ހެދުމުގެ ނަތީޖާ އެއްގެ ގޮތުން (އާއިލާގެ އެންމެން މަސައްކަތްކޮށްގެން ނޫނީ ކުލި ނުދެއްކޭތީ) އެންމެން އެއްތަނެއްގައި ތިބޭތީ ދަރިންލިބޭ އަދަދު މަދުވެއްޖެ.
އަދޫލް
13 November 2025
ސަރުކާރަށް ފްލެޓް އެޅޭނެގޮތެއް ނުފެނުމުން މިހާރު ސަލާމަތުންއޮތް ކުންފުނިތަކަށް ސަރުކާރުން ނުފޫޒް ފޯރުވައިގެން ކުރާކަމެއް..ބޭންކް އަމިއްލަ ބާރުއޮތްނަަމަ ނުކުރާނެ.
ކޮޗީ
13 November 2025
ޢަތްފޯރާ އޭ ކިޔާފަ ފަހުން ތިބުނީ މިހާރު ދޫކުރިފުލެޓާއެއްއަގެއްގަޔޭ ދެއްތޮ. ޢެ އަތްފޯރީތޯ
އުދުހޭ
13 November 2025
އެމްއެންއޭ އިން ބޯކޮށާތަނެއް ހުޅުވަންވީނުންތޯ
ފޭލިޔާރުން
13 November 2025
ހެޔޮ ނުވާނެ އަދި ތިޔަ ކުންފުނި ރަޖިސްޓަރީ ކުރިތާ 20 ދުވަސް ނުވޭ! ޓެރޭޑް މިނިސްޓްރީގައި އެއްވެސް ވިޔަފާރިއެއް ކުރުމުގެ ހުއްދައެއް އަދި ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް އަކަށް ދޫނުކުރާއިރު ކިހިނެެއްތޯ ތިވަރު ޕްރޮޖެކްޓް ހަވާލުކުރެވޭނީ؟