އެމްއެމްއޭގެ: ބޭންކުތައް މެދުވެރިކޮށް ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ސްކީމެއް ފަށަން އެ އޮތޯރިޓީން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
25 އޮކްޓޯބަރ 2025 - 11:03
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭންކުތައް މެދުވެރިކޮށް ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ލޯން ސްކީމެއް ތައާރަފުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފުކުރަން ނިންމައި އެކަމާ ބެހޭ އުސޫލު މިހާރު އާންމުކޮށްފައިވާ ކަމަށެވެ. އަދި ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ކަނޑައަޅަންވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ސްކީމުގެ ދަށުން ދޫކުރާ ލޯނު ދައްކަންޖެހޭ މުއްދަތަކީ 25 އަހަރު ދުވަސް ކަމަށެވެ. ނަމަވެސް، ފެސިލިޓީ ނަގާ މީހާ އެދޭނަމަ އެއަށް ވުރެ ކުރު މުއްދަތެއް ވެސް ދެވިދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3،500 ހައުސިން ޔުނިޓަށް އެ ސްކީމްގެ ދަށުން ފައިނޭންސިން ހަމަޖެއްސުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ އެ ސްކީމްގެ ދަށުން ދޫކުރާ ފައިނޭންސިން ފެސިލިޓީތައް ދޫކުރުމަށް މައިގަނޑު ދެ ގޮތެއް އިހުތިޔާރުކުރެވިދާނެ އެވެ. އެއީ؛
• ޓައިޕް އޭ / ލީސް އެންޑިން ވިތު އޯނަޝިޕް
• ޓައިޕް ބީ / އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން
އެއީ ބޭންކުތަކުން ފައިނޭންސްކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކަށް ދޭ އިހުތިޔާރެވެ.
• ސްކީމް ހިންގާ އިދާރާއަކުން ގެދޮރު އިމާރާތް ކުރުމުން އެތަންތަން ގަތުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސިން ފެސިލިޓީ ދޫކުރެވޭނެ.
• އެ ލޯނު ދަށުން އަހަރެއްގެ މައްޗަށް ފައިދާގެ ގޮތުގައި ނެގޭނީ އިސްލާމިކް ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް އެ ލޯނު ޕްރިންސިޕަލްގެ އަދަދުގެ ފަސް ޕަސެންޓް.
• ލޯނު އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން ކުލި ދައްކާ ނިމުމުން، އެތަނުގެ މިލްކުވެރިކަން ލޯނު ނެގި މީހާގެ ނަން މައްޗަށް ބަދަލު ކުރެވޭނެ.
• ލޯނާ ގުޅިގެން ގުޅިގެން އެއްވެސް ރަހުނެއް އަދި އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެ. ނަމަވެސް ކުލީގެ މުއްދަތަށް ސެކިއުރިޓީ ޑިޕޮސިޓްއެއް ބަހައްޓަން ޖެހިދާނެ.
އެއީ ޑިވެލޮޕަރުން ނުވަތަ އިންވެސްޓަރުން ފައިނޭންސްކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކަށް ދޭ އިހުތިޔާރެވެ.
• އިމާރާތްކުރާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ ވަކި ފަރާތްތަކެއްގެ އަތުން ގެދޮރު ގަތުމަށް އެކަމަށް ޝަރުތު ހަމަވާ މީހުންނަށް ލޯނު ދޫކުރެވޭނެ.
• މި މޮޑެލްގެ ދަށުން ލޯނު ފޯރުކޮށްދިނުމުގެ އާންމު އުސޫލުތަކާއި އަގާއި އަދި މުއްދަތު ކަނޑައަޅާނީ އެމްއެމްއޭއިން އަންގާ ގޮތެއްގެ މަތިން.
• މި ލޯނު ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ އިސްލާމިކް ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް ލޯނުގެ ޕްރިންސިޕަލް އަދަދުގެ ހަ ޕަސެންޓް.
• ގެދޮރު ގަންނަ މީހާ އިކުއިޓީގެ ގޮތުގައި ފަސް ޕަސެންޓް ބަހައްޓަން ޖެހޭނެ.
• ލޯނުގެ ދަށުން ގަންނަ ތަން ރަހުނުކުރަން ޖެހޭނެ. ނަމަވެސް އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބަހައްޓަން ނުޖެހޭނެ.
އެމްއެމްއޭ އިން ބުނީ އެ ސްކީމްގެ ދަށުން ފްލެޓާއި ހައުސިން ޔުނިޓް ގަނެވޭނީ އެ އޮތޯރިޓީން ހުއްދަ ދޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އެކަނި ކަމަށެވެ.
އެ ސްކީމްގެ ދަށުން ފައިނޭންސިން ފެސިލިޓީ ދޫކުރެވޭނީ އަލަށް ފްލެޓާއި ބޯހިޔާވަހިކަން ލިބޭ މީހުންނަށް އެކަނި ކަމަށާއި އަދި އެ މީހަކީ އެ ސްކީމްގެ ދަށުން ދޫކުރާ ފައިނޭންސިން ފެސިލިޓީއަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ދެއްކުމުގެ ގާބިލުކަން ހުރި މީހަކަށް ވާން ޖެހޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މާލީ ދާއިރާ ތަރައްގީކޮށް، ކުރިއެރުވުމުގެ އިތުރުން އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރު ކުރުމަށް ހެޔޮ އަގުގައި ލޯނު ހޯދައިދިނުމަކީ އެމްއެމްއޭ އިން އިސްކަންދޭ ކަމެއް ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައި ބުންޏެވެ.
"މާލީ ނިޒާމްގެ ތެރެއިން އާންމުންނަށް ލިބެންހުރި ހިދުމަތްތައް ފުޅާކޮށް އެކަށީގެންވާ ހެޔޮ އަގެއްގައި ފައިނޭންސް ހަމަޖެހިގެން ދިއުމަކީ މާލީ ނިޒާމުގެ އިތުރުން ގައުމުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއް..." އެ ބަޔާނުގައި ބުންޏެވެ.
އެމްއެމްއޭ އިން 2017 ވަނަ އަހަރު ވެސް ވަނީ ބޭންކުތައް މެދުވެރިކޮށް ހައުސިން މަޝްރޫއުތަކުން ފްލެޓް ގަތުމަށް ލޯނު ދޫކޮށްފަ އެވެ. އޭގެ ތެރޭގައި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ހެދި މާލޭ ގްރޭންޑާއި ގާކޮށި ފްލެޓް މަޝްރޫއުގެ ފްލެޓްތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެނލާ
27 October 2025
އެވްރެޖުކޮށް 3.5 މިލިއަނަށް މާލޭ ސަރަހައްދުގައި އެޕާޓުމަންޓަށް މިހުންނަނީ. ތަންވެސް އެހާމެ ކުޑަ. މިސާލަކަށް ހިޔާ ނަގާނަމަ އެތާގެ އަގަކީ +2 މިލިއަން ރުފިޔާ 25 އަހަރުން ދައްކާ ނިމޭއިރު ތަން ހުންނަނީ ވީރާނާވެފައި. ހަމަ ކުލީގެ އަޅަކަށް އެންމެ ފަހުން ވެފައި މި އޮންނަނީ. ރާއްޖެ އަކީ މުއްސަނދި ގައުމެއް! 2 ކޮޓަރީގެ ހިލޭ ބޯހިޔާވަހިކަން ނުދެވެންވީ އެއްވެސް ސަބަބެއްނެތް.
ތިހާމް ހުސައިން
26 October 2025
އެމްއެމްއޭގެ އިސްވެރިޔަކާ ވާހަކަ ދައްކާލިން މިކަމާ. ބުނީ މީގެ ސަބަބުން ހަމަ ޔަގީނުންވެސް ލަގްޒަރީ ފްލެޓް ަފސޭހަ އަދި 20 އަހަރަށް ބަހާލައިގެން ގަނެވޭނެ ކަމަށް. އަތުން މަންތަކު ދޭންޖެހޭ ވަރުވެސް ކުޑަވާނެ ކަމަށް. ވަރަށް އެފޯޑަބަލް ވާނެ ކަމަަށް.
އައިޝަތް ނޫހް
26 October 2025
މީ ރަނުގެ ފުރުސަތެއް ދޯ ރަނގަޅު ފްލެޓެއް ގަންނަން. އަވަހަށް މިކަމާ އުޅެންވީ.
އަދުހަމް ތައުފީގް
26 October 2025
ބޯހިޔާވެހިކަން ކަށަވަރު ކޮށްދިނުމަށް ސަރުކާރާ ގުޅިގެން ހިންގާ މުހިއްމު ޕޫލްއަކަށް މިވާނެ. އެތައް ބަޔަކަށް ރަނގަޅު އެޕާޓްމެންޓް ގަނެވޭނެ.
ގުދުގުދާބެއްޔާ
27 October 2025
ތިކަން ކިތަންމެ ހާވެސްރަގަޅު އެކަމަކު އަމަލު ނުކުރެވޭނީ! ހަމަ ރައްޔިތުން ހައްދަން!
ސައްދާމް މުހައްމަދު
26 October 2025
މީގެ ސަބަބުން ބޯހިޔާވެހިކަން ނުލިބި ތިބި އެތައް ބަޔެއްގެ ބޯހިޔާވެހިކަން ހަމަޖެހިގެން ދާނެކަމާމެދު އެއްވެސް ޝައްކެއްނެތް.
އަލިކާ ދިއްދޫ
26 October 2025
ޙުރިހާ ސަރުކާރުތަކެއްގައިވެސް(ރައީސް ނަޝީދު ފިޔަވާ) ފޮރުވާފައިވާ އެޖެންޑާއަކީ މާލެކައިރިއަށް މީހުން ތޮއްޖައްސާ ވޯޓުގެ މެޖޯރިޓީ މާލެ އޭރިޔާން ނެގުމެވެ. ޢަތޮޅު ތެރޭމީހުން ބޮޑު އިންޓަރެސްޓް ރޭޓުގައި ގޭއަޅާފަ ބަދަލުވާން މިޖެހެނީ މާލޭ އޭރިޔާއަތް. ގާނޫނުގަ ބުނާހަމަހަމަކަން އޮންނަނީ ވެރިންގެ އަންބޮޑީގަބާއެވެ. ތަފާތުކުރުންނޫން މީފަހެ ދެންކޮންކަމެއްބާއެވެ. ދެންވެސް . ހަމަ ބާރައް ޖަހަންވީ އަތްހެއްޔެވެ؟
އުދުހޭ
26 October 2025
އެމްއެމްއޭ ސިޔާސީ ޕާޓީގެ ދަފްތަރުގަ ރިޖިސްޓްރީވާން އަޅުގަނޑު ގޮވާލަން
ބަބަު
26 October 2025
ހުޅުވާލާއިރު އެޕާޓްމެންޓެއް މިލިބެނީ 3 މިލިޔަން ނޫނީ 4 މިލިޔަނަށް. ލޯނު ނަގަން ޑައުންޕޭމަންޓް 3 ލައްކަ ނޫނީ 4 ލައްކަ ދައްކަން ޖެހޭ. ކޮންތާކު މިޖެހެނީ
ފަޢުން
26 October 2025
އެއީ ސޯޝަލް ހައުސިންއާ މިއާ ހުންނަ ތަފާތު.
ވައްޑޭބޭ
26 October 2025
ތިހެން %6ގެ ގެދޮރުވެރިޔާ ލޯނު ސްކީމޭ ކިޔާއިފަ ސޯލިހް ޖެހި ގުއިރޯނެއްގަ އަހަރެން މިހާރުވެސް މިހުރީ ޖެހިފަ. 5 ވަރަކަށް ލައްކައިގެ ލޯނެއް ނެގީ. 15 އަހަރަށް ބަހާލައިގެން ލޯނުދައްކާ ނިިންމާއިރު މުޅިއެކު މިލިއަނެއްހާ ރުފިޔާ އެބަޖެހޭ ދައްކަން. މިއޮތީ ސަޅިކޮށް ގެދޮރުވެރިކުރުވައި. އުުމުރު ހޭދަކުރަން މިޖެހެނި އެލޯނުދައްކަން. އޭގެން ގެއަށް ވަދެވޭވަރަށް ގެވެސް ނުނިމުނު.
ސަމީނު
26 October 2025
ފުލެޓެއްވެސް މިލްކުވި އެ ގުއިރޯނުގައި ޖެހިގެން، އެހެންނު!
އަފްރާސިޔާބު
26 October 2025
ލޯން ނަގައިގެން ތައިލޭންޑަށް ގޮސް އެތާނގައި ލޯންގެ ފައިސާ ތަޅާހުސް ކޮށްލާފައި މާލެ އައިސް ވިޔަފާރިއެއް ފަށާއި ފައިސާ ދުއްވާމީމާ ބޭންކަށް ދައްކަންޖެހޭ ފައިސާ ބޭންކުން ހޯދާނެނުން. އެއީ ބޭންކްގެ މައްސަލައެއް ނޫނެއް ނު. ކަލޭ ނުނަގާން ހުއްޓާ ބޭންކުން ބޮލުގައި އެޅުވި ލޯނެއްތަ؟
އޮޅުވާލާމީހާ
25 October 2025
މިއުޅެނީ ފްލެޓް ދޫކުރާ ދުވަސް ކޮޅާ ދިމާކޮށް، ފްލެޓް ނުލިބޭ އެކަމް ފްލެޓް ލިބެންޖެހޭ މީހުން ހިތް ހަމަ ޖައްސާލަ ދޭން. ދެންވެސް ހަމަ ލިބޭނީ ދިން ބަޔަކަށެވެ. ފޯމު ދޮގު ހަދައިގެން ފުރިޔަސް، ތެދު ވެރިކަމާއެކު ފުރާފައޮތަސް ފްލެޓް ދެނީ ފޯމު ގައި އޮންނަ އެއްޗަކަށެވެ. ދޮގެއްތޯ ތެދެއްތޯ ނުބަލައެވެ. ވޯޓު ބޭނުން ވެގެން އަހަރެމެން ކައިރިޔަށް ނާންނަޗެވެ.