މާލޭގެ ރައްޔިތުންނަށް މިދިޔަ ސަރުކާރުގެ ދުވަސްވަރު ދޫކޮށްފައިވާ ގޯތިތަކުގައި މީހުންނަށް އާބާދުވެވޭނެ މަގެއް ތަނަވަސްކުރުމަށް ސަރުކާރުން އެކި ގޮތްގޮތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދޭ "އަހާ" ފޯރަމްގައި، ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނާ ގޯތި ހަވާލު ކުރެވޭނީ ކޮން އިރަކުތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ތެރެއިން ހުޅުމާލެ 3 އަކާއި ގުޅިފަޅު އަދި ގިރާވަރުފަޅުން މިދިޔަ ސަރުކާރުން ގޯތި ދޫކޮށްފައި ވާއިރު، އެ ތަނުން ގޯތިދީފައި އޮތީ ހިއްކާފައި އޮތް މިންވަރަށް ވުރެ މާގިނައިން ކަމަށެވެ.
ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ހުރި އިގްތިސާދީ ދަތިތަކާ އެކު ވެސް އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކު ރެއްވި ކަމަށް މުއްތަލިބް ވިދާޅުވި އެވެ. އަދި ހުޅުމާލެ 3 އަކާއި ގުޅިފަޅު ވެސް ހިއްކައި، އެ ދެ ތަނުގެ ގޯތިތައް ގާތްގަނޑަކަށް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގިރާވަރުފަޅުން ސަތޭކަ ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކުމަށް ފަހު، އެ ތަނުގެ މަސައްކަތް އެއްކޮށް ހުއްޓުނީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ތެލަށް އައި ބަދަލުގެ ސަބަބުން ކަމަށެވެ. އެކަމަކު، އަލުން އެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި ބާކީ އޮތްބައި ނިމެންވާއިރަށް ސާވޭގެ މަސައްކަތް ފަށައި، އެ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރެވެ އެވެ.
"ގިރާވަރުފަޅުގެ މަސައްކަތް ސަތޭކަ ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކިފައި، މަސައްކަތް މަޑުޖެހިފައި އޮތީ މެދުއިރުމަތީގެ ދިމާވި ހާދިސާއާ ގުޅިގެން. ތެލަށް އައި ބަދަލާ އެއްކޮށް މަސައްކަތް ހުއްޓިގެން ދިޔަ. އެހެން ނަމަވެސް މިހާރު ތިޔަބޭފުޅުންނަށް ޚަބަރުތަކުން ފެނިވަޑައިގަންނަވާނެ މަސައްކަތް ފަށައިގެން ކުރިޔަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އަޅުގަނޑުމެންގެ އުންމީދަކީ ބާކީ އޮތް ބައި ހިއްކާ ނިންމާފައި، ހިއްކާ ނިމެންވާއިރަށް ސާވޭގެ މަސައްކަތް ވެސް ފަށައި، އެ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން."
ގިރާވަޅުފަޅުން ހިއްކަނީ ޖުމްލަ 167.15 ހެކްޓަރެވެ. އެމްއޭސީއެލްއާ ހަވާލުކޮށްގެން މިދިޔަ ޖެނުއަރީ މަހު ހިއްކަން ފެށީ ގޯތި ދޫކުރިއިރު، ނުހިއްކާ އޮތް 97.15 ހެކްޓަރެވެ. އެ ފަޅުން ހިއްކަން އޮތް 167 ހެކްޓަރުގެ ތެރެއިން 115 ހެކްޓަރުގެ ބިން ހިއްކައި އެ މަސައްކަތުގެ ޖުމްލަ 68 ޕަސެންޓް ނިންމާފައިވާކަމަށް މިދިޔަ ހަފްތާގައި އެމްއޭސީއެލުން ވަނީ ބުނެފަ އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަވަސްކުރަން އެމްއޭސީއެލުން ބޭނުންކުރަމުން ދަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ކުއީން އޮފް ނެދަލޭންޑްސް އާއި އޮރެންޖް ޑްރެޖަރެވެ.
އަހާ ފޯރަމްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ގުޅީފަޅާއި ހުޅުމާލެ 3 އަކުން ގޯތިތައް ލިބުނު މީހުންނަށް އެ ގޯތިތަކުގެ ވަށާފާރު ރޭނުމާ އެހެން ކަންތައްތައް ކުރުމުގެ ހުއްދަ އެޗްޑީސީ މެދުވެރިކޮށް ދެވޭނެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހިއްކާފައި ހުރި ތަންތަނުގެ ފެނާއި ނަރުދަމާ އާއި ކަރަންޓު ފަދަ މަސައްކަތް ކުރުމަކީ ހިއްކަން ދިޔަ ހަރަދަށް ވުރެ މާ ބޮޑު ހަރަދެއް ހިނގާ ކަމެކެވެ. އެކަމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުން އެއްފަހަރާ ހަރަދު ކުރުމަކީ ވަރަށް ދަތިކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ގުޅީފަޅުގައި އެ ހުރިހާ ހިދުމަތްތަކެއް ގާއިމްކޮށް މަގު ހެދުމަށް 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހަރަދުވާނެ ކަމަށް ބެލެވެ އެވެ.
އެ މަސައްކަތް ލަސްވެގެން ދާތީ ސަރުކާރުން މިހާރު ނިންމާފަވަނީ ޕަބްލިކް ވޯކްސް ސާވިސް އާއި އެމްޓީސީސީއާ ގުޅިގެން އެތަނުގައި ވީހާވެސް އަވަހަކަށް ފެނާއި ނަރުދަމާއަށް ބޭނުންވާ ނެޓްވޯކް މަސައްކަތް ފަށައިގެން ކުރިޔަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެކި ގޮތްގޮތުން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނަށް ދޫކޮށްފައި ހުރި ބިންތައް ހަވާލުކުރުމާ އެއްކޮށް އެ ތަނުގައި އާބާދުވެވޭނެ ފަދަ މަގެއް ވީހާ ވެސް އަވަހަކަށް ފަހިކޮށްދިނުމަށެވެ.