ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ވާރިސުންނަށް ބިން ހަވާލުކުރަން ނިންމައި އެކަމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބިފައިވާ މީހުންގެ ތެރެއިން އެޕްލިކަންޓް ނުވަތަ އެޕްލިކަންޓުން މަރުވެފައިވާ ނަމަ ކޯޓުން ވާރިސުން ސާބިތުކުރުމަށް ފަހު، ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓާ އެކު، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕޮއިޓްމަންޓަށް އެދުމުން އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، ބިން ލިބުނު ފަހުން 12 މީހަކު މަރުވެފައިވެ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭ ގޮތަށް 9،000 އަށް ވުރެ ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ.
މި ސްކީމްގެ ދަށުން ގޯތި ދިނުމަށް ހިއްކަމުން އަންނަ ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކުން އަދި އެއްކޮށް ނުނިމެ އެވެ. ހުޅުމާލެ 2 އިން ދޭ 1،400 ގޯތީގެ ތެރެއިން ގިނަ ގޯތިތައް މިހާރު ވަނީ ބިން ލިބުނު މީހުންނާ ހަވާލުކޮށްފަ އެވެ. އެ ގޯތިތަކުގައި ވަނީ ކަންމުޑި ވެސް ޖަހައިފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ ހުޅުމާލެ 3 އިން ދޭ ގޯތިތައް އަންނަ އޮކްޓޯބަރު މަހު ހަވާލުކުރަން ފެށޭނެ ކަމަށެވެ. ނަމަވެސް ގުޅިފަޅުން ދޭ ގޯތިތައް ދެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.