މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަަމަށް އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން މިރޭ ބުނެފި އެވެ.
ގިރާވަޅުފަޅުން ހިއްކަނީ ޖުމްލަ 167.15 ހެކްޓަރެވެ. އެމްއޭސީއެލްއާ ހަވާލުކޮށްގެން މިދިޔަ ޖެނުއަރީ މަހު ހިއްކަން ފެށީ ގޯތި ދޫކުރިއިރު، ނުހިއްކާ އޮތް 97.15 ހެކްޓަރެވެ.
އެމްއޭސީއެލް އިން ބުނީ އެ ފަޅުން ހިއްކަން އޮތް 167 ހެކްޓަރުގެ ތެރެއިން 115 ހެކްޓަރުގެ ބިން ހިއްކައި އެ މަސައްކަތުގެ ޖުމްލަ 68 ޕަސެންޓް ނިންމާފައިވާ ކަަމަށެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަވަސްކުރަން އެމްއޭސީއެލުން ބޭނުންކުރަމުން ދަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ކުއީން އޮފް ނެދަލޭންޑްސް އާއި އޮރެންޖް ޑްރެޖަރެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި ބިން ހިއްކުމުގެ އެ މަޝްރޫއުގައި ކުއީން އޮފް ނެދަލޭންޑުން ދަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ)ގެ ދަށުން، ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން އޮތީ ހިއްކައިފަ އެވެ.
ސަރުކާރުން ކުރިން އަމާޒު ހިފާފައިވަނީ މިއަހަރުގެ މެދު ތެރޭގައި ގިރާވަރުފަޅު ހިއްކާ ނިންމައި، އެތަނުން ގޯތި ލިބުނު މީހުންނަށް ގޯތިތައް ހަވާލު ކުރުމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ގިރާވަރުފަޅުން 4،072 ގޯތި ދޫކުރަން މިހާރު ވަނީ ނިންމައިފަ އެވެ.
ގިރާވަރުފަޅުގެ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު:
- 1،250 އަކަފޫޓުގެ 2،605 ގޯތި
- 1،650 އަކަފޫޓުގެ 1،213 ގޯތި
- 2،050 އަކަފޫޓުގެ 253 ގޯތި
- 2،450 އަކަފޫޓުގެ އެއް ގޯތި
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކެބިނެޓްގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ވަނީ ގިރާވަރުފަޅުގެ ބިން ހިއްކާ ސަރަހައްދަށް ވަޑައިގެން އެތަނުގެ މަސައްކަތްތައް ކުރިއަށަ ދާގޮތް ބައްލަވާލައްވައިފަ އެވެ.
ގިރާވަރުފަޅުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އޭރު ވިދާޅުވީ ބިން ހިއްކާ ނިމުމާއެކު ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެކަމަކު އެންމެ އިސްކަމެއް ދޭނީ ބިން ހިއްކައި ނިމުނުހާ އަވަހަކަށް ގޯތި ލިބިފައިވާ މީހުންނަށް ކަޑަ ޖަހައި ގޯތިތައް ހަވާލުކުރަން ކަމަށް ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ ބިން ހިއްކައި ނިމުމުގެ ކުރިން ރަޖިސްޓްރީގެ މަސައްކަތް ފަށާނެ ކަމަށާއި އަދި ރަޖިސްޓްރީ ދޫކުރެވޭ މިންވަރަކުން ސާވޭ ކޮށްގެން ބިން ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އޭނާ އޭރު ވިދާޅުވެފައިވެ އެވެ.