ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ 62 ޕަސެންޓު މަސައްކަތް ނިމިއްޖެ އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށެވެ.
ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން މިހާރު 716 ހެކްޓަރު ހިއްކާ ނިމި، ރަސްމާލެއަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ މީގެ ކުރިން އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމަށް (609 ހެކްޓަރު) ވުރެ 107 ހެކްޓަރު ބޮޑު މިންވަރެއް،" ނާޝިދު ވިދާޅުވި އެވެ.
މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. އެކަމަކު ފުރަތަމަ ބުރުގައި ދޭނީ 15،000 ގޯއްޗެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކުރިން ވިދާޅުވެފައިވާ ގޮތުގައި ގޯއްޗަށް އެދުނު މީހުންގެ ފޯމުތައް މިނިސްޓްރީން އިވެލުއޭޓްކޮށް ނިމޭއިރު ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އޮންނަނީ ނިމިފައި ކަމަށެވެ.
މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ބުނި ގޮތުގައި، މި ސަރުކާރުގެ ހައުސިން ސްކީމަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އާންމުކުރާނެ އެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު މިދިޔަ ޖޫން މަހުގެ 15 ގައި ހަމަވިއިރު، ފޯމު ހުށަހަޅަން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" އަށް 58،505 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމުގެ އިތުރުން ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.