ރަސްމާލޭގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދެބައިކުޅަ އެއްބައި ހިއްކާ ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. 

"އެއީ [ގާތްގަނޑަކަށް] 504 ހެކްޓަރު. ނިސްބަތުން ބަލާ ކަމަށް ވަންޏާ ހުޅުމާލޭގެ ދެ ފޭސް އެއްކޮށްލީމަ އެވަރުގެ ބިމެއް ގާތްގަނޑަކަށް ހިއްކިފައި އެ އޮތީ. ބާކީ ބައި އިރާދަކުރެއްވިއްޔާމުން ހިއްކުމުގެ މަސައްކަތް އެބަ ކުރިއަށް ދޭ،" އޭނާ ވިދާޅުވި އެވެ. 

އެޗްޑީސީން ބުނެފައިވާ ގޮތުގައި ރަސްމާލެ ތަރައްގީކުރަން 1،150 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. 

ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެޔޮ އަގުބޮޑުވުމާއި އިމާރާތްކުރުމުގެ ސާމާނު ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން މަޝްރޫއުގެ ޓައިމްލައިނަށް ވެސް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ.

މުއްތަލިބް ވިދާޅުވީ ގޯއްޗަށް އެދޭ މީހުންގެ ފޯމުތައް މިނިސްޓްރީން އިވެލުއޭޓްކޮށް ނިމޭއިރު ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އޮންނަނީ ނިމިފައި ކަމަށެވެ. 

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގިނަ ކެޓަގަރީތަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފަހު މުއްދަތު މިހާރު ވަނީ އަންނަ މަހު 31 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. 

މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ. 

ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަމަކު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ.