މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުގެ ބޮޑު ސަރަހައްދެއް މިހާތަނަށް ހިއްކައި ނިންމާފައިވާ އިރު، އަމާޒަކީ ކުރިއަށް އޮތް ތިން ހަފުތާ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި ވީހާވެސް އަވަހަށް ގޯތި ހަވާލުކުރަން ފެށުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ގިރާވަޅުފަޅުން ހިއްކަނީ ޖުމްލަ 167.15 ހެކްޓަރެވެ. އެމްއޭސީއެލްއާ ހަވާލުކޮށްގެން މިދިޔަ ޖެނުއަރީ މަހު ހިއްކަން ފެށީ ގޯތި ދޫކުރިއިރު، ނުހިއްކާ އޮތް 97.15 ހެކްޓަރެވެ. މީގެ ތެރެއިން 35 ހެކްޓަރު އެމްއޭސީއެލް އިން މިހާރު ވަނީ ނިންމައިފަ އެވެ. 

އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް އަވަހަކަށް، ތިން ހަފުތާ ތެރޭ ބިން ހިއްކާ ނިމުމުން ސާވޭކޮށް، ވީހާ ވެސް އަވަހަކަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުން. އެއީ ސަރުކާރުގެ ވިސްނުމަކީ
މިނިސްޓަރު 

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ)ގެ ދަށުން، ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ޖުމްލަ 167 ހެކްޓަރުގެ ބިން ހިއްކާއިރު މިހާތަނަށް ޖުމްލަ 105 ހެކްޓަރާ އެކު އެ ފަޅުގެ ބޮޑު ޕަސެންޓެއް ވަނީ ހިއްކައި ނިމިފަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ގިރާވަރުފަޅަށް ވަޑައިގެން އެތަން ހިއްކަމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ. އަރިހުގައި ކެބިނެޓްގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ. 

ގިރާވަރުފަޅުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ މިހާރު އޮތް ލޭންޑްޔޫސް ޕްލޭނަކީ އެންމެ ބޭނުންވާ ގޮތަށް އޮތް އެއްޗަކަށް ނުވި ނަމަވެސް ކުރީގެ ސަރުކާރުން ގޯތި ލިބޭނެ ކަމުގެ އެގްރިމަންޓް ހެދި މީހުންނަށް ވެސް ގޯތި ދޫކުރާނެ ކަމަށެވެ. އެއަށް ފަހު، އާންމު ބޭނުންތަކަށް ބިން ދޫކުރަން ކަނޑައަޅާފައިވީ ނަމަވެސް އެކަމުގައި އުނދަގޫތަކެއް ހުރި ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް އަވަހަކަށް، ތިން ހަފުތާ ތެރޭ ބިން ހިއްކާ ނިމުމުން ސާވޭކޮށް، ވީހާ ވެސް އަވަހަކަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުން. އެއީ ސަރުކާރުގެ ވިސްނުމަކީ،" މުއްތަލިބް ވިދާޅުވި އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވަން ވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވަން ވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަސައްކަތް ވެސް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދާނެ އެވެ. އެކަމަކު އެންމެ އިސްކަމެއް ދޭނީ ބިން ހިއްކައި ނިމުނުހާ އަވަހަކަށް ގޯތި ލިބިފައިވާ މީހުންނަށް ކަޑަ ޖަހައި ގޯތިތައް ހަވާލުކުރަން ކަމަށް ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ބިން ހިއްކައި ނިމުމުގެ ކުރިން ރަޖިސްޓްރީގެ މަސައްކަތް ފައްޓަވާނެ ކަމަށާއި ރަޖިސްޓްރީ ދޫކުރެވޭ މިންވަރަކުން ސާވޭ ކޮށްގެން ބިން ހަވާލު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.

ގިރާވަރުފަޅު ހިއްކާ ޑްރެޖަރު.-- ފޮޓޯ: ރައީސް އޮފީސް
ގިރާވަރުފަޅު ހިއްކާ ޑްރެޖަރު.-- ފޮޓޯ: ރައީސް އޮފީސް

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ އެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ފަހުން މިހާތަނަށް ގިރާވަރުފަޅުން 35 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. 

"އަޅުގަނޑުމެން ވަރަށް ބާރަށް ހިއްކަމުން މި އަންނަނީ. ލަސްވާން ދިމާވާ ސަބަބަކީ ހަގީގަތުގައި މިހާ ފުން ތަނެއްވީމަ. އެވަރެޖްކޮށް ރާއްޖޭގައި މި ހިއްކަނީ ދެ މީޓަރު ތިން މީޓަރު ހުންނަ ތަންތަން. އެހެންނަމަ [އެހާ ތިލަ ނަމަ] އަޅުގަނޑުމެން މިތަން ހިއްކާލާފައި އެއްޗެހި ބަދަލުކޮށްލައިގެން ގެއަށް ގޮސް ތިބެންވިތާ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވަން ވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވަން ވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް

ޝަރީފް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ވީހާވެސް އަވަހަށް ފޯރުކޮށްދޭން ކަމަށާއި އެ ކުންފުނިން ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތައް ބޭނުންކުރަނީ ވެސް މަސައްކަތް އަވަހަށް ނިންމަން ކަމަށް ވިދާޅުވި އެވެ. 

"އެމްއޭސީއެލުން މި ހިއްކަނީ 97 ހެކްޓަރު، ފެނުން މައްޗަށް އަރާފަ މިހާރު މި ހުރީ 35 ހެކްޓަރު. ފެނުން މައްޗަށް ނޭރި ނަމަވެސް ހިކެމުން އެބަދޭ އެއަށްވުރެ މާ ބޮޑު ތަނެއް. ދެ ހަފްތާ، ތިން ހަފްތާ ތެރޭ ބޮޑު ބައެއް ހިކިގެން ފެނުން މައްޗަށް އަރާ ތަން ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

"...އަދަދެއް ދަންނަވާ ކަމަށް ވަންޏާ އެއީ 3.5 މިލިއަން ކިޔުބިކް މީޓަރު، ސީބީއެމް މި ފުން ތަނަށް މިހާރު ވެލި އެޅިފައި ވާނީ. ބަކީ ގާތްގަނޑަކަށް ދެ މިލިއަން އަޅާލީމަ ފެނުން މައްޗަށް އަރާ. ބިމުގެ އަޑީގަ މިހާރު ވެސް އަޅުގަނޑުމެން އެބަހުރި ހިއްކާފައި 3.5 މިލިއަން ސީބީއެމް."

ގިރާވަރުފަޅު މިހާރު ހިއްކާފައިވާ ސަރަހައްދު-- ފޮޓޯ: ރައީސް އޮފީސް
ގިރާވަރުފަޅު މިހާރު ހިއްކާފައިވާ ސަރަހައްދު-- ފޮޓޯ: ރައީސް އޮފީސް

ހައުސިން މިނިސްޓަރު ވިދާޅުވި ގޮތުގައި އެހާ ފުން ތަނެއް ހިއްކަން މި ސަރުކާރުން ނިންމީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބިން އުފައްދައި ގޯތިދީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.

ގިރާވަރުފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތް އަންނަ ޖޫން މަހު ފަށާނެ ކަމަށް ރައީސް މިދިޔަ ހަފްތާގައި ވިދާޅުވެފައިވެ އެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ގިރާވަރުފަޅުން 4،072 ގޯތި ދޫކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

ގިރާވަރުފަޅުގެ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު:

  • 1،250 އަކަފޫޓުގެ 2،605 ގޯތި 
  • 1،650 އަކަފޫޓުގެ 1،213 ގޯތި 
  • 2،050 އަކަފޫޓުގެ 253 ގޯތި 
  • 2،450 އަކަފޫޓުގެ އެއް ގޯތި
ހިއްކުމުގެ މަސައްކަތް ބައްލަވާލައްވަން ރައީސާއި މިނިސްޓަރުން ގިރާވަރުފަޅުގައި.-- ފޮޓޯ: ރައީސް އޮފީސް
ހިއްކުމުގެ މަސައްކަތް ބައްލަވާލައްވަން ރައީސާއި މިނިސްޓަރުން ގިރާވަރުފަޅުގައި.-- ފޮޓޯ: ރައީސް އޮފީސް

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަވަސްކުރަން އެމްއޭސީއެލުން ބޭނުންކުރަމުން އަންނަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ކުއީން އޮފް ނެދަލޭންޑްސް އާއި އޮރެންޖް ޑްރެޖަރެވެ.

ކުއީން އޮފް ނެދެލޭންޑްސްއަކީ 35,500 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ގާބިލުކަން ހުރި ބިޔަ ޑްރެޖަރެކެވެ. އޮރޭންޖްއަކީ 22,000 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.