ހުޅުމާލެއިން ކުޑަ އަގެއްގައި މީހަކަށް ބިމެއް ވިއްކާލަން ނިންމީ 2003 ވަނަ އަހަރު ސަރުކާރުން އެ މީހާއަށް ވިއްކަން ނިންމާފައި އޮތް ބިމެއް ހަވާލު ނުކޮށް އޮތުމުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ޒާހިރު ކިޔާ މީހަކަށް ހުޅުމާލޭގެ ފޭސް 2 އިން 1،250 އަކަފޫޓުގެ ބިމެއް 468،750ރ. އަށް ވިއްކަން ނިންމާފައިވާކަން ހާމަވާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި އެވެ.

އެކަމާ ގުޅިގެން ހައުސިން މިިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ އެ މީހާއަށް 2003 ވަނަ އަހަރު ހުޅުމާލެއިން 904 އަކަފޫޓުގެ ބިމެއް 339،000ރ. އަށް ވިއްކަން އޭރުގެ ސަރުކާރުން ނިންމިކަމުގެ ލިޔުންތައް އެބަހުރި ކަމަށެވެ. ނަމަވެސް އެ ބިން މިހާތަނަށް އޭނާއާ ހަވާލު ނުކޮށް އޮތުމުން އެކަމަށް ހައްލެއް ހޯދަން އޭނާގެ ފަރާތުން ސަރުކާރުގައި އެދެމުންދިޔަ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެހެންވެ، އޭރު ބިން ވިއްކަން އެއްބަސްވި އަގުތަކާ އެއްގޮތަށް އޭނާއަށް ހުޅުމާލެއިން ބިމެއް ވިއްކަން ސަރުކާރުން ނިންމީ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ވިއްކަން ނިންމި ބިމަކީ ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ މީހަކަށް ދޭން ނިންމި ބިމެއްގެ އެއްބަސްވުން ބާތިލްކުރުމުން ހުސްކޮށް އޮތް ބިމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ މީހާއަށް އެ ބިން ވިއްކަން ނިންމާފައިވަނީ އޭނާއަށް ގުޅީފަޅުން ލިބިފައި އޮތް ބިމެއް ދޫކޮށްލުމަށް ވެސް އެއްބަސްވުމުންނެވެ. ނަމަވެސް އެކަމުގައި ހައުސިން މިނިސްޓްރީން އަމަލުކުރީ ރަނގަޅަށްތޯ ބެލުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ބިން ހަވާލުކުރާނީ ވެސް އޭސީސީގެ ލަފަ އާއި ގާނޫނީ ލަފާ ހޯދުމަށްފަހު ކަމަށް އެ ބަޔާނުގައިވެ އެވެ.