މިރުޒާގެ މަރުގެ މައްސަލާގެ މިއަދު ބޭއްވި ހުކުމް އިއްވަނީ: އެކަކު މަރުގެ އަދަބުން ވަނީ ސަލާމަތްވެފައި
05 ޖުލައި 2022 - 22:15
މީގެ 11 އަހަރު ކުރިން ވިލިމާލޭގައި މަރާލި އަހުމަދު މިރުޒާ އިބްރާހިމްގެ އެއް ގާތިލަށް އޭނާގެ ވާރިސުން މައާފް ދިނުމުން އޭނާ މަރުގެ އަދަބުން ސަލާމަތްވެ އަދި އޭނާގެ އަދަބު 17 އަހަރުގެ ޖަލު ހުކުމަކަށް ހައި ކޯޓުން މިއަދު ބަދަލުކޮށްފި އެވެ.
އޭޕްރީލް، 2011 ގައި ވިލިމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ގްރޫޕަކުން ގޮސް ލަކުޑިބުރިން ހަމަލާދީ ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގެ މަރުގެ ހުކުމް އިއްވާފައިވަނީ ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ މައްޗަށެވެ.
އޭގެ ތެރެއިން ނަޒީފްގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތްއިރު، ޝިފާއުގެ މައްސަލަ އޮތީ ހައި ކޯޓުގަ އެވެ. އެކަމަކު އެ ދެ މީހުންގެ ކިބައިން މަރަށް މަރު ހިފަން މިހާރު ބޭނުންނުވާ ކަމަށް މިރުޒާގެ ބައްޕަަ ކޯޓުގައި ކުރިން އޮތީ ބުނެފަ އެވެ. މިއީ އިސްތިއުނާފް މަރުހަލާގައި ވާރިސުން ގާތިލަކަށް މައާފްދިން ފުރަތަމަ ފަހަރެވެ.
ޝިފާއުގެ މައްސަލާގައި ހައި ކޯޓުން މިއަދު ނިންމީ އެންމެ ވާރިސަކު ވެސް ދެކޮޅު ހަދައިފި ނަމަ، އިސްލާމީ ޝަރީއަތުގައިވާ ގޮތުން ގާތިލަށް މަރުގެ އަދަބު ނުދެވޭނެތީ ޝިފާއުއަށް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ. އެކަމަކު ތައުޒީރީ އަދަބެއްގެ ގޮތުން އޭނާ ޖަލު ހުކުމެއް އިއްވުމަށް ހައި ކޯޓުން ނިންމި އެވެ.
އެގޮތުން ތައުޒީރީ އަދަބެއްގެ ގޮތުން، ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށްފަހު 17 އަހަރާއި ހަ މަހަށް ޝިފާއު ޖަލަށްލާން ހުކުމްކުރީ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ކައްފާރާގެ ގޮތުން ދެ މަސް ދުވަހު ރޯދަ ހިފަން ވެސް ހުކުމުގައި އަންގާފައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ މިރުޒާގެ ބައްޕަ މަރަށް މަރު އަދި މަރުގެ ދިޔަ ބޭނުންނުވާ ކަމަށް ބުންޏަސް، މިރުޒާ ދެން ތިބި ވާރިސުންނަށް އޭނާގެ މަރުގެ ދިޔަ ހޯދަން އެކަން ވަކި މައްސަލައެއްގެ ގޮތުގައި ދަށު ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
ހުކުމުގައިވާ ގޮތުން މިރުޒާ މަރާލުމުގައި އަމަލީ ގޮތުން ޝިފާއު ބައިވެރިވިކަން ސާބިތުވާ މިންވަރުގެ ހެކި އެބަހުއްޓެވެ. އަދި ހަމަލާދިން މީހުން އެކަން ކުރީ ލަކުޑި ބުރި ފަދަ ތަކެތި ބޭނުންކޮށްގެން މިރުޒާގެ ބޮލަށް ހަމަލާދީގެން ކަމަށްވާތީ އޭނާ މެރުމުގެ ނިޔަތް އޮތްކަމަށް ބަލަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ނިޔާޒެވެ.
ނަޒީފްގެ މައްސަލާގައި ސުޕްރީމް ކޯޓުން އަޑުއެހުންތައް ނިންމާލާފައި ވިޔަސް، ހުކުމެއް ނީއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ.
06 July 2022
ދެން އަނެއްކާވެސް ދަށުކޯޓަށް ގޮސްގެން ވަކިން މަރުގެ ދިޔައިގެ މައްސލަ ބަލަންވީ؟ ކީއްބާ ވާނީ ތިގޮތަށް ނިންމި އިރު ދިޔައިގެ ކަންކަންވެސް އެމީހުން ގެނެސްގެން ނިންމާލިނަމަ! ރާއްޖޭގައި މައްސަލަ ގިނަވެ ލަސްވަނީ ކޯޓުތަކުންވެސް ކަންކުރާ ގޮތުން.
އަހުމަދު މުހައްމަދު
05 July 2022
ކީކޭ،އެކަކު ވެސް ބޭނުން ނޫން ނަމަ އޭ.ހީ ނުވޭ ތިހެން އިވެ ދާނެހެން
ނަންނި
06 July 2022
ވާރިސުން ތެރެއިން އެކަކު ދެކޮޅު ހަދާނަމަ މަރުގެ ހުކުމެއް ނީންވޭނެ
ހުސެން މުހައްމަދު
06 July 2022
ހާދަ ފަސޭހައިން މަރުގެ ހުކުމުން ސަލަމަތް ވާނޭ ތިހެން އޮތީމާ.ބޭބެ އަކަށް އައި ފޯނެއް ދޭން ޖެހޭނީ ހަމަ