އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ބަންގްލަދޭޝްގައި ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިން.--- ފޮޓޯ: މިހާރު
01 ޖެނުއަރީ 2017 - 11:02
އޭނާ ބޭނުންވާ ސިސްޓަމަށް ކުޅުންތެރިން ހާނުވަން އުނދަގޫވި ކަމަށާއި ކުޅުންތެރިންގެ ފެންވަރު ދަސްވީ މުބާރާތް ނިމުނު ފަހުން ކަމަށް އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ ވޮލީބޯޅަ ޓީމަށް ކޯޗުކޮށްދިން ސްރީ ލަންކާގެ ސިސިރާ ކުމާރް ވެންޑަކޫން ބުނެފި އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ރާއްޖެ ނުކުތީ ތަށްޓަށް އަމާޒު ކޮށްގެންނެވެ. އެހެން ނަމަވެސް އެ އަމާޒަށް ވާސިލްނުވެވި ރާއްޖެ ޖެހުނީ ތިން ވަނަ އިން ފަރުޖައްސާލާށެވެ.
"އަހަރެން މަސައްކަތްކުރީ ސްރީ ލަންކާގެ ގައުމީ ޓީމު ގެންގުޅުނު ގޮތަށް ގިނަ އެއްޗެހި ތަކެއް ބުނެދީގެން ކުޅުންތެރިން ކުރިއަރުވަން. އެކަމަކު ރާއްޖޭގެ ކުޅުންތެރިންނަކީ ހުނަރުވެރި ކުޅުންތެރިންތަކެއް. މި ކުޅުންތެރިންނަށް ބޭނުންވަނީ ޕްރެކްޓިސް. ކުޅުންތެރިންނަށް މާ ބޮޑަށް ކަމަކު ނުދޭ ގިނަ ވާހަކަތަކެއް ދެއްްކުމުން. ކުޅުންތެރިންގެ ވިސްނުމަކީ ޕްރެކްޓިސް ކޮށްގެން ކުރިއެރުން. މިކަން އަހަންނަށް އެނގުނުއިރު މުބާރާތް އޮތީ ގެއްލިފައި،" ވެންޑަކޫން ބުންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުތީ ނޭޕާލާ ދެކޮޅަށެވެ. ނޭޕާލް އަތުން މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖެ ފަސޭހައިން މޮޅުވި އެވެ. އެހެން ނަމަވެސް މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ނޭޕާލް އަތުން ބަލިވީ އެވެ.
އެ މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭން ރަނގަޅު ލީޑެއްގައި އޮތެވެ. އެހެން ނަމަވެސް އެ ލީޑު ދިޔައީ ކޯޗު ވެންޑަކޫންގެ ގޯސް ބަދަލުތަކެއްގެ ސަބަބުންނެވެ. ރަނގަޅު ވަގުތުގައި ޓީމުގައި ތިބި ކުޅުންތެރިންގެ ބޭނުން އޭނާ އަށް ނުހިފުނެވެ.
ގައުމީ ވޮލީ ޓީމުގެ ކޯޗު ކުމާރް ވެންޑަކޫން (ކ) އާއި އެސިސްޓަންޓް ކޯޗު ސަޑިއްކެ (ކ.2)، ވީއޭއެމް އެކްސްކޯ މެމްބަރު އިޔާޒް (ވ.2) އަދި އެސިސްޓަންޓް ކޯޗު ނިޒާރު.-- ފޮޓޯ: މިހާރު
"ހަގީގަތުގައި ކުޅުންތެރިން ވެސް އަހަރެން ވެސް ވިސްނައިގެން ހުރި ގޮތަކަށް ނޫން ނޭޕާލް މެޗު ދިޔައީ. އެމީހުން ފެނުނީ މާ ވަރުގަދަކޮށް. އެ މެޗުން ބަލިވުމުން އަހަރެމެންނަށް ވަރަށް ގިނަ ކަންތައްތަކެއް އެނގުނު. އެެއީ ފަސޭހަ މެޗެއް ނެތްކަން. ކުޅުންތެރިންނާއި އަހަރެންގެ ފަރާތުން ވެސް މި މެޗުގައި ގޯސްތަކެއް ހެދުނު،" ނޭޕާލް މެޗާ ބެހޭގޮތުން ވެންޑަކޫން ބުންޏެވެ.
ދެ ވަނަ މެޗުގައި ރާއްޖެ ނުކުތީ މުބާރާތުގައި އެންމެ މޮޅަށް ކުޅުނު ކިރްގިސްތާނާ ދެކޮޅަށެވެ. މި މެޗުން ރާއްޖެ ސީދާ ތިން ސެޓުން ބަލިވިއިރު، މި މެޗުގައި ވެސް ވެންޑަކޫން ގާތްގާތުގައި ބަދަލު ގެނެސް އެންމެ ރަނގަޅަށް ކުޅެމުން އައި ކުޅުންތެރިން މުހިއްމު ވަގުތުގައި ބަދަލުކުރި އެވެ. މި މެޗުން ބަލިވުމާ އެކު ރާއްޖެ އަށް ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލުނެވެ.
"ދެ މެޗުގައި ވެސް މިވީ ހަމަ އެއްގޮތެއް. ކޯޗު ކުޅުންތެރިންގެ ކޮންފިޑެންސް ގެއްލުވާލަނީ. ކުޅެން އަރުވާއިރު އެބައަހާ ވާނެހޭ ވާނެހޭ. ހިތްވަރު ދޭތަނެއް ނުފެނޭ. އަނެއްކާ އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަނީ،" ކިރްގިސްތާން މެޗަށް ފަހު ޓީމުގެ ސީނިއާ ކުޅުންތެރިޔަކު "މިހާރަ"ށް ބުންޏެވެ.
ތިން ވަނަ މެޗުގައި ފެނުނީ ވެންޑަކޫންގެ ބަދަލުގައި އެސިސްޓަންޓް ދެ ކޯޗުން ކަމަށްވާ އިބްރާހިމް ޝިހާމް (ސަޑިއްކެ) އާއި ނިޒާރު އިބްރާހިމް ލީޑުކުރި ތަނެވެ. މި މެޗުން ރާއްޖެ ތިން ސެޓުން މޮޅުވިއިރު، ވެންޑަކޫންގެ ބަދަލުގައި ކުޅުންތެރިންނަށް އިރުޝާދު ދިނުމުގައި ބޮޑަށް އުޅުނީ ނިޒާރެވެ.
މި މެޗުން ރާއްޖެ މޮޅުވުމުން ފައިނަލަށް ދިއުމުގެ ކުޑަ އުއްމީދެއް އޮތެވެ. އެއީ ދެން ކުޅޭ މެޗުތަކުގެ ނަތީޖާ އަށް ބަލައިގެންނެވެ. އެހެން ނަމަވެސް ކިރްގިސްތާން ކުޅުނު މެޗުން މޮޅުވުމުން ރާއްޖެ އަށް ފައިނަލުގެ ފުރުސަތު އެއްކޮށް ގެއްލުނެވެ.
ލީގު ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ފުރަތަމަ ސެޓުގައި ވަރަށް މޮޅު ކުޅުމެއް ދެއްކި އެވެ. އެހެން ނަމަވެސް ދެ ވަނަ ރެފްރީ އަކަށް ހުރި ބަންގްލަދޭޝްގެ ރެފްރީގެ ގިނަ ގޯސް ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިން އަތުން އެ ސެޓު ގެއްލުނެވެ. އަދި ކުޅުންތެރިންގެ ހިތްވަރު އެލުނެވެ. އަދި ދެން ކުޅުނު ދެ ސެޓު ވެސް ގެއްލި ސީދާ ތިން ސެޓުން ބަލިިވި އެވެ.
ތިން ވަނަ ހޮވާ މެޗުގައި ރާއްޖޭން މޮޅު ކުޅުމެއް ދައްކައި ނޭޕާލް އަތުން ބަދަލު ހިފި އެވެ.
ޑާކާގައި 2015 ވަނަ އަަހަރު އޮތް ސެންޓްރަލް ޒޯން މުބާރާތާއި ރީޔޫނިއަންގައި ކުރިޔަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަދި މިދިޔަ އަހަރުގެ ސާފް ގޭމްސްގައި ރާއްޖޭގެ ވޮލީ ޓީމަށް އިރުޝާދު ދިނީ ތައިލެންޑްގެ ސުންޓޮން ފޮސީޓާ އެވެ.
ފޮސީޓާގެ ކޯޗުކަމުގައި ރާއްޖޭގެ ކުޅުންތެރިން ކުރިއަށް ވުރެ ރަނގަޅު ކުރި އެވެ. އޭނާގެ އެއްބަސްވުން ހަމަވުމުން އެސޯސިއޭޝަނުން އޭރު ނިންމީ އީރާން ކޯޗެއް ގެންނާށެވެ. އެކަމަކު އިންތިހާބަށް ފަހު އެކަން އޮތީ ހުއްޓިފަ އެވެ.
މިދިޔަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގެ ތެެރެއިން ފޮސީޓާ (ވ) ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
"އަސްލު ފޮސީޓާ ވަރަށް ރަނގަޅު. އޭނާ ކިޔާދޭނެ ޓީމަށް ނޭނގޭ ހުރިހާ އެއްޗެއް. ބޭކާރު ވާހަކަ ގިނައެއް ނުވާނެ. ދެން އަބަދުވެސް ބުނެދޭނެ އިދިކޮޅު ޓީމާ ދެކޮޅަށް ކުޅެންވީ ގޮތް،" ކުރީގެ ކޯޗާ ބެހޭގޮތުން ކުޅުންތެރިޔަކު ބުންޏެވެ.
ވެންޑަކޫން ފެނުނީ ފޮސީޓާއާ ތަފާތު ކޮށެވެ. އިދިކޮޅު ޓީމުގެ މައުލޫމާތު ހޯދައި މެޗަށް ތައްޔާރުވުމުގެ މާ ބޮޑު ކަމެއް އޭނާ ކުރިތަނެއް ނުފެނެ އެވެ. އިދިކޮޅު ޓީމުތައް ކުޅޭ މެޗެއް ބެލުމުގެ މާ ބޮޑު ޝައުގުވެރިކަމެއް އޭނާގެ ނެތެވެ. އޭނާގެ މަސައްކަތަކަށްވީ ރާއްޖޭގެ ކުޅުންތެރިން ބެލުމާއި އެ ކުޅުންތެރިންނަށް ބުނެދިނުން އެކަންޏެވެ. އެހެން ވުމުގެ ސަބަބުން ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވެ، އެ ކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވި އެވެ.
"ހަގީގަތުގައި އަހަންނަށް އެބަހުރި ގޯސް ނިންމުންތަކެއް ނިންމިފައި. އެއީ ޓީމު ދަސްކުރަން އެންމެ ފުރިހަމަ އަށް ވަގުތު ނުލިބުނީމަ. އެކަމުގެ ޒިންމާ އަަހަރެން ނަގަން. މި ޓީމުގައި ތިބި ކުޅުންތެރިންގެ ހުނަރު ވަރަށް ފުރިހަމަ މައްސަލަ ދިމާވަނީ ޑިފެންސް ކުރުމުގައި،" ވެންޑަކޫން ބުންޏެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ މުބާރާތުން ރާއްޖެ ދެ ވަނަ ހޯދުމުން ވަރަށް ގިނަ ބަޔަކު މި ފަހަރު ރާާއްޖެ އަށް ތަށި ލިބޭނެ ކަމުގެ އުއްމީދުކުރި އެވެ. އެކަމަކު އެކަން ހާސިލެއް ނުވި އެވެ. ކޯޗުގެ ވާހަކަތަކަށް ބަލާއިރު ނާކާމިޔާބީގައި އޭނާ ވެސް ޒިންމާ ނަގަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙާނިމް
02 January 2017
މިހާރު ރާއްޖޭގަ އެބަތިބި ތިޔަ ވޮލީ ޓީމް އަށް ކޯޗް ކޮށްދެވޭނެ ފެންވަރު ހުރި މީހުން. ކީއްކުރަން ތަންތަނުން މީހުން ހޯދަނީ. ތި ކޯޗް އެހެން ގައުމެއްގެ ބަޔަކު ލާރި ހުށަހަޅައިގެން ޓީމްއަށް ދޯކާދިނީ ނޫންކަމެއްވެސް ނޭނގެއްނު.
އަލްޖިބްރާ
02 January 2017
ރާއްޖޭގަ ރަގަޅަށް ކުރިއެއްވެސް ކަމެއްގެ ވާހަކަ ބުނެބަލަ ؟
ރަނގަޅުތާ
01 January 2017
ގެރި ފެންގަޑަލީ މީހާއަށްވެސް ތިޔަވަރުވި.
ޕޮގުބާ
01 January 2017
ތިވަރުގެ ކޮސްމީހަކު ވާނެތަ ކޯޗުކަމުގަބަހައްޓަން ހަމަމިހާރުން މިހާރު މަގާމުން ވސކިކުރެ
÷ޮޮޖހދ
01 January 2017
ތީ އިނދެ ވަރިކޮށްފަ ދައްކާ ކަހަލަ ވާހަކަ،
ބޮޑު އަހައްމަދުބެ
01 January 2017
އޭރުވެސް އަހަރުމެން ބުނީމު ފޮސިޓާ ނުލާ ތިކަމެއް ނުވާނެ. މުބާރާތް ނިމިގެންދިޔައިރުވެސް ވެންޑަކޫންއަށް ޓީމުގެ ޓޮޕް ސިކްސްއެއް ނޭނގުނު. ހީވަނީ ޕްރެކްޓިސް މެޗްތަކެއްހެން އަބަދު ބަދަލު ކޮށްކޮށް. މީނަ ބޭރުކުރޭ. ފޭރިގަނެގެން މަގާމުތަކަށް އައިމަ މިހެންވާނެ.
މާހިރު
01 January 2017
ތިވަރުވީކަން ރަނގަޅެވެ. ފޮޝީޓާގެ ކޯޗުކަމުގައި ރާއްޖޭގެ ޓީމުދިޔައީ ވަރަށް ރަނގަޅަށް ކުރިއަރަމުންނެވެ. ނަމަވެސް އެކޯޗު އަންނަންހުއްޓާ އޭނާ ބަދަލުގައި އޭނައަށްވުރެ ދަށް ފެންވެއްގެ ކޯޗެއް ޓީމަށް ގެނައުމުގައި ކޮންމެވެސް ބައެއްގެ އިހުމާލު އޮންނާނެކަން ކަށަވަރެވެ.
ބޮޑުކޯޗު
01 January 2017
އެހެންވީމަ ރާއްޖެޓީމާ ހަވާލުވީތީ އެއްޗެއްދަސްވެ ފައިދާއެއްވިއްޔާތިވީ ކޯޗަށް އެކަނި. ޓީމަށްވީ ގެއްލުން. ލަންކާގަ ކޭމްޕުކުމަށް އެތައްލާރިއެއްކޯޗަށް ލިބިނު.