ދުނިޔެ / ސްރީ ލަންކާ

ލަންކާގައި އަނެއްކާ ވެސް ކުއްލި ނުރައްކަލުގެ ހާލަތު

18 ޖުލައި 2022 - 12:52

1 comments

އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާ އަށް ސިޔާސީ ހަމަޖެހުން ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ގައުމުގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބުކުރުމުގެ މަސައްކަތަށް މަގު ފަހިކުރުމުގެ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

މިހާރު ހުސްވެފައިވާ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުގައި ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުދަ ދުވަހު އެވެ. އިއްޔެ އިން ފެށިގެން ވެރިރަށް ކޮޅުނބުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ އާންމު ރައްޔިތުން، އެ ދުވަހާ ދިމާކޮށް އަނެއްކާ ވެސް މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގަފާނެ ކަމަށް ބަލައިފަ އެވެ.

ވަގުތީ ގޮތުން ރައީސްގެ ޒިންމާތައް އުފުއްލަވަމުން ގެންދަވާ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ، އާންމުންގެ ސަލާމަތީ މަސްލަހަތު ހިފެހެއްޓުމުގެ ގޮތުންނެވެ. އޭގެ އިތުރުން އާންމު ނިޒާމު ދެމެހެއްޓުމާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދެވޭނެ އަމާން ވެއްޓެއް ގާއިމުކުރުމަކީ ވެސް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބޭނުމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ސިންގަޕޫރަށް ދިރިއުޅުއްވުން ބަދަ؛ލުކުރެއްވި ގޯޓާބޭ ރާޖަޕަކްސަ

މިއަންނަ ބުދަ ދުވަހު ގާނޫނު ހަދާ މަޖިލީހުގައި ނަގާ ވޯޓުގައި ރައީސްގެ މަގާމަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ އެއް ބޭފުޅަކީ، މިހާރުގެ ބޮޑުވަޒީރު އަދި ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ. އޭނާ އަކީ ސިޔާސީ ގޮތުން މަގުބޫލު ބޭފުޅެއް ކަމަށް ބެލެވުނަސް، ރައްޔިތުންގެ މެދުގައި މަގުބޫލު ބޭފުޅަކަށް ނުވާތީ، ލަންކާ ރައްޔިތުން މިހާރު ގޮވަމުން ދަނީ، ރަނިލް ވެސް އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގަތުމަށެވެ.

އިސްތިއުފާގެ އަޑުތައް ގަދަވިޔަސް، ރަނިލް ވިދާޅުވާ ގޮތުގައި ގައުމުގެ ރައީސްގެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރުމަށް މިއަންނަ ބުދަ ދުވަހު ގާނޫނު ހަދާ މަޖިލީހުގައި ނަގާ ވޯޓުން ގޮތެއް ނިންމުމާ ހަމައަށް، ވަގުތީ ރައީސްގެ މަގާމުގައި ދެމިހުންނަވާނެ އެވެ.

ނަމުގެ ފަހަތަށް ރާޖަޕަކްސަ ނެތް ކަމުގައި ވިޔަސް، ލަންކާ ރައްޔިތުން މިއަދު ދެކެނީ ރަނިލްއަކީ ރާޖަޕަކްސަ އާއިލާ އަށް ވާގިވެރިވެދޭ ބޭފުޅެއް ކަމަށެވެ. އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމުގެ އަޒުމްގައި ހުންނެވި ރަނިލްއަށް، ރާޖަޕަކްސަ އާއިލާގެ ނުފޫޒު އޮންނަ، ސްރީ ލަންކާ ޕީޕަލްސް ފްރަންޓް ޕާޓީގެ ތާއީދު އޮންނާނެ ކަމަށް ބެލެވެ އެވެ.

ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

މި މަހުގެ 13 ވަނަ ދުވަހު ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ ފިއްލަވައިގެ ދިވެހިރާއްޖެއަށް ވަޑައިގަތުމާ ގުޅިގެން، މިދިޔަ ހަފުތާގައި ވެސް ވެރިރަށް ކޮލަމްބޯ އާއި ބޮޑެތި އެހެން ސަހަރުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި އެވެ. ލަންކާގައި އެއް ދުވަހު މަޑުކުރެއްވުމަށް ފަހު ސިންގަޕޫރަށް ވަޑައިގެން، މިމަހުގެ 16 ވަނަ ދުވަހު ގޯޓާބޭ ވަނީ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އާންމުން މަގުތަކަށް ނުކުމެ ކުރި މުޒާހަރާގައި، ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެ އެ އޮފީސް ހިސޯރުކުރި އެވެ. އެކަމާ ގުޅިގެން މިދިޔަ ހަފުތާގައި ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ހަމަނުޖެހުން ހިންގާ މީހުން ހިފައި ހައްޔަރުކުރުމަށާއި ހަމަނުޖެހުންތައް ރާވާ ކަމަށް ޝައްކުކުރެވޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތަށް ސިފައިން ނެރުމަށެވެ.

ވެރިރަށް ކޮޅުނބުގައި މިއަދު ހެނދުނުން ފެށިގެން، ދިރިއުޅުމުގެ އާންމު ހަރަކާތްތަކާއިގެން ރައްޔިތުން ކުރިއަށް ދާއިރު މިހާތަނަށް އެއްވެސް އެއްވުމެއް ބާއްވައި ހަމަނުޖެހުމެއް ނުހިންގަ އެވެ. އާންމު ދަތުރުފަތުރުގެ ހިދުމަތް ވެސް ކުރިއަށް ދާ މިފަދަ ދަނޑިވަޅެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން، ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވާން ފަށައިފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތަސް، ސިފައިން މަގުތަކަށް ނުކުމެ އެއްގަމު އުޅަނދުތައް ހުއްޓުވައި ބަލައި ފާސްކުރުން ފަދަ އެއްވެސް ކަމެއް ނުހިނގަ އެވެ. އެހެންކަމުން ބައެއް މީހުން ބުނާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، ރައްޔިތުންނަށް ލިބިގެންވާ އެއްވެ އުޅުމުގެ ހައްގު ހިފަހެއްޓުމުގެ ބޭނުމުގަ އެވެ.

"މީގެ ކުރިން ވެސް 100 ދުވަސް ވަންދެން އަހަރެމެން ސުލްހަވެރި މުޒާހަރާތައް ބާއްވައިފިން. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނެއް ނުކުރޭ. ރަނިލް ވިކްރަމަސިންހަ މިހާރު ތައްޔާރުވަމުން އެދަނީ ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން އިސްކުރުމަށް. ނަމަވެސް ސަރުކާރުގެ އެފަދަ އަމަލުތަކުން އަހަރެމެންގެ މި ހަރަކާތަށް ހުއްޓުމެއް ނާންނާނެ،" އާންމު ރައްޔިތުންގެ މުޒާހަރާތަކުގެ އިސް ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ، ބުޑިސްޓު ފާދިރީ ޖީވަންތާ ޕެއިރިސް ބުންޏެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޮނިފޮނިޓައްޕު ކުމާރު

18 July 2022

ކޮންކުއްލިހާލަތެއް. ކުއްލިހާލަތް އުވާލާ ރައްޔިތުން ނޭވައިލިއަދީބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454