21 ޖުލައި 2022 - 10:50
ހަ މަހުން ގްރީން ޓެކްސް އަށް 547 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ވޭތުވެދިޔަ ހަ މަހުގެ ތެރެއިން ގްރީން ޓެކްސް އެންމެ ގިނައިން ލިބިފައި ވަނީ މާޗް މަހު އެވެ. އެ މަހު ޓެކްސްގެ ގޮތުގައި 106 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައި ވަނީ މެއި މަހު އެވެ. އެ މަހު ގްރީން ޓެކްސްގެ ގޮތުގައި 97 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ވޭތުވެދިޔަ ހަ މަހުގައި އެންމެ މަދުން ގްރީން ޓެކްސް ލިބިފައި ވަނީ ޖޫން މަހު އެވެ. އެ މަހު ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 71 މިލިއަން ރުފިޔާ އެވެ.
- ޖެނުއަރީ: 95 މިލިއަން ރުފިޔާ
- ފެބްރުއަރީ: 91 މިލިއަން
- މާޗް: 106 މިލިއަން ރުފިޔާ
- އޭފްރީލް: 87 މިލިއަން ރުފިޔާ
- މެއި: 97 މިލިއަން ރުފިޔާ
- ޖޫން: 71 މިލިއަން ރުފިޔާ
ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 800 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 400 މިލިއަން ރުފިޔާ އެވެ. އެހެންވެ މިއަހަރުގެ ފުރަތަމަ ހަ މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށްވުރެ 147 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ގްރީން ޓެކްސް ނަގަން އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެސިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓު ހައުސްތަކުން ނަގަން ފެށީ އޮކްޓޫބަރު 2016 އިން ފެށިގެންނެވެ.
ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީން މި އަހަރު ވަނީ 38 ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފަ އެވެ. މި ޕްރޮޖެކްޓްތަކަށް 408 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. ގްރީން ޓެކްސްގެ އާމްދަނީން މި ވަގުތު އެންމެ ބޮޑު ޕްރޮޖެކްޓެއް ހިންގަނީ ހއ. ހަންޏާމީދޫގަ އެވެ. އެރަށުގެ ފެނުގެ ނިޒާމު ގާއިމް ކުރަން ހަތް މިލިއަން ރުފިޔާ ހޭދަކުރެ އެވެ.
ގްރީން ޓެކްސް ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓްތަކާއި ނަރުދަމާގެ ޕްރޮޖެކްޓްތަކާއި ކުނި ނައްތާލުމާއި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ ގިނަ ޕްރޮޖެކްޓްތައް ހިންގަ އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ހިންގަނީ ނަރުދަމާގެ މަޝްރޫއުތަކެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ގްރީން ޓެކްސްއިން ލިބެމުން އަންނަ އާމްދަނީން 847 މިލިއަން ރުފިޔާ ބޭނުން ނުކޮށް އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންކާރި
21 July 2022
ތިލާރިން ތިމާވެށި ހިމާޔަކުރާކަށް އެއްމެ ލާރިއެއްވެސް ޚަރަދެއް ނުކުރޭ.. ތި ލާރިން ހިންގާ ބޮޑެތި އިންފްރާސްޓަރކްޗަރ ޕްރޮޖެކްޓް ތަކުން ތިމާވެށި ހަލާކުވަނީ. ތީ ހަމަ ގްރީން ވޮޝް ކުރަން ކިޔާލާފައި އޮތް ނަމެއް.
ޖުޖު
21 July 2022
ސިޔާސީ މަގާމު ކޮޅެއް ހަދާލާ
ބުރުގާ
21 July 2022
ތީހަމަ ސީދާ ދައުލަތުގެ ވަރިންގެ ޖީބައް ވަންނާނެ ލާރި. ތީގެން ގައުމުގެ ތިމާވެއްޓައް / އުމްރާނީ ތަރައްގީއައް މޮކޮސްވެސް ނުލިބޭނެ