ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ދިވެހި ލީގުގައި ކާމިޔާބު ހޯދުމުގެ ދޮރު ދިވެހި ކޯޗުންނަށް ބަންދުވެފައި

ބިދޭސީ ކޯޗުންނަށް ދޭ އެއްބާރުލުން ދިވެހި ކޯޗުންނަކަށް ކްލަބްތަކުން ނުދޭ: ނިސްތާރު

އިއްޔެ ހަވީރު ދިވެހި ލީގު ކާމިޔާބު ކުރުމަށް ފަހު މާޒިޔާގެ ކޯޗިން ޓީމާއި ކުޅުންތެރިން އުފާފާޅު ކުރަނީ: މާޒިޔާއިން ހަތަރު ފަހަރު ލީގު ޗެމްޕިއަންކަން ހޯދި އިރު އޭގެ ތެރެއިން ތިން ފަހަރު އެ ޓީމަށް ލީގު ކާމިޔާބު ކޮށްދިނީ ބިދޭސީ ކޯޗުން --- ފޮޓޯ: މާޒިޔާ

ދިވެހިރާއްޖޭގައި ލީގު ފޯމެޓް އުސޫލުން ރަސްމީ ލީގެއްގެ ގޮތުގައި، ދިވެހި ލީގު ފެށީ 2000 ވަނަ އަހަރު އެވެ. އެ އަހަރު ލީގު ޗެމްޕިއަންކަން، މައުރޫފް އަހުމަދު (މާއްޓޭ) ގެ ކޯޗު ކަމުގެ ދަށުން ހޯދީ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. އެކަމަކު އޭގެ ފަހުން މިދިޔަ 22 އަހަރު ތެރޭ ދިވެހި ކޯޗުންނަށް ލީގު ހޯދުމުގެ ފުރުސަތު ލިބިފައި ވަނީ މަދު ފަހަރަކު އެވެ.

އިއްޔެ މާޒިޔާއިން ލީގު ކާމިޔާބު ކުރުމާއެކު، އެ ޓީމުގެ ސާބިއާގެ ކޯޗު މިއޯޑްރާގް ޖެސިޗް އަކީ 18 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރި ބިދޭސީ ކޯޗެވެ. ދިވެހި ކޯޗުންނަށް އެކަން ކުރެވުނީ ފަސް ފަހަރު އެވެ.

"ހަމަ ގައިމު ވެސް ދިވެހި ކޯޗުންގެ ފެންވަރު ނެތެކޭ ނުބުނެވޭނެ. ދިވެހި ކޯޗުންނަށް އެ ފުރުސަތާއި އިހްތިރާމު ނެތީ،" މި ސީޒަންގެ ޕްރެޒިޑެންޓްސް ކަޕް މާޒިޔާ ބަލިކޮށް ކްލަބް ވެލެންސިއާ އަށް ހޯދައިދިން ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުންޏެވެ.

މާޒިޔާގެ ކޯޗު ޖެސިޗް އޭނާ އަކީ ލީގު ޗެމްޕިއަންކަން 18 ވަނަ ފަހަރަށް ހޯދި ބިދޭސީ ކޯޗު --- ފޮޓޯ: މާޒިޔާ

އޭނާ ބުނި ގޮތުގައި ކްލަބް ތަކަށް ކިރިޔާ ފައިސާ ކޮޅެއް ލިބުނަސް އެ ޓީމަކުން ދީލާލަނީ ބިދޭސީ ކޯޗެއް ހޯދުމަށެވެ. ގްރީން ސްޓްރީޓްސްގެ ޒުވާން ކޯޗު އަލީ ނިސްތާރު މުހައްމަދު ވެސް ބުނީ ބިދޭސީ ކޯޗުންނަށް ދޭ އެއްބާރުލުން ދިވެހި ކޯޗުންނަށް ކްލަބް ތަކުން ނުދޭ ކަމަށެވެ.

ދިވެހި ލީގު ކާމިޔާބު ކުރި ރާއްޖޭގެ ކޯޗުން

- މައުރޫފް އަހުމަދު (މާއްޓޭ)

- މުހައްމަދު ޝިޔާޒު (މޯހަން)

- އަލީ ސުޒޭން

- މުހައްމަދު ނިޒާމް

"ނިއު ރޭޑިއަންޓުން 2012 ގައި މޯހަން ކޯޗު [މުހައްމަދު ޝިޔާޒު] ލީގު ހޯދީ އެއް ވެސް މެޗަކުން ބަލި ނުވެ. އެ އަހަރުގެ އެފްއޭ ކަޕް ނޫނިއްޔާ ހުރިހާ މުބާރާތެއް ނެގި. އެކަމަކު ޖެހިގެން އައި އަހަރު މޯހަން އަށް އެ ޓީމުން ފުރުސަތެއް ނުލިބުނު. ގައިމު ވެސް ކާމިޔާބު ނުހޯދިގެނެއް ނޫން ދުރަށް ދާން ޖެހުނީކީ އެއް،" ނިސްތާރު ބުންޏެވެ.

"ކްލަބަ ކުން މި ބުނަނީ އާނ މިފަހަރު ތިމަންނަމެން ކުޅެލާނީއޭ، އެހެން ބުނާ ފަހަރެއްގައި ނޫނިއްޔާ ގިނަ ފަހަރަށް ކްލަބަކުން ދިވެހި ކޯޗަކަށް ޖާގައެއް ނުލިބޭނެ. އަނެއްކާ ބޭރު ކޯޗަކާ އެކު ކުރާ އިންވެސްޓްމެންޓް ދިވެހި ކޯޗަކު ހުންނައިރު ކްލަބަކުން ނުކުރާނެ."

މާޒިޔާ އަށް 2016 ގައި ލީގު ކާމިޔާބު ކޮށްދިނުމުން، އެ ޓީމުގެ ކުޅުންތެރިން ކޯޗު އަލީ ސުޒޭން އުރާލައިގެން: އޭނާ އަކީ މާޒިޔާ ލީގު ޗެމްޕިއަންކަން ހޯދައި ދިން ހަމައެކަނި ކޯޗަކީ އޭނާ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

މި ސީޒަންގައި މާޒިޔާ އަށް އެންމެ ފުރަތަމަ އިރުޝާދު ދިނީ މޯހަން އެވެ. އޭނާ މާޒިޔާގެ ކޯޗު ކަމަށް ހަމަޖައްސަން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު ވިދާޅުވީ މާޒިޔާގެ ކޯޗުކަން ދިވެއްސަކާ ހަވާލުކޮށްގެން އެހެން ހަރުފަތަކަށް ދާން ބޭނުންވާ ކަމަށެވެ.

"މާޒިޔާއިން ވެސް އަދި ކޮންމެ ދިވެއްސަކު ވެސް އެދޭނީ ދިވެއްސަކަށް ރަނގަޅު ގޮތެއްވާން. އެހެންވީމާ އަޅުގަނޑު މި ބަލަނީ ދިވެހި ކޯޗަކަށް ރަނގަޅު މުސާރައެއް ދީގެން ދިވެހި ކޯޗަކާ އެކު ކާމިޔާބުކުރެވޭތޯ. އަޅުގަނޑު ދެކެން ބޭނުންވާ ދުވަހަކީ ދިވެހި ކޯޗަކާ އެކު މާޒިޔާ އަށް އެހެން ހަރުފަތަކަށް ދެވޭނެ ދުވަހެއް،" މިދިޔަ އަހަރު އޮކްޓޯބަރު މަހު، މޯހަން މާޒިޔާގެ ކޯޗު ކަމަށް ހަމަޖެއްސުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އަހުމަދު ވިދާޅުވި އެވެ.

އެކަމަކު ޕްރެޒިޑެންޓްސް ކަޕްގެ ނާކާމިޔާބާ އެކު، މޯހަން މަގާމުން ވަކި ކުރި އެވެ. މިދިޔަ ސީޒަންގައި މާޒިޔާ އަށް ފުރުތަމަ އިރުޝާދު ދިނީ ޓީސީ އަށް ލީގު ޗެމްޕިއަންކަން ހޯދައިދިން މުހައްމަދު ނިޒާމެވެ. އެކަމަކު ލީގުގައި މެޗަކުން ވެސް ބަލި ނުވަނީސް މާޒިޔާގެ ކޯޗު ކަމުން ދުރަށް ދާން ޖެހުނެވެ. ޗެރިޓީ ޝީލްޑް މެޗުގައި، އީގަލްސް އަތުން ބަލި ވުން ފިޔަވައި ނުރަނގަޅު ނަތީޖާއެއް ނިޒާމަކަށް މާޒިޔާގައި ނެތެވެ.

މާޒިޔާގެ ކޯޗު ކަމަށް 2020-2021 ގައި ހަމަޖެއްސި ކޯޗު މުހައްމަދު ނިޒާމް: ވަކި ހިސާބަކުން އޭނާ ވެސް ވަނީ އެ ޓީމުގެ ވަޒީފާ ދޫކޮށްލަން ޖެހިފަ --- ފައިލް ފޮޓޯ

ކުޑަ ހީނާ ބުނި ގޮތުގައި ނަތީޖާ އަށް ބަލައިގެން ކޯޗަކު މަގާމުން ދުރަށް ދާން ޖެހޭ ހާލަތެއް މާޒިޔާގައި އޭރު ނިޒާމް އަކަށް ނެތެވެ. ވެލެންސިއާ އަތުން އެއްވަރުވި މެޗަށް ފަހު މާޒިޔާގެ ކޯޗުކަމުން ނިޒާމް ދޫކޮށްލި އެވެ.

ހީނާ ބުނި ގޮތުގައި މާޒިޔާގައި އޮތް ސްކޮޑަކީ ދިވެހި ކޯޗަކާ އެކު ވެސް ލީގު ހޯދޭނެ ފެންވަރުގެ ޓީމެކެވެ. މޯހަން މަގާމުން ވަކި ކުރުމަށް ފަހު މާޒިޔާގެ ކޯޗު ކަން، މިހާރުގެ ކޯޗު ޖެސިޗް ހަވާލު ކުރީ ދިވެހި ލީގު ފެށުމުގެ ކުރިންނެވެ. މާޒިޔާ އަށް ލީގު ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ސްޕެއިންގެ ފޯވާޑް ޕެޑްރޯ ޑޮމިންގޭޒް (ޓާނާ) ވެސް މާޒިޔާ އިން ސޮއި ކުރުވީ އޭގެ ފަހުންނެވެ.

މާޒިޔާ އަށް އެންމެ ފަހުން ކޯޗު ކޮށްދިން ދިވެހި ކޯޗު މުހައްމަދު ނިޒާމް: އޭނާ އާ މަގާމު ހަވާލު ކުރީ ދިވެހި ކޯޗަކާ އެކު އެހެން ހަރުފަތަކަށް ދާން ބޭނުންވާ ކަމަށް ބުނެ --- ފައިލް ފޮިޓޯ

"ނަތީޖާ ގޯސް ވެގެން ކޯޗު ވަކި ކުރަންޏާ ކީއްވެބާ އޭއެފްސީ ކަޕްގައި ނާކާމިޔާބު ވީމަ މިހާރުގެ ކޯޗު ދުރަށް ދާން ނުޖެހެނީ. ނަތީޖާ ގޯސްވެގެން އަބަދު ވެސް ދުރަށް ދާން މި ޖެހެނީ ދިވެހި ކޯޗުން،" މާޒިޔާއިން ނިޒާމް ވަކި ވާން ޖެހުނު ހާލަތު އަޅާ ކިޔަމުން ކުޑަ ހީނާ ބުންޏެވެ.

ނިސްތާރު ބުނިގޮތުގައި ގޮތުގައި ދިވެހި ކޯޗަކަށް އިތުބާރު ކޮށްފައި ޓީމު ވަރުގަދަ ކޮށްދޭނަމަ ދިވެހި ކޯޗުންނާ އެކު ވެސް ލީގު ހޯދޭނެ އެވެ.

"އެކަމަކު ދިވެހި ކޯޗުންނަށް ނުލިބެނީ ދެއްތޯ އެ އެއްބާރުލުން ވެސް،" ނިސްތާރު ބުންޏެވެ.

9 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިއްޕަޓޭ

24 July 2023

ތިޔަ ނިސްތާރަކަށް ނޭނގޭތަ ފާއިތުވި 5 ސީޒަނުގަ ދިވެހި ލީގުގަ ކުޅުނު 8 ޓީމުގެ ތެރެއިން 7 ޓީމުގެ ކޯޗުންނަކީ ހުސް ދިވެހިންކަން؟ ޕްރިމިއާ ލީގު ކްލަބްތަކުން ދިވެހި ފުޓުބޯޅައިގަ ބަނޑުއަޅައި ބައްސާމްއަށް ސަޕޯޓްކޮށްކޮށް ތިބެ މިކަހަލަ ތާކުންތާކުން ނުޖެހޭ ވާހަކަ ދައްކާނެކަމެއް ނެތް. ތިޔަ ކޮންމެ ކޯޗަކު ކުލަބުގެ ޕްރެކްޓިސް ނިމޭއިރަށް ގޮސް އިންނާނެ ކޮންމެސް ގޭންގެއް އިންތިޒާމުކޮށްގެން ކުޅޭ ކަންމަތީ ފުޓްސަލް މުބާރާތެއް ކުޅޭއިރު ބެންޗަށް އަރާ އިރުޝާދުދޭން.

The name is already taken The name is available. Register?

ބޯޅަ ފ

23 July 2022

ބަލަ ދިވެހި ކޯޗުންގެ ހިތް ވެސް މޮޅީ.. އެއް މުބާރާތެއް ނިމޭ އިރަށް އަނެ މުބާރާތަށް ގިނަ ލާރި ބޭނުން ވޭ... ޓީމް ތަކުގަ ނެއް ވަރަށް މުސާރަޔައް ކިޔާ..

The name is already taken The name is available. Register?

ޢެމް ބީ އޭ

23 July 2022

ޙަމަ ތިޔަހެން ފެންނަނީ ދިވެހި ބާސްކެޓުން ވެސް ހުރިހާ ތަނެއްގަ ސުޕުން ފުވެހި ކޯޗެއް މެޗަކުން ބަލިވާ އިރައް ސުޕުން ގެ މައްސްވަރާ ހޯދައިގެން ބޭރު ކޮއްލަނީ ސުޕުން ނައް ވީ ކަމެއް އެބަ އޮތް ތޯ ގައުމީ ޓީމައް ކާމިޔާބު ހޯދިފަ 30 އަހަރު ވީ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 July 2022

އިޙްތިރާމް ދޭން ކިހިނެއް އިގޭނީ؟! ސްޕަރ ލީގް ހެޑްކޯޗަކަށް ހުރެފައި ކަންމަތީ ޤުރޫޕް ތަކާއި ފާޑުފާޑު ފުޓްސަލް މުބާރާތް ތަކުގައި ކުޅޭ ޤުރޫޕް ބެންޗް ގައިވެސް އިންނަނީ ހަމަ އެކަކު. # އަނެއްކަމަކީ ފުރުސަތު ނެތީ ހަމަ އެކަނި ތިބޭފުޅުން ކަހަލަ ކޯޗުންނަށް އެކަންޏެއްނޫން. ފީފާ އާއި އޭއެފްސީގެ އުސޫލް ތަކާއި ޙިލާފަށް ހަދާފައިވާ ޤަވާއިދު ތަކުގެ ސަބަބުން ކ.އަތޮޅު މާލޭގެ ޓީމް ތައް ނޫން ބަޔަކަށް ފުޓްބޯޅަ ކުޅުމަށް ހަމަހަމަ ފުރުސަތެއްނެތް.

The name is already taken The name is available. Register?

ބިލް ކުލިންޓަން

23 July 2022

ދިވެހިރާއްޖޭގާ ދިވެހިރައްޔިތުން ސާނާވީ ބަޔަކަށް ވެއްޖެ. ކުޅިވަރެެއް ވިޔަފާރިއެއް ކައިވެންޏެއް ކިޔާނެކަމެއްނެތް.

The name is already taken The name is available. Register?

މޯޑް

23 July 2022

މިސާލަކަށް މާޒިޔާ ބޮނޑްހަރަދުކޮށްފަ ޔޫރަފް އަގުބޮނޑް ކޯޗުންނާއި ކުޅުންތެރިން ގެންނަނި އޭއެފްސީކަފްގަ ރަގަޅު ނަތީޖާއެއް ހޯދަށް. އެކަމް އެކަމެއް ނުވޭ. ލޯކަލު މުބާރަތް ތަކުގަ ތަށި ހޯދާނެ މާޒިޔާގަ އެއޮށް ޓީމް ގަ ކޯޗަކު ނެތަސް.

The name is already taken The name is available. Register?

މުލޭ

23 July 2022

ދޮން މީހުން އުޅޭ ގޮތަށް އުޅެގެންނޫނީ ސަލާމަތެއް ނެތްކަމަށް ބުނާ ވެރިން ތިބޭ ތަންތަނުގައި ކަންކަން ހިނގާނީ ދޮންމީހުންނަށް ފަހިވާގޮތަށް.

The name is already taken The name is available. Register?

ހޯރަބޭ

23 July 2022

ދެ ކޯޗުންގެ ވާހަކަ ވެސް ޖުމްލަކޮށް ރަގަޅު. ދިވެހި ކޯޗުންނަށް ނުލިބެނީ އިހުތިރާމާއި ލޯބި.

The name is already taken The name is available. Register?

އެމްސް

23 July 2022

މިއީ ބިދޭސީންގެ ޤައުމެއް: ބޯހިޔާވަހިކަމާއި ވަޒީފާވެސް އެތައްލައްކަ ބިދޭސީންނަށް މިޤައުމުން ވަނީ ތަނަވަސްވެފަ! މުޅި ރޭޓެއިލް ޓްރޭޑް އޮތީ ބިދޭސީންގެ އަތްމަތީގަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454