25 ޖުލައި 2022 - 21:13
ރ. ދުވާފަރު ކައުންސިލުން މި އަހަރުގެ ފިތުރު ޒަކާތާއި މިދިޔަ އަހަރުގެ މުދަލުގެ ޒަކާތް، އޭގެ ހައްގުވެރިންނަށް ބެހި ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން އެހެން ބުނީ، ދުވާފަރު ކައުންސިލުން ހިންގި ހިޔާނާތުގައި ޒަކާތުގެ ފައިސާ ވެސް އެ ރަށުގެ ކައުންސިލް މެމްބަރުންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާތީ، އޭގެ ހައްގުވެރިންނަށް ލިބުނުކަން ކަށަވަރު ނުކުރެވޭ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވާތީ އެވެ.
އެލްޖީއޭގެ އެ ވާހަކަ ދޮގުކޮށް، އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ މުދަލުގެ ޒަކާތާއި މި އަހަރުގެ ފިތުރު ޒަކާތް ބެހުމަށް ފަހު، އެކަމުގެ ރިޕޯޓު ވެސް ދުވާފަރު ކައުންސިލުން އެ މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ. އެއީ ޒަކާތުގެ ހައްގުވެރިންނަށް ލިބެންޖެހޭ ވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރު ކޮށްފައިވާ ލިޔުންތަކެއް ކަމަށް ވެސް ބުންޏެވެ.
އެލްޖީއޭ އިން ބުނިގޮތުގައި ދުވާފަރު ކައުންސިލުން މުދަލުގެ ޒަކާތުގެ ގޮތުގައި ދޭން ބޭނުންވާ 318،600ރ. ވެސް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަމާކޮށްފަ އެވެ.
ފިތުރު ޒަކާތަށް ބަހަން ޖެހޭ 54،000ރ. ވެސް ކައުންސިލް މެމްބަރު ޒުހުދާ އާދަމަށް ނަގުދު ފައިސާގެ ގޮތުގައި ހަވާލު ކޮށްފައިވާ ކަމަށާއި އެ ފައިސާ ލިބެންވީ މީހުންނަށް ލިބިފައިވާ ކަމެއް އެއްވެސް ލިޔުމަކުން ކަށަވަރު ނުކުރެވޭ ކަމަށް އެލްޖީއޭގެ ރިޕޯޓުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ޒަކާތް ނެގުމާއި އެ ބެހުމުގެ ކަންކަން ގެންދަން ޖެހޭނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް ހުރިހާ ކައުންސިލަކަށް ވެސް އަންގާފައިވާ ކަމަށެވެ. އަދި މިނިސްޓްރީން ކަނޑައަޅާފައިވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް މި އަހަރުން ފެށިގެން މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހާނީ ސީދާ އެ މިނިސްޓްރީން އެ މީހެއްގެ އެކައުންޓަށް ކަމަށް ވެސް ބުންޏެވެ.
އެ ބަދަލު ގެނައީ ދުވާފަރު ކައުންސިލްގެ މައްސަލަ ފެންމަތިވުމުގެ ކުރިންނެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައި ތިބި މީހުންނަށް މިދިޔަ މަހުގެ 20 ގައި މުދަލުގެ ޒަކާތުގެ ގޮތުގައި 3،000ރ. ޖަމާކޮށްދީފަ އެވެ. އެ ލިސްޓުގައި 8،959 މީހަކު ވަނީ މި އަހަރު ރަޖިސްޓަރީ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެލޯ ދުރުމި
26 July 2022
ގައުމުގެ މުއައްސަސާތައް ހިނގާގޮތާއި ގައުމު ހިނގާގޮތް އަދި ޚުދު މިނިސްޓްރީގެ މޭންޑޭޓްގައި ހިމެނޭ ކަންކަންވެސް އެނގޭ ބަޔަކު މިނިސްޓްރީއަކު ނެތް.އެއަށްވުރެ ވަކި ދޯހަޅި މުއައްސަސާއެއް މި ގައުމަކު މިހާރަކު ނެތް. އެފަދަ ދެވަނަ ތަނަކީ އެލްޖީއޭ.
ކުޗީ
26 July 2022
ކޮންމެ ބަޔަކުވެސް ބޯދަމައިގަންނަނީ ... މީގެ ތެރޭގައި ދީން ހިމާޔަތް ކުރާ މިނިސްޓްރީ މިއުޅެނީ އެކަމުގެ ކުރީގައި. އެބަބުނޭ މީގެ ކުރިންވެސް ފަޤީރުންގެ އެކައުންޓަށް ޖަމާކުރަން ނިންމާފައޮތް ވާހަކަ ، އެކަމަކުވެސް ނަގުދު ފައިސާ 54،000ރ. ވެސް ކައުންސިލް މެމްބަރު ޒުހުދާ އާދަމަށް ދިން ވާހަކަ އަދި މިބެހިކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތް ވާހަކަ. މިކަންވެސް ދާނީ ވެންޓިލޭޓަރު މައްސަލަ ވީހެންކަން ޔަޤީން. ނަގުދު ފައިސާ ދިނީ ހެޔޮނިޔަތުގައި ކަމަށް ވެގެން ނިމޭނީ.
ބަލާމް
26 July 2022
އެލްޖީއޭގެ ރިޕޯޓްގޮތައް އަދި އެތައް ރިޕޯޓެއް ނެރޭނެ..ސަރުކާރު މުށުތެރޭ ގިނަ މުއައްސަސާތައް ހުރީ..ރިޕޯޓްގަ ބުނި މީހުނެއްވެސް ނޫން އެކަން ދޮގުކުރީ މިނިސްޓަރީއަކުން..
އަބްޑޫޅް
26 July 2022
ރާއްޖޭގެ ސަރުކާރުގެ ބާރުތައް، މައް ބީރަށްޓެހިންނަށް ދޫކޮށްލީމަ ވާނެ ގޮތް ވަނީ.
ކުޗީ
26 July 2022
މާލޭ ބޭފުޅުން ބީރަށްޓެހިންނޭ ކިޔަގެން ކޮމެންޓް ކުރީމަ ދެންވަރަށް ހުތުރު.
ދުވާފަރު
26 July 2022
އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާ ރިޕޯޓަކީ ކިހާވަރެއްގެ ޞައްޙަ ރިޕޯޓެއްތޯ؟ ފައިސާގެ ޙައްޖުވެރިންނަށް ބެހިއިރު މިނިސްޓްރީގެ އެކަމާބެހޭ ބަޔަކު އެރަށުގައި ތިބިތޯ؟ ކޮންމެ ގޮތަކަށްވެސް ރިޕޯޓް ހަދާފަ ފޮނުވާލެވިދާނެ. މިނިސްޓްރީން ބަޔަކު އެރަށަށް ފޮނުވައިގެން ތަޙްޤީޤް ކުރަންޖެހޭނެ އެމައްސަލަ
ހުސޭނާޖ
26 July 2022
ބަލަ އަމިއްލަ އެކައުންޓްތަކަށް ދައުލަތުގެ ފައިސާ ޖަމާ ކުރެވޭތަ؟ މިވަރު ނޭނގޭ ކައުންސިލެއްތަ އޮޕަރޭޓް މިވަނީ. ބޯހަލާކު
އުއްތަމަ އުސްތާޛް
26 July 2022
ރަށްރަށުގައި ތިޔަކަން ކަން ހުންނަ ދަތި މާލޭ ބޭފުޅުން ނަކަށް ނޭނގޭނެ. އަމިއްލަ އެކައުންޓަށް ޖަމާކޮށްފައި އެފައިސާ ނަގާ އޭގެ ޙައްޤު ވެރިންނަށް ދީފައި އެ ހުރީ. އެފައިސާ ކާލީކީ ނޫން. އެހެން ހަދަންޖެހެނީ އެނޫން ގޮތަކަށް ފައިސާ ނުނެގޭތީ. ފުޅަށްބުޑުން ދަންޏާ ޙަސަނަށް ހަމަ ހީވާނީ ކެޔޮގަނޑު ކަނޑާލަނީއޭ
ކުޗީ
26 July 2022
އަބަދާ އަބަދު " މާލޭ ބޭފުޅުން ، މާލޭ ބޭފުޅުން " ތިކިޔަނީ ކޮންހަސަދަ އެއް އޮތީމަތޯ ... މިނިސްޓްރީގައި ތިބެނީ ހުސް މާލޭ ބޭފުޅުން ތޯ ....
ޏަމް
25 July 2022
ތީގަ މާ ބޮޑު އޮޅުންތަކެއް ނެތް. މުދަލު ޒަކާތް މުހައްމަދު އަކައުންޓަށް ޖަމާވެ، ޒުހުދާ ބަހާފަ އޮތީ، އެއީ މުހައްމަދު އެކައުންޓް އިން ޒުހުދާއަށް ދިން ޒަކާތު ފައިސާކަން ޔަޤީންނުވަނީ ދެން ފިތުރު ޒުހުދާ ތިޖޫރީގަ ބަހައްޓާފަ، ލިޔުންތަކަށް ނުވައްދާ ބެހީ، ބެހިކަމުގެ ލިޔުން އެލް.ޖީ.އޭ އަަށް ނުދެއްކުނު، މިނިސްޓްރީއަށް ފިނުވާފަ އޮތް ވާހަކަ. ޢެންމެންވެސް ކިޔަނީ އެކައްޗެއް، ބައިވަރު މައްސަލަތައް އޮތްކަމެއްމީl
ކަކުނިބޯ
26 July 2022
ޜަނގަޅު މާލިއްޔަތު ގަވައިދާހިލާފަށް އަމަލުކުރީ އެހެންނަމަވެސް ކުރަން އުޅުނު ކަންކޮށްފަ އޮތީ އެމީހުން ކޭކަމަށް ސިފަވާގޮތަށް ރިޕޯޓް ތައްޔާރުކުރުމަކުން ކަމަކުނުދާނެ އަދި ޕީޕީ ކުދިން ކައުންސިލްގައި ތިއްބެފައި އެމްޑީޕީ ކުދިން އެލްޖީގަތިއްބަކަސް އެހެންވީމާ ސިޔަސީ ރިޕޯޓް ކިޔަނީ ދެން ފިނޭންސްމިނިސްޓަރަށް ދައުވާކުރެވޭނެ ޤަވައިދާހިލާފުވެފަވާތީ ދުވހަކުވެސް ކުރެވުނުބާ
ޢެޑްމުންޑޯ
25 July 2022
ތިފައިސާ ހައްގުވެރިންނަށް ލިބުނުކަން ކިހިނެއް ޔަގީންވާނި ! ބައެއްމީހުންނަށް ނުދީ އަދި މަދުންވެސް ދީފައި ހުރެދާނެ ! ޜިޕޯޓް ތައްޔާރުކުރާ މީހާގެ އެކައުންޓަށް ފައިސާ ޖަމާކުރީ ! ޢޭނާ ފޮނުވާ ރިޕޯޓެއްގައި ތެދު ދޮގު ވަކިކުރާކަށް ނޭގޭނެ !
ކަކުނިބޯ
26 July 2022
ޢެގޭނެ، ފައިސާއާއި ހަވާލުވިފަރާތުގެ ފިންގަރޕްރިންޓް ސޮއި ނަން ހުންނާނެ ރިޕޯޓްގައި
ޑަންޑަހެލު
25 July 2022
ލޮލް. އެބެހި ކަމާ ލިބުނު މީހުން ތަކެއް ނަން ޖަހާފަ ގަނޑެއް ފުރާފަ ފޮނުވާފަ އޮވެދާނެ މިނިސްޓްރީ އަށް. އަސްލު އެ ލިބެންޖެހޭ މީހުނަށް ލިބުނު ކަން މިނިސްޓްރީ އަށް އެގުނީ ކިހިނެއް. ގަޑެއްގަ ލިޔެފަ ފޮނުވާފަ އޮތީމަ؟ މަ ހަމަ ކޮސް
1206
25 July 2022
މިހާރު ނޫސް އާވާރާ ވެފަތަ؟ މިނިސްޓްރީން ބުނި ބުނުމަކުން އަދި މުޅިން ސާފެއް ނޫން، އެލް.ޖީ.އޭގެ ވާހަކަ ދޮގު ކުރެވޭ ވަރުގެ ހުއްޖަތެއް ކަމެއް. ލާރި ކޭ ކަމަށް ބެލެވޭ މީހުން ފޮނުވި ރިޕޯޓަކުން ކިހިނެތް، އެލް.ޖީ.އޭގެ ވާހަކަ މިނިސްޓްރީއަށް ދޮގު ކުރެވޭނީ. މިނިސްޓްރީ އަށް އެކަން ދޮގު ކުރެވޭނީ، ދުވާފަރު ކައުންސިލުން ޒަކާތް ބެހި ގޮތުގެ މިނިވަން އޮޑިޓެއް ހިންގުމަށް ފަހު. އެފަދަ އިޖުރާއަތެއް ހިންގިކަން ސާފު ނުވެ މިހާރު ނޫހުން ތިޔަ ބުނީ ޒިންމާދާރު ބުނުމެއް ނޫން