އަދާލަތު ޕާޓީގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓިކް ޕްލޭން ހެދުމަށް މިދިޔަ ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަދާލަތު ޕާޓީ
25 ޖުލައި 2022 - 23:54
ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ޔޯގާއަކީ ކުފުރުގެ އަމަލެއް ކަމަށާއި އެހެންވެ، އެކަން ހުއްޓުވަން އަދާލަތު ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސްކޮށްފި އެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތުގެ ދީނީ އިލްމުވެރިންގެ މަޖިލީހުން ޔޯގާއާ ގުޅޭގޮތުން މިރޭ ނެރުނު އިލްމީ ރިޕޯޓެއްގައި ބުނީ، ޔޯގާ ހެދުމާ ގުޅޭ ހުރިހާ ކަމަކަށް ބެލުމުން، އެއީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
ޔޯގާއާ ގުޅޭގޮތުން އަދާލަތުން ދިރާސާ ރިޕޯޓެއް ނެރުނުއިރު، ގަލޮޅު ދަނޑުގައި މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަނިކޮށް، އެ ތަނުގެ ތެރެއަށް ބަޔަކު ވަދެ، ހަމަނުޖެހުން ހިންގައި މީހުންނަށާއި ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ބައެއް ދީނީ އިލްމުވެރިން ވެސް ހިމެނެ އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިންގި އެ ހަމަނުޖެހުމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއިލާއި ޝެއިހު އާދަމް ނިޝާން އަދި ޝެއިހު ފަޒްލޫން މުހައްމަދު ވެސް ހައްޔަރުކުރި އެވެ.
އޭގެ ތެރެއިން ފަޒްލޫން ވަނީ ޝަރުތަކާއެކު ދޫކޮށްލައިފަ އެވެ. ނަމަވެސް އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ޔޯގާ ހެދުމުގެ މައްސަލަ ކިތަންމެ ހޫނުވި ނަމަވެސް އެކަމާ ގުޅޭގޮތުން ރާއްޖޭގެ ފަތުވާ މަޖިލީހުން އަދި އިސްލާމިކް މިނިސްޓްރީން އެއްވެސް އެއްޗެކޭ ނުބުނެ ތިބީ ހިމޭނުންނެވެ.
އަދާލަތު ޕާޓީގެ އިލްމީ ރިޕޯޓުގައި ބުނީ، ޔޯގާއަކީ ހަމައެކަނި ހަށިގަނޑުގެ ހަރަކާތްތަކާއި ވިސްނާ ފިކުރު ކުރުންތަކެއް ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮންނަ ކަމަށެވެ. އެކަމަކު، އެއާ ހިލާފަށް ޔޯގާ އަކީ އަށް އުންސުރެއްގެ މައްޗަށް އެކުލެވޭ އަދި ދުނިޔޭގެ އެދުމާ ދުރުހެލިވެ ކުރާ އަޅުކަންތަކެއްގެ މައްޗަށް އެކުލެވޭ ނިޒާމެއް ކަމަށާއި އޭގެ އަސްލު ހަގީގީ މަގްސަދާ ހަމައަށް ދިއުމަށް އެ ބައިތަކަށް ބަރާބަރަށް އަމަލުކުރަން ޖެހޭ ކަމަށް ބުންޏެވެ.
"ޔޯގާގެ ފަލްސަފީ މަސަގުދުތަކާއި ޔޯގާގެ ހަގީގަތާ ގުޅޭގޮތުންނާއި ޔޯގާގެ ބައިތަކާއި ތަފްސީލުތަކުގައި އިސްވެ ބަޔާން ކުރެވުނު ފަދައިން ޔޯގާކުރުމުގެ ތެރޭގައި ހިންދޫ ދީނުގެ ހާއްސަ ކަންތައްތަކެއް އިއުތިގާދު ކުރުމާއެކު، ޔޯގާ ހަދާއިރު ހިންދޫ ކަލާނގެ އަށް ނިސްބަތްވާ ގޮތަށް ހާއްސަ ކަލިމަތަކެއް ކިޔަން ޖެހެ އެވެ. އެކަމުގެ ތެރޭގައި ކުރާ އިއުތިގާދުތަކަށް ބަލާއިރު މީހާ މަރުވުމަށް ފަހު، ރޫހު އެހެން މަހުލޫގަކަށް ބަދަލުވާ ކަމާއި މަތިވެރި އިލާހާ އެކުވާ ކަމާއި އަދި އިރު ކަލާނގެ މަތިވެރި ކުރުން ފަދަ އެތައް އިއުތިގާދުތައް ޔޯގާގެ ތެރޭގައި ހިމެނިގެން ވެ އެވެ،" އިސްލާމްދީނުގެ ގިނަ އިލްމުވެރިންތަކެއް ހިމެނޭ އަދާލަތު ޕާޓީގެ ރިޕޯޓުގައި ވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ހުޅަނގުގެ ގައުމުތަކަށް ޔޯގާ ފެތުރި، މަޝްހޫރުވެފައި ވަނީ ސިއްހީ ގޮތުންނާއި ހަށިގަނޑުގެ ދުޅަހެޔޮކަން އަދި ނަފުސަށް ދޭ ފަރުވާއެއްގެ ގޮތުން ކަމަށް ވިޔަސް އެކަން ހުޅަނގަށް ތައާރަފުވުމުގެ އަސްލު ގުޅިފައި ވަނީ ހިންދޫ ދީނުގެ މުއައްލިމުންގެ ފަރާތުންނެވެ.
އެ މީހުންގެ މަގުސަދަކީ ހިންދޫ ދީނުގެ އަޅުކަން ފަތުރައި، ގިނަ ބަޔަކަށް ފޯރުކޮށްދިނުން ކަމަށް ވާތީ ޔޯގާ ގުޅިފައިވަނީ އެ ދީނުގެ އަގީދާއާ ކަމަށް ހުޅަނގުގެ މީހުން ވެސް އިއުތިރާފުވާ ކަމަށް އަދާލަތުން ބުނެ އެވެ.
"މި އެންމެހާ ކަންކަމަށް ބަލާއިރު މިއީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން އެނގި ސާފުވެގެން ދެ އެވެ. އަދި ދީނަކާއި ނުވަތަ އަގީދާ އަކާ ގުޅުމެއް ނެތޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ،" އަދާލަތު ޕާޓީގެ އިލްމީ ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.
އިސްލާމީ އިލްމުވެރިންގެ ރައުޔުތަކަށް ރިއާޔަތްކޮށް، އަދާލަތު ޕާޓީން ބުނީ ގިނަ އިލްމުވެރިން މުޅި ޔޯގާ އެއްކޮށް ހަރާމް ކުރައްވާ ކަމަށެވެ. އެ ރައުޔަށް ފަތުވާ ދެއްވާފައިވާ އިލްމުވެރިންގެ ތެރޭގައި މިސްރުގެ ދާރުލްއިފްތާ އާއި މެލޭޝިޔާގެ ފިގުހު ކޮމިޓީ އާއި ޝައިހު ޑރ. ޔޫސުފް އަލްގަރްޒާވީ އާއި ޝައިހު ޑރ. އަލީ ޖުމްއާ، ޝައިހު މުހައްމަދު ސޯލިހު އަލްމުނައްޖިދު އަދި ޝައިހު ޑރ. އަބްދުﷲ އަލްފަގީހު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ރިޕޯޓުގައި ވެ އެވެ.
ނަމަވެސް ހުޅަނގުގެ ގައުމުތަކުގައި ޔޯގާގެ މަފްހޫމް މަޝްހޫރުވެފައިވާ ގޮތަށް ބަލައި އަނެއް ބައި އިލްމުވެރިން މުޅި ޔޯގާ އެއްކޮށް ހުއްދަ ކުރައްވާ ކަމަށް ވެސް ބުންޏެވެ.
އެ ހިސާބުގައި ޔޯގާ މަޝްހޫރުވެފައިވަނީ ކަސްރަތެއް ނުވަތަ ކުޅިވަރެއްގެ ގޮތުގަ އެވެ.
ޔޯގާ ހަދާ ގޮތުގެ މައްޗަށް ބިނާކޮށް، އަނެއް ބައި އިލްމުވެރިން ހުކުމް ކަނޑައަޅާއިރު، ޔޯގާގެ ތެރޭގައި ހިމެނޭ އިސްލާމީ ޝަރީއަތާ ހިލާފު ނުވާ ހަރަކާތްތަކާއި ކަންތައްތައް ހުއްދަ ކުރައްވާ ކަމަށް އަދާލަތު ޕާޓީން ބުންޏެވެ. އޭގެ އިތުރުން ޝަރީއަތާ ހިލާފުވާ ކަންތައްތައް މަނާކުރާއިރު، ގައިދު ނުވަތަ ޝަރުރުތަކާއެކު ޔޯގާގެ ނަމުގައި ކުރެވިދާނެ ކަމަށް ވެސް އޭގެ ތެރެއިން ބައެއް އިލްމުވެރިން ވިދާޅުވާ ކަމަށް އެ ޕާޓީން ބުންޏެވެ.
Karudhaas: Islaamee fiqhuveringe meezaanugai Yogahttps://t.co/wFvTve8vO8 pic.twitter.com/gowjmqdZsB
— Adhaalath Party (@AdhaalathOffice) July 25, 2022
"ހިންދޫ ދީނުގެ ޔޯގާގައި ހިމެނޭ ހަރަކާތްތަކާއި ހުއްޓުންތަކުގެ ތަރުތީބު ބަދަލު ކުރުމާއި ހިންދޫ ދީނުގެ ޔޯގާގައި ނުހިމެނޭ ބައެއް ހަރަކާތްތައް އިތުރު ކުރުމެވެ. އެއީ އެހެން ދީނެއްގެ އަޅުކަމަކާއި ވައްތަރު ނުވުމަށްޓަކަ އެވެ. ހިންދޫ ދީނުގައި ޔޯގާ ހެދުމަށް ކަނޑައަޅާފައިވާ ހާއްސަ ވަގުތުތައް (މިސާލަކަށް އިރު އަރާ ވަގުތު ފަދަ ވަގުތުތައް) ފިޔަވައި އެހެން ވަގުތެއްގައި އެކަން ކުރުމެވެ،" ޔޯގާއާ ގުޅޭ ގޮތުން އަދާލަތު ޕާޓީން ނެރުނު ތަފުސީލީ ރިޕޯޓުގައި ވެ އެވެ.
"އެހެނަސް މި ރައުޔަށް ބަލާއިރު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ރައުޔުގައި ބަޔާން ކުރާ ގައިދުތަކާއި ޝަރުތުތައް ގެންނަ ނަމަ ޔޯގާގެ އަސްލު ބަދަލުވެގެންދާނޭ ކަމެވެ. އޭރުން އެއީ ޔޯގާއޭ ކީ ކަމުގައި ވިޔަސް ހަގީގީ ޔޯގާއަކަށް ނުވެ އެވެ. އަދި އެ ހަރަތާތްތަކަށް ޔޯގާގެ ނަން ދިނުމުގެ ބޭނުމެއް ވެސް ނެތެވެ."
ޔޯގާގެ ހަރަކާތްތަކާއި އަމަލުތަކުގެ ތެރޭގައި އިސްލާމީ އަގީދާއާ ފުށުއަރާ އަދި ކަނޑައެޅިގެން ޝިރުކުގެ އަމަލު ހިމެނޭ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ބުނެ އެވެ. އެއީ ޔޯގާ ހަދާއިރު އިރުގެ ނަންތައް ކިއުމާއި އިރަށް ތައުޒީމުކޮށް، ކުރުނީސްކުރުން އަދި މާތް ﷲ ފިޔަވައި އެހެން ފަރާތެއް އަޅުކަން ކުރުމުގައި ބައިވެރި ކުރުމެވެ.
"އެއްވެސް ޝައްކެއް ނެތް ގޮތުގައި މާތްﷲ އާ އެހެން މަހުލޫގަކާ ބައިވެރިކުރުން ނުވަތަ އެއްފަދަ ކުރުމަކީ ޝިރުކުގެ އަމަލެކެވެ. އަދި ބާތިލް ކަލާނގެއެއް މަތިވެރި ކުރުމަކީ ޝިރުކުގެ ތެރެއިންވާ ކަމެކެވެ. އަދި އިރަށް ބޯލަނބައި މާތްﷲ އަށް ދޭ ގަދަރު ދިނުމަކީ ވެސް ޝިރުކެވެ. މި ހުރިހާ ކަމެއް ޔޯގާގެ ތެރޭގައި ހިމެނިގެން ވެ އެވެ،" ރިޕޯޓުގައި ބުންޏެވެ.
އަދާލަތު ޕާޓީން ބުނިގޮތުގައި، ބަވަނަވެފައިވާ މި ދުނިޔޭގައި އެކި ދީންތަކާއި ގައުމުތަކުގެ ސަގާފަތްތައް އެއް ގައުމުން އަނެއް ގައުމަށް އަންނަމުން ދިޔަ ކަމުގައި ވިޔަސް 100 ޕަސެންޓް މުސްލިމު ގައުމަކަށް އަންނަ އާދަކާދައާ ސަގާފަތްތަކަކީ އިސްލާމްދީނާ ފުށުއަރާ ކަމެއްކަމުގައި ވިޔަ ދީގެން ނުވާނެ އެވެ.
އެފަދަ ކަންކަމަށް މަގުފަހިވެދާނެ އެންމެހައި ކަންކަމަށް ވެސް މުސްލިމުން ސަމާލުވެ ދުރުހެލިވާން ޖެހޭއިރު، ރާއްޖޭގައި މިފަދަ ކަމެއް ފެތުރި އާއްމުވެ ނުދިއުމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށް ވެސް ބުންޏެވެ. އެހެންވެ، އެ ކަންކަމަށް ސަމާލުވެ، އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓައި ދެމެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކަށާއި ދިވެހިންނަށް އަދާލަތު ޕާޓީން އިލްތިމާސްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
27 July 2022
ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި މި ބައިމީހުން ހިމެނުމަކީ އެންމެބޮޑު ގޯސް. މިވެރިންނަކީ ދީނީ ޓެގުއަޅައިގެން މުޖުތަމައު ފަސާދަކޮށް ފިތުނަ އުފައްދާބައެއް.
ާކޮސް މުކޮސް
27 July 2022
ދީން ބާވާލެއްވީ މިއަދުތަ؟ ޔޯގާ ހަދަން ދުނިޔޭގަ ފެށީ މިއަހަރުތަ؟ ކިހިނެއްވެގޭއުޅޭ ބުރާންތިންތަކެއްތަ މިއުޅެނީ؟
ހުސް ޙަރާމް
26 July 2022
ލަވަޔާ މިއުޒިކް ވެސް ހަރާމް ނޫންތޯ؟ ރައީސަށް ދަންނަވައިގެން އެކަންވެސް ހުއްޓާލަދެއްވަބައްލަވާ.
ސުވާސާގަނށި
26 July 2022
އަސްލު އެކަން ކުފުރަކަށްވާނީ ބުދަށް އަޅުކަން ކުރުމުގެ ނިޔަތެއް އޮވެ ހިންދޫ ދީނުގެ މީހުން ކިޔާ އެއްޗެހި ކިޔައިގެން އެކަން ކުރީމަދޯ ދެން މީހަކު ކަސްރަތެއްގެ ގޮތުގައި ކުރާހަރަކާތްތަކަކުން ކުފުރުވާނެ ގޮތެއް އަހަރެންނަކަށް ނުވިސްނޭ
އިމްރާ
26 July 2022
އަދާލަތު ޕާޓީ އަކީ ކުފުރެއް ނޫން ބާ؟
ޔޯގާ
26 July 2022
ކޮބައިތޯ ސްޓާ ޕްލަސް އިން އަންނަ ސިލްސިލާ ޑްރާމާތައް. ޢެއީ ވެސް ކުފުރެއްނޫންތޯ؟
ހގގ
26 July 2022
ޢަދާލަތުޕާޓީ ސިޔާސީކުޅިވަރުގެތެރެއަށްނުވަދެ. ޢިލްމުވެރިންގެ ދައުރުކުޅޭ ޢިލްމުވެރި ބައެއްގެގޮތުގައިތިބެ ތިވާހަކަ ދެއްކިނަމަ ޤަބޫލުކުރެވިއްޖައީހެވެ. ތިކަން ރަނގަޅުކުރަނީކީ ނޫނެވެ. އެކަމަކު މަހަކާއި ގާތްވާންދެން އެއްްޗެކޭ ނުބުނެއޮވެފަ، ޕާޓީގެ ރައީސް ދެއަތަށްކެނޑޭ ޓުވީޓުތަކެއްކޮށްފައި، ތިގޮތަށް ތިކަން އިޢުލާނުކުރުމަކީ ސުވާލުއުފެދޭ ކަމެއްކަމުގައި ބެލެވެއެވެ. ދައުލަތުގެ ޢިލްމުވެރިންގެ މަޖިލީހުން ގޮތެއް ނުނިންމިގެންއުޅެނީ ކީއްވެގެންބާވައެވެ؟
ރަދުން
26 July 2022
ވެރިކަން ވެއްޓިދާނެހެންހީވީމަ އިމްރާނު އިށީންނާނެ އެހެން ގަލެއްހޯދުމަށް ދައްކާވާހަކަ. މިހާރު އަދާލަތުޕާޓީ މަތިން ފޫހިވެއްޖެ.
ސިޔާސީ ނުވުން
26 July 2022
ޔޯގާ އަކީ ކޮންމެހެން ދިރުވާ އާލާކުރަން ޖެހޭ ކަމެއް ނޫން. އެކަމަކު އެއީ ކުފުރެކޭ ބުނުމަކީވެސް ބޮޑުވަރު. ކުރާ ކޮންމެ ކަމަކަށް އެފަދަ ލޭބަލް ޖަހައިގެން ގިނަބަޔަކު ނުބައި ކަމުގެ ގޮޅިއަކަށް ފައްތާލުމަކީ ދީނުގެ އަމާޒެއްނޫން. ދީނުގެ ބޭނުމަކީ ގިނަބަޔަކަށް އުއްމީދު ދިނުން. ގިނަބައަކަށް އުފާވެރިކަން ދިނުން. ސުވަރުގެ ދެވޭނެ މަގު ގިނަބަޔަކަށް ދައްކުވައި ދިނުން. ކަންކަމަށް ލޭބަލްޖެހުން ވަރަށް ފަސޭހަވާނެ. އޭގެ ނުރައްކާވެސް އެހާ ބޮޑުވާނެ.
ހެލޯ
26 July 2022
ކަށުނަމާދު