26 ޖުލައި 2022 - 15:48
އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން، ހުޅަނގުގެ ގައުމުތަކާއި އީރާނާ ދެމެދު އެއްބަސްވުމެއް ގާއިމުނުކޮށް، އީރާންގެ ނިއުކްލިއާ އެކުވެނިތަކުގައި، އެޓޮމިކް ހަކަތައާ ބެހޭ އދ.ގެ އިދާރާ އިން ހަރުކޮށްފައިވާ ކެމެރާތައް ހުޅުވިޔަ ނުދޭނެ ކަމަށް އީރާނުން އިއްޔެ ބުނެފި އެވެ.
އދ.ގެ އިދާރާ އިން އީރާންގެ ނިއުކްލިއާ އެކުވެނީގައި، ފާރަލާ ކެމެރާތައް ހަރުކުރީ، އެމެރިކާ އާއި ވިލާތުގެ ބައެއް ގައުމުތަކުން އީރާނާއެކު 2015 ވަނަ އަހަރު ސޮއިކުރި، ނިއުކްލިއާ މުއާހަދާގެ ދަށުންނެވެ. ނަމަވެސް 2018 ވަނަ އަހަރު އެމެރިކާ އަމިއްލަ އަށް އެ މުއާހަދާ އިން ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުން، އީރާނުން ވަނީ ނިއުކްލިއާ މަޝްރޫއުގެ ދަށުން ޔޫރޭނިއަމް ފައްކާކުރުމުގެ މަސައްކަތް ހަލުވިކޮށްފަ އެވެ.
އެ މުއާހަދާގައިވާ ގޮތުގެ މަތިން، އީރާނުގެ ނިއުކްލިއާ އެކުވެނިތަކުގައި ކެމެރާތައް ހަރުކޮށް ފާރަލައި ބެލުމުގެ ފުރުސަތު، އެޓޮމިކް ހަކަތައާ ބެހޭ އދ.ގެ އިދާރާ އަށް، އީރާނުން ފަހިކޮށްދޭންޖެހޭނެ އެވެ. އޭގެ ބަދަލުގައި، ހުޅަނގުގެ ގައުމުތަކުން އީރާނަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ލުއިތަކެއް ދޭންޖެހޭނެ އެވެ.
ނަމަވެސް 2018 ވަނަ އަހަރު އެ މުއާހަދާ އިން އެމެރިކާ ވަކިވުމާ ގުޅިގެން، އީރާނުން ވަނީ ނިއުކްލިއާ އެކުވެނިތައް ބަލައި ފާރަލުމުގެ ފުރުސަތު ދިނުން ހުއްޓާލައިފަ އެވެ. އަދި އެމެރިކާ އިން ވަނީ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އީރާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޖޯ ބައިޑެން ނިންމެވީ، އީރާންގެ ނިއުކްލިއާގައި އަލުން އެމެރިކާ ބައިވެރިވުމަށެވެ. އެކަމާ ބެހޭ ގޮތުން މިއަހަރުގެ ކުރީކޮޅުން ފެށިގެން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކުގައި ކުރަމުން އަންނަ މަޝްވަރާތައް އަދި ކޮޅެއްގައި ނުޖެހެ އެވެ.
އީރާނުން ބުނާ ގޮތުގައި ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށޭނީ، 2018 ވަނަ އަހަރު އެމެރިކާ އެ މުއާހަދާ އިން ވަކިވުމަށް ފަހު، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް ފަހުގަ އެވެ. ނަމަވެސް އެމެރިކާ އިން ބޮޑަށް ބާރުއަޅަމުން ގެންދަނީ، ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްވެސް ލުޔެއް ނުދީ، އެ މުއާހަދާ އަށް އަމަލުކުރުމަށް އީރާނަށް މަޖުބޫރު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތުރުސް
27 July 2022
އީރާނުން ދީފާނެ ހަމަލާތަކަށް އެމަރިކާގެ ސިފައިން ބިރުގަންނަ މިންވަރު އަންދާޒާ ކުރަންވެސްދަތި އެމަރިކާގެ ބައެއް ބޭސްތަކާއި ހަވާލުވެގެންއުޅޭ ޖެނަރަލުންނަށް އިނގޭ ޑައިރެކްޓް ހަނގުރާމައެއް ހިނގައިފިއްޔާ އެމީހުންވެސް މަރުވެދާނެކަން ބެލެސްޓިކް މިސައިލުއަޅައި އަނދާ އަޅިއަށްހަދާލުމުގެ ބާރު އީރާން އަތުގައި އެބަހުރި
ޙާމަނާއީ
27 July 2022
އެމެރިކާ ކިތަންމެ ވަރަކަށް ގޮތްދޫނުކުރިކަމުގައިވިޔަސް ފަހަތައްޖެހެން ޖެހޭނީ ޔުރޭނިއަމް މުއްސަނދިކުރުން މެކުހައް ޖައްސާލައިގެން އީރާނުންއުޅެނީ ކިހިނެށް ހުއްޓުވާނީ؟؟؟ އަސްކަރީ ހަމަލާއެއް އީރާނައް ދީފިއްޔާ މެދުއިރުމަތިން އެމަރިކާ މަރުވާނެ ވަރުގެ ނުލަފާ ހަމަލާތައް އީރާނުން ދޭނެކަމީ ޝައްކެއްނެތްކަމެއް އެމަރިކާގެ ސަންދޯކު ދުނިޔޭގެ އެންމެނަށް ފެނިގެންދާނެ
ބީރުބޮލު ވަޒީރު.
26 July 2022
ސާބަހޭ އީރާން. ފުކެއްވެސް ދޫނުކުރާތި. ތިއައީ މުސްލިމުންގެ ބަސްމަގު ހުންނަންޖެހޭ ގޮތް.
ޝަކްތީ
27 July 2022
ބަލަގަ އެއީ %90 ޝިއައީން
ބީރުބޮލު ވަޒީރު.
27 July 2022
ޝީޢީން ވެސް އެއީ މުސްލިމުން. ސިކުނޑި ފޮޅާ ސާފުކޮށް ބަލަ.