ޚިޔާލު

މައުމޫންގެ ލިޔުއްވުމެއް، "އިސްލާމްދީނާއި މިނިވަންކަން"

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ޖުމްހޫރީ މައިދާނުގައި އިއްޔެ ނެގި ދިވެހި ގައުމީ ދިދަ ވިހުރުވޭއިރު އެ ސަރަހައްދުގައި ކޮތަރުތައް މިނިވަންކަމާއެކު އުދުހެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މައުމޫން އަބްދުލްގައްޔޫމް

27 ޖުލައި 2022 - 12:03

8 comments

މިނިވަންކަމަކީ، މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިއުމަތެކެވެ. އޭގެ ތެރޭގައި ފަރުދީ މިނިވަންކަމާއި ގައުމުތަކުގެ މިނިވަންކަން ހިމެނެ އެވެ.

އިސްލާމްދީނުގެ ނަޒަރުގައި އެއްވެސް މިނިވަންކަމަކީ، ހުދޫދެއް ނެތް މިނިވަންކަމެއް ނޫނެވެ. ފަރުދުންގެ މިނިވަންކަން ވެސް ބޭނުން ކުރަން ޖެހޭނީ، އެ ކަމަށް ޝަރުއުގައި ކަނޑައަޅުއްވާފައިވާ ހުދޫދުގެ ތެރޭގަ އެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީސްތަކުންނަށް މުއާމަލާތު ކުރުމާއި މުދަލުގައި ތަސައްރަފު ކުރުމާއި މި ހުރިހާ ކަމެއް ވެސް ކުރަން ޖެހޭނީ ދީނުގައި ހުއްދަ ކުރައްވާފައިވާ ދާއިރާގެ ތެރޭގަ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ދޮގު ވާހަކަ ފެތުރުމާއި މީސްމީހުންގެ ބޮލުގައި ނުހައްގު އިލްޒާމްތައް އެޅުވުމާއި މީހުންގެ އަބުރާ ބެހުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމެވެ. އެކިއެކި މުއާމަލާތު ހިންގުމުގައި ނުވަތަ މުދަލުގެ ތަސައްރަފުތަކުގައި މަކަރު ހެދުމާއި ވައުދާ ހިލާފުވުމާއި އޮޅުވާލުމާއި އަނެކުންގެ ހައްގުތަކަށް އަރައިގަތުމަކީ ވެސް އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމެވެ. މިނިވަންކަމުގެ ނަމުގައި ނަމަވެސް މިއިން ކަމެއް ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ނޫނެވެ.

އިސްލާމްދީނުގެ ނަޒަރުގައި އިސްލާމީ އުންމަތް ވާން ޖެހޭނީ މިނިވަން އުންމަތަކަށެވެ. އަދި ކޮންމެ އިސްލާމީ ޖަމާއަތެއް ވެސް ވާން ޖެހޭނީ އެހެން ދީންތަކުގެ ނުފޫޒުން ރައްކާތެރި ކުރެވިފައިވާ ޖަމާއަތަކަށެވެ. އެހެނީ މާތް ﷲ ޝަރުއު ކުރައްވާފައިވާ ގޮތުގެ މަތިން އިސްލާމްދީނުގެ އަގީދާތައް ރައްކާތެރިކޮށް، އިސްލާމީ ހުކުމްތައް ގާއިމް ކުރެވޭނީ މިނިވަންކަން ލިބިގެންވާ ބަޔަކަށެވެ. އެހެން ބައެއްގެ އަޅުވެތިކަމުގައި ތިބޭ ބަޔަކަށް، މިނިވަންކަމާއެކު އިސްލާމްދީނުގެ ފަރުޟުތައް އަދާކޮށް، މިނިވަންކަމާއެކު އިސްލާމްދީނުގެ ހުކުމްތައް ތަންފީޒެއް ނުކުރެވޭނެ އެވެ.

ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އެކަލޭގެފާނުގެ އުފަން ވަޒަން ކަމުގައިވާ މައްކާ ދޫކުރައްވައި މަދީނާ އަށް ހިޖުރަ ކުރެއްވީ ވެސް، މި ސަބަބަށްޓަކަ އެވެ. މައްކާގެ މުޝްރިކުންގެ ދުއްތުރާތައް ހުރި ގޮތުން އެކަލޭގެފާނަށް ރައްކާތެރިކަމާއެކު މުސްލިމުންނާއެކު އިމާމުވެވަޑައިގެން ނަމާދު ކުރެއްވުމާއި ދީނުގެ އެހެނިހެން ކަންތައްތައް ކުރެއްވުމަށް ވަރަށް ބޮޑަށް ދަތިފުޅު ވެގެންނެވެ. އެހެންކަމުން މާތް ﷲ ގެ އިޒުނަފުޅާއެކު އެކަލޭގެފާނު މަދީނާ އަށް ހިޖުރަކުރައްވައި މަދީނާގައި މިނިވަން އިސްލާމީ އުންމަތެއްގެ ބިންގާ އެޅުއްވި އެވެ. މިނިވަން އިސްލާމީ އުންމަތުގެ ފެށުމަކީ އެއީ އެވެ.

އެހެން ބައެއްގެ އަޅުވެތިކަމުގައި ތިބޭ ބަޔަކަށް، މިނިވަންކަމާއެކު އިސްލާމްދީނުގެ ފަރުޟުތައް އަދާކޮށް، މިނިވަންކަމާއެކު އިސްލާމްދީނުގެ ހުކުމްތައް ތަންފީޒެއް ނުކުރެވޭނެ އެވެ.

ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ އަސްހާބުންނާއި އޭގެ ފަހުގެ ޖީލުތަކުގެ ބުރަ މަސައްކަތުން އިސްލާމީ އުންމަތް އެތައް ގުނައަކަށް ބޮޑުވެ، އިއްޒަތާއި ގަދަރު ލިބިގެންވާ އުންމަތަކަށް ބަދަލުވެގެން ދިޔައީ އެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ ތާރީހަށް ބަލާލާއިރު ވެސް ފެންނަން އޮތީ މާތް ވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާ ދެމެދު އޮތް ވަރުގަދަ ގުޅުމެވެ. ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިން ރާއްޖޭގެ މިނިވަންކަން ރާއްޖެ އަށް އަނބުރާ ހޯއްދަވައި ދެއްވީ، ދިވެހިންގެ އިސްލާމީ އަގީދާ ރައްކާތެރި ކޮށްދެއްވުމަށް ކުރެއްވި އަގު ބޮޑު މަސައްކަތްތަކާއި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީތަކުގެ ތެރެއިންނެވެ. އެހެންކަމުން ރާއްޖޭގެ ގައުމީ މިނިވަންކަން ކުރިމަގުގައި ވެސް ދެމެހެއްޓޭނީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމިއޮވެގެންކަން ކަށަވަރެވެ.

މާތް ﷲ ދިވެހިންގެ އިސްލާމީ އަގީދާ ރައްކާތެރިކޮށްދެއްވާށި އެވެ! ދިވެހިރާއްޖެއަކީ، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އަބަދުވެސް ލަހައްޓަވާށި އެވެ! އަދި ރާއްޖޭގެ ފުރިހަމަ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަވާށި އެވެ! އާމީން.

8 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮއި

26 March 2023

ޑިމޮކްރަސީއޭ ކިޔައިގެން ނުކުމެ އުޅުނީ ވަކަރުކޭސޮރުން ކަމަށްވީމަ ވީގޮތެއް އިޖްތޮމާޢީ ފޭރާން ވީދުމަކީ އެސޮރުމެނަށް ހީވީ މިނިވަން ކަމަކީ އަނެކެއްގެ ހައްގަޑް އަރައި ގަނެގެން ވެސް ޔިމާގެ އެދުންތައް ފުއްދުން ކަމަށް.

The name is already taken The name is available. Register?

ފަތްތޫރަ

27 July 2022

އަފްގާނިސްތާނުގަ ވެސް އޮންނަނީ އިސްލާމް ދީން މެލޭސިއާގަވެސް އިސްލާމްދީން އަދި އިރާނުގަވެސް އިސްލާމްދީން އެގޮތުން މައުމޫންގެ ވެރިކަމުގަ ރާއްޖޭގަ ގެންގުޅު އުސޫލްތައް ވަރަށް ކަމުދޭ

The name is already taken The name is available. Register?

1206

28 July 2022

އިސްލާމް ދީން ބާވައިލެއްވީ މައުމޫނު އަށް ތަ؟ ދީނަކީ ހޮވާކާން އޮތް އެއްޗެއްް ނޫން؟ ބޭނުންވީމާ އެ ތަނުން ފުކެއް މި ތަނުން ފުކެއް ތުނބުން ކޮށަކޮށައިގެން ކާކަށް އޮތް އެއްޗެއް ނޫން އެޔަކީ؟ މި ދީނުގެ ޒައްރެއްގެ މިންވަރުވެސް ޒަމާނަށް ނުފެތޭ ކަމަށް ދައުވާކޮށް އެ ގޮތް ގަބޫލުކޮށް ފަތުރައިފި މީހާ އެހުރީ އިސްލާމްދީނުގެ އިމުން ބޭރުވެ މުރުތައްދު ވެފައި. އެ މީހާއަށް ތައުބާ ލައިދީ ތައުބާ ނުވި ނަމަ އޮތީ ގަތުލު ކުރުން، އިސްލާމީ ގައުމެއްގެ ޢަދުލުގެ ނިޒާމަށް ލާޒިމް.

The name is already taken The name is available. Register?

އުދުހޭ

27 July 2022

ދޮގުވާހަކައަށް އިސްލާމްދީނުގައި ހައްދެއް ކަނޑައަޅުއްވާފައިވޭތޯ؟ ނުވާނަމަ އިސްލާމީ ގައުމެއްގެ ސަރުކާރަކުން އެކަމަށް އަދަބެއް ކަނޑައެޅުމަކީ ކޮންކަހަލަ ކަމެއްތޯ؟

The name is already taken The name is available. Register?

ނަންނެއްގޮލާ

27 July 2022

ވަރައް ސަޅި.

The name is already taken The name is available. Register?

އޭރާއިމިހާރު

27 July 2022

ވަރަށް ފުރިހަމަ ލިޔުމެއް. އެމަނިކުފާނުގެ ގިނަ ކަންކަން ރަނގަޅު. ސިޔާސަތު ހަރަދުނާ. އާއިލާގެ ނުފޫޒުން ސަލާމަތް ނުވެވުނީ. އެ 30 އަހަރުގެ ވެރިކަމަށް ފަހު، ދިވެހިން ޑިމޮކްރަސީ ގެނައި އިރު، އިޖުތިމާއީ ފޭރާން ވަނީ ވީދިފައި. އަޚްލާޤީ މިންގަނޑު ގެއްލިފައި. ދޭދޭ ފަރުދުންގެ ކަރާމާތާއި އަދިވެސް އެފަދަ އެތައް ކަމެއް ވަނީ ގެއްލިފައި. ސުވާލަކީ، ޑިމޮކްރަސީ ގެންނަން ވީ ޤުރުބާނީ އާއި ބީވެގެން ދިޔަ އިޖުތިމާއީ ސުލްހަމަސަލަސްކަން...މިއަދުގެ ޑިމޮކްރަސީ؟

The name is already taken The name is available. Register?

ވޮޗްޑޯގް

27 July 2022

ކޮންމެ މިނިވަން ދުވަހަކާއި ރޯދައާއި އިދު ދުވަހާ ދިމާކޮށް މައުމޫނު ޅެމެއް ހަދައި ލަވަކިޔައި ޓީވީއެމްއިން ގެނެސްދޭ.. ވަރަށް ކެޗީ ލަވަތައް ގައުމީ އަދި ދީނީ ފޯރިގެނުވާ ލަވަތައް.. މައުމޫނު މިކަމާ އުޅެބަލަ.. މިހާރު އާ ރަނގަޅު ލަވައެއް ޓީވީއެމްއިން އަޑެއް ނީވޭ.

The name is already taken The name is available. Register?

އޮނަރަބަލް މުޙައްމަދުބެ

27 July 2022

މައުމޫނު ދައުރަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެފާ ދައުރެއްނަމަވެސް ޢާއްމުކޮށް ރައްޔިތުން އުފަލުގާ ހާސްކަމެއްނެތި ބަސްއަހައިގެން އެކުވެރިކަމާއެކު އުޅުނު ދުވަސްވަރެއް. އަނެއްކާވެސް ޒައީމަށް 5 އަހަރުދެމާ. އޭރުން އޭރުން އޮންނަނީ 5 އަހަރުގެ އެކުވެރިކަމާ އުފާވެރިކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454