ލަންކާގެ ހަމްބަންޓޯޓާ ބަނދަރު: ޗައިނާއަށް 99 އަހަރަށް ޗައިނާ އަށް ދީފައިވާ މި ބަނދަރަށް ޗައިނާގެ އަސްކަރީ ބޯޓެއް އަންނާތީ އިންޑިއާ އިން ވަނީ ޝަކުވާކޮށްފައި. --ފޮޓޯ:އޭއެފްޕީ
31 ޖުލައި 2022 - 10:58
ޗައިނާ އަސްކަރިއްޔާ އިން ރިސާޗްކުރުމާއި ސާވޭގެ ބޭނުމަށް ގެންގުޅޭ މަނަވަރެއް ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ވަންނަން އުޅޭތީ އެކަމާ އިންޑިއާ އިން ޝަކުވާކުރަން ފަށައިފި އެވެ.
އިންޑިއާ އިން ދެކޭ ގޮތުގައި ޗައިނާގެ އެހީގައި 1.5 ބިލިއަން ޑޮލަރު ހޭދަކޮށްގެން، އިންޑިއާ ކައިރީގައި ހަދާފައިވާ ހަމްބަންޓޯޓާ ބަނދަރަކީ ޗައިނާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފާނެ އެވެ. މިއީ އޭޝިއާ އިން ޔޫރަޕަށް އާންމުކޮށް ދަތުރުކުރާ މަގާ ކައިރީގައި އޮންނަ ތަނެކެވެ.
އިންޑިއާގެ ޝަކުވާއާ ގުޅިގެން ޗައިނާ އިން ބުނީ އެ ގައުމުގެ މަނަވަރު "ޔުއާން ވަންގް 5" އިން ކުރަނީ ހުއްދަ އޮތް، ނުރަނގަޅު ނިޔަތެއް ނެތް މަސައްކަތްތަކެއް ކަމަށާއި އެހެންވެ މި ދަތުރަށް އެއްވެސް ބަޔަކު ހުރަސް ނާޅާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ މަނަވަރުގެ ހަރަކާތްތައް ބަލަމުން އަންނަ ކަމަށާއި އިންޑިއާ އިން އެ ގައުމުގެ ސަލާމަތީ އަދި އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރާނެ ކަމަށެވެ. ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި މި ދަތުރާ ދެކޮޅު ހަދައި އިންޑިއާ އިން މިހާރު ވެސް ވަނީ ލަންކާ ސަރުކާރަށް ޝަކުވާ ހުށަހަޅައިފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ރޮއިޓާސް އަށް ބުނީ ވަކި ގައުމެއްގެ އިހްތިސާސް ނުހިނގާ، ހައި ސީސްގައި ލިބިދޭ މިނިވަންކަމުގެ ހައްގު ޗައިނާ އިން އަބަދުވެސް ބޭނުންކުރަނީ ގާނޫނީ ހަމަތަކުގެމަތިން ކަމަށެވެ.
"ޗައިނާ އިން އުންމީދުކުރަނީ މެރިޓައިމް އަދި ސައިންޓިފިކް ރިސާޗްގެ ބޭނުމަށް ކުރާ މި ދަތުރާ ގުޅޭ ގޮތުން، ކަމާ ގުޅުން ހުރި ފަރާތްތަަކުން ރަނގަޅު މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް. އަދި މަނާ ކަމެއް އެކުލެވިފައި ނުވާ މި މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސް ނާޅާނެ ކަމަށް އުންމީދުކުރަން،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ލަންކާގެ ކޮންސަލްޓިން ފާމެއް ކަމަށްވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ސްރީ ލަންކާ އިން އެތަނުގެ ވެބްސައިޓުގައި ބުނެފައި ވަނީ "ޔުއާން ވަންގް 5" ހަމްބަންޓޯޓާ ބަނދަރުގައި ހަފްތާއެއްހާ ދުވަހު އޮންނާނެ ކަމަށެވެ. އަދި މި މަނަވަރުން ސްޕޭސް ޓްރެކިން، ސެޓެލައިޓް ކޮންޓްރޯލް އަދި ރިސާޗް ޓްރެކިންގެ މަސައްކަތް އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޯގަސްޓް އަދި ސެޕްޓެމްބަރު މަހު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ކަނޑުދަތުރުތަކުގެ މައުލޫމާތު ހާމަކުރާ ރެފިނިޓިވް އެއިކޮން އިން ދައްކާ ގޮތުގައި ޗައިނާގެ މަނަވަރު މިހާރު ދަތުރުކުރަމުން އަންނަނީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށެވެ. އެ އުޅަނދު ބަނދަރުކުރާނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ މަހުގެ 11 ގަ އެވެ. މި މަނަވަރު މި އަންނަނީ މިދިޔަ 70 އަހަރު ތެރޭ ވެސް ލަންކާ އަށް ކުރިމަތިވެފައި ނުވާ ވަރުގެ އިގްތިސާދީ ހީނަރުކަމެއް ކުރިމަތިވެފައި އޮއްވަ އެވެ. ޗައިނާގެ ލޯނު އެހީގައި ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ލަންކާ ހާލުގައި ޖެހުމުން އިންޑިއާ އިން މި އަހަރު އެކަނި ވެސް ވަނީ ހަތަރު ބިލިއަން ޑޮލަރުގެ އެހީ ދީފަ އެވެ.
މަނަވަރު އަންނަ ހަމްބަންޓޯޓާ ބަނދަރަކީ ވެސް އެތަން ހަދަން ޗައިނާ އިން ނެގި ލޯނު ދެއްކޭ ގޮތް ނުވެެގެން، އެތަން ހެދި ޗައިނާގެ ކުންފުންޏަށް 2017 ވަނަ އަހަރު 99 އަހަރަށް ލަންކާ އިން ކުއްޔަށް ދީފައިވާ ތަނެކެވެ. ލަންކާ އިން 2014 ވަނަ އަހަރު ވަނީ ޗައިނާގެ ސަބްމެރިންއަކާއި މަނަވަރެއް މި ބަނދަރުގައި ޑޮކް ކުރުމަށް ވެސް ހުއްދަ ދީފަ އެވެ. -- ރޮއިޓާސް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
01 August 2022
އިންޑިޔާގެ ފުރަތަމަ ވާޖިބަކީ އިންޑިޔާގެ މީހުނަށް ކާންދިނުން. ގިނަ އިންޑިޔާ މީހުން ތިބެނީ ބަނޑަށް. ދެވަނަ ވާޖިބަކީ ގަލޯހަޖާ ކޮށް، ހިނައިތާހިރުވުމަށް، ކޮންމެ ރައްޔިތަކަށް ވެސް ގިފިލިގަނޑެއް ނަމަވެސް އަޅައިދިނުން. ގިނަ އިންޑިޔާ މީހުން މިހާރު ގަލޯހާޖާކުރަނީ މަގުމައްޗަށް. ގިފިލި އެޅުމަށްފަހު، ހަވަޔަށް، ފަޒާއަށް ރޮކެޓު އެރުވުން އޯކޭ. ބަނޑުފުރާނަ މުއްތިކުރެވުނީމަ ޗައިނާގެ މަނަވަރު ކޮބައިތޯ ބަލާ. މޮޑީއަށް ސަލާން.
ރަދީފްއޮފިޝަލް
31 July 2022
ހަންބަންޓޯޓާ ގެ ބަނދަރަށް ޗައިނާގެ މަނަވަރުތައް އަޔަސް ލަންކާއަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ. ލޯން ނުދެއްކުނީމަ 99 އަހަރަށް ޗައިނާޔަށް ނަގާފައޮތްތަނެއް. އެފްރިކާގެ ބައެއް ގައުމުތައްވެސް އެތިބީ އެބޮނޑި ބޮއިގެން. ދިވެހިންގެ ނަސީބު ރަގަޅުކަމުން ޗައިނާ އަތްދަށުން ސަލާމަތްވެވިއްޖެ.
ވަހީދު
31 July 2022
ލޯނެއް ނުދެއްކިގެން އެހެން ގައުމެއްގެ ބިން ނުނަގާނެ. މޮޔަވާހަކަ ނުދައްކަބަލަ.
ކިއުޓީ
31 July 2022
ތިހިރަ އިންޑިއާ ބޭންކުން ރާއްޖޭގެ ކިތައް ރިސޯޓު އަތުލައިފިކަން އެނގޭތަ ބުރޯއަށް.
ރަދީފްއޮފިޝަލް
01 August 2022
ކަލެއަށް ލިބުނީ އަހަރެން ލައި ބާވެފަ އޮތް ޖިންސް ދޯ.ލަދު ކޮބާ މީހުންގެ ނަން ވަގަށް ނަގައިގެން ބޭނުންކުރާއިރު.ވ.ވެދުން
ށަވިޔަނި
01 August 2022
ވަހީދޫ، ޚަބަރު ކިޔާލިންތަ؟
ބީރުބޮލު ވަޒީރު
31 July 2022
އިންޑިޔާ އިންޑިއާގެ ސައިޒު ދަސްކުރޭ. ބޮޑު އާބާދީއަކާއި ގުދުރަތީ ވަސީލަތްތައް ހުއްޓަސް ކޮރަޕްޝަނާއި ޖާހިލުކަމުން ސަލާމަތް ނުވެވިފަ ތިބި ބައެއް. ޗައިނާގެ މަނަވަރާދިމާއަށް ނުރުހުމުގެ ލޮލޮން ބަލާލިއަސް ލޯ ކޮނެލާނެ. ވިސްނައިގެން ތިބޭތި
ޖޯޖް
31 July 2022
ޢެހެންވެދޯ ލަންކާއަށް ޗައިނާެަށްވުރެ ބޮޑު އެހީއެއް ދެމުންއެދަނީ ދިބުނާމުއްސަނދި ޗައިނާ އެދަނީ ލަންކާ ބަނގުރޫޓު ކުރަމުން
ޟިމާ
31 July 2022
އިންޑިއާއިން ލަންކާއަށް ހަތަރު ބިލިއަން ޑޮލަރު!!!؟؟ ހާދަ ގަބޫލުކުރަން ދަތި ވާހަކައެއް. ތީހަމަ ތެދެއްބާ؟
އަބްޑޫޅް
31 July 2022
އެމީހުން އަތުގަ ހަތަރު ޑޮލަރު އެބައޮތްތަ؟
ޖޯޖް
31 July 2022
ޢާ ތެދެއް ލަންކާ ދަރުވާލީ ޗައިނާއިން
ށަވިޔަނި
31 July 2022
އިންޑިއާ ކަންބޮޑުވާނެ ކަމެއްނެތެވެ. މުޅި ދުނިޔެވަށައިގެން އެމެރިކާގެ މަވަރުތަކެވެ. އެއާކްރާފްޓް ކެރިއަރެވެ. އެކަކުވެސް އަނގައިން ނުބުނެއެވެ. އިންޑިއާވެސްމެއެވެ. އަނގައިންބުނިމީހުން އެމެރިކާވަނީ މަރާލާފައެވެ. މިދުނިޔޭގަތިބީ ހުސް އެމެރިކާގެ އަޅުންނެވެ. އެމެރިކާގެ އަޅުވެތިކަމުން ސަލާމަތްވެފަތިބި މަދު ގައުމުތަކުގެ ތެރޭ ޗައިނާ ހިމެނޭތީ އަހަރެން އުފާކުރަމެވެ.
ޢަހުމަދު މުހައްމަދު
31 July 2022
މުސްލިމުން އެންމެ ގިނަ އަޅުން ގެން ގުޅެނީ.ދީނުގަ ހުއްދަ ކަމެއް އެއީ
ކަކުނިބޯ
31 July 2022
އެމެރިކާޔަކާ ނުކުޅެވޭނެ.