ދުނިޔެ

ސަދްރުގެ ސަޕޯޓަރުން އަނެއްކާވެސް ޕާލަމެންޓް ހިފައިފި

ޖުލައި 30، 2022؛ އިރާގުގެ ވެރިރަށް ބަޣުދާދުގެ ގްރީން ޒޯންގެ ތެރޭގައި ހުންނަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރޭގައި، މުގްތަދާ އައް ސަދްރުގެ ސަޕޯޓަރުން ހަރަކާތްތެރިވަނީ. --އޭއެފްޕީ

31 ޖުލައި 2022 - 11:47

6 comments

އިރާގުގެ ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައް ސަދްރަށް ތާއީދުކުރާ އާންމު ރައްޔިތުންގެ ގިނަ ބަޔަކު، އިއްޔެ އަނެއްކާވެސް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެގަނެ، އެ ތަން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.

ސަދްރަށް ތާއީދުކުރާ އާންމުންގެ ގިނަ ބަޔަކު މިދިޔަ ބުދަ ދުވަހު ވެސް ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެގަތެވެ. ވެރިރަށް ބަޣުދާދުގައި ސަލާމަތީ ކަންތައް ވަރުގަދަކޮށްފައި އޮންނަ ގްރީން ޒޯންގެ ތެރެއަށް، އާންމުން ވަދެގަތީ، ގްރީން ޒޯންގެ ބޭރުގައި ތިބި ސިފައިންނާއި ފުލުހުންގެ ސަފުތައް ފޫއަޅުވާލައިފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް، ސަދްރުގެ ސަޕޯޓަރުން އެ ދުވަހު ވަދެގަތީ ބޮޑުވަޒީރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަޝްވަރާތައް އެ ދުވަހުގެ ޖަލްސާ އަށް ތާވަލުކޮށްފައި ވަނިކޮށެވެ. ގާނޫނު ހަދާ މަޖިލީހުގައި މިހާރު އަޣުލަބިއްޔަތު އޮތީ، އީރާނަށް ތާއީދުކުރާ ޝީއީ ޕާޓީތަކުގެ ގުޅިފައިވާ ކޯލިޝަނަށް ކަމަށްވާތީ، ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރާނެ ކަމަށް އަޑު ފެތުރިފައި އޮތީ، އެ ކޯލިޝަންގެ ކެންޑިޑޭޓް މުހައްމަދު ޝިޔާއު އައްސޫދާނީ އެވެ.

ޖުލައި 30، 2022؛ އިރާގުގެ ވެރިރަށް ބަޣުދާދުގެ ގްރީން ޒޯންގެ ތެރޭގައި ހުންނަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވަދެގަތުމަށް، މުގްތަދާ އައް ސަދްރުގެ ސަޕޯޓަރުން މަސައްކަތް ކުރާއިރު، ސަލާމަތީ ބާރުތަކުން އެކަން ހުއްޓުވުމަށް ކަރުނަގޭސް ޖަހަނީ. --އޭއެފްޕީ

މުގްތަދާ އައް ސަދްރުގެ ސިޔާސަތަކީ، އީރާންގެ ނުފޫޒުން މިނިވަންވެފައިވާ ސަރުކާރެއް އިރާގުގައި ގާއިމުކުރުމެވެ. ސަދްރުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ވަދެގަތީ، އީރާންގެ ނުފޫޒުގެ ދަށުގައި ހުންނަވާ ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެގަތުމަށް އިއްޔެ މަސައްކަތް ކުރި މީހުންނާއި ސަލާމަތީ ބާރުތަކުގެ މެމްބަރުންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި 125 މީހަކު ޒަޚަމްވި އެވެ. އޭގެ ތެރޭގައި އާންމުންގެ 100 މީހަކާއި ސަލާމަތީ ބާރުތަކުގެ 25 މީހަކު ހިމެނެ އެވެ.

ޑިޕްލޮމެޓިކް މިޝަންތަކާއި ސަރުކާރުގެ މުހިންމު އޮފީސްތައް ހުންނަ ގްރީން ޒޯންގެ ތެރެއަށް، ސަދްރުގެ ސަޕޯޓަރުން ވަދެގަތީ ގަލާއި ފުޅި ފަދަ ތަކެތިން، ސަލާމަތީ ބާރުތަކުގެ މީހުންނަށް ހަމަލާ ދިނުމަށް ފަހު އެވެ. އެމީހުން މައިތިރި ކުރުމަށް ސަލާމަތީ ބާރުތަކުން ބޭނުންކުރީ ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެގަތް އާންމުން ރޭ ވެސް ތިބީ އެ އިމާރާތުގެ ތެރޭގަ އެވެ. ޖަލްސާ ކުރާ މާލަމާއި އެހެން ކޮޓަރިތަކުގެ ތެރެއަށް ވަދެ އުޅުނު މީހުން ރޭ ނިދީ ވެސް އެ ތަނުގެ ތެރޭގަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ތިބި އާންމުން، އެއްވެސް ޝަރުތަކާ ނުލައި އެތަނުން ނުކުތުމަށް، ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ އިއްޔެ ވަނީ ގޮވާލައްވައިފަ އެވެ. އަދި ސަރުކާރުގެ އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކަށް ބޮޑުވަޒީރު އިއްޔެ ވަނީ އަންގަވައިފަ އެވެ.

ޖުލައި 30، 2022؛ އިރާގުގެ ވެރިރަށް ބަޣުދާދުގެ ގްރީން ޒޯންގެ ތެރޭގައި ހުންނަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރޭގައި، މުގްތަދާ އައް ސަދްރުގެ ސަޕޯޓަރުން ނިދަނީ. --އޭއެފްޕީ

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގައި ހުރި އަލް ޖަޒީރާގެ ރިޕޯޓަރު ބުނާ ގޮތުގައި، މިފަހަރު އެ އިމާރާތުގެ ތެރެއަށް ވަދެ ތިބި މީހުން ތިބީ، އެ މީހުން ބޭނުންވާ ކަންތައް ހާސިލުވުމުގެ ކުރިން އެ އިމާރާތުން ނުކުންނަ ގޮތަކަށް ނޫނެވެ. އެމީހުން ގޮވާލަމުން ދަނީ ކޮރަޕްޝަނުގެ ތުހުމަތުން ސަލާމަތްވެފައިވާ ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް އައްޔަންކޮށް، އީރާނުގެ ނުފޫޒުން އެއްކިބާވެފައިވާ ސަރުކާރެއް އުފެއްދުމަށެވެ.

ބޮޑުވަޒީރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ވޯޓުލުން ތާވަލު ކޮށްފައި އޮތީ، އިއްޔެ ބާއްވަން ހަމަޖެއްސި ޖަލްސާގަ އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު، ސަދްރުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ވަދެގަތުމާއެކު، ބުދަ ދުވަހުގެ ޖަލްސާ އާއި އިއްޔެ ބާއްވަން އޮތް ޖަލްސާ ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. ސަދްރުގެ ސަޕޯޓަރުން ބުނާ ގޮތުގައި ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރަން އުޅޭ މުހައްމަދު ޝިޔާއު އައްސޫދާނީ އަކީ، ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީގެ ހިޔަންޏެކެވެ. ނޫރީއަކީ ބޮޑުވަޒީރުކަމުގައި ހުންނެވި ދެ ދައުރުގައި، ކޮރަޕްޝަންގެ އަމަލުތައް ހިންގަވައި ގައުމު ބަނގުރޫޓު ކޮށްލެއްވި ބޭފުޅެއްކަމަށް، ސަދްރުގެ ޕާޓީން ތުހުމަތުކުރެ އެވެ.

6 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޅީމު އިދުރީސް

31 July 2022

ޙުރިހާ ދެރައެއް އާންމު ރައްޔިތުނައް! އަޅުގަނޑުގެ އުންމީދަކީ އިޜާނުގަ ދެބައި ލަސްކަރު އުފެދި ހަގުރާމަކޮއް އަމިއްލަޔައް އިރާނު ބަލިކަށި ނުވުން! އެންޖެނަމަ މިލުޓުރީގޮތުން އެސަރަހައްދާ ދުނިއެ ބެލެންސް ނުވުމުގެ އިތުރުން މިދަނޑިވަޅު ޔޫރަފައް އިރުރު ރެފިއުޖީން އެތެރެ ވާންފަށައިފިނަމަ ޔޫރަފު އެއްކޮއް ބަނޑުޖެހި ރާއްޖޭގެ ޓުައަރިޒަމް އެއްކޮއް ފުނޑޭނެތި

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

01 August 2022

ސަލީމު ދަސްކޮށްބަލަ ފުރަތަަމަ އިރާނާއި ޢިރާގު. ހަމަނުޖެހުން ހިނގަނީ ޢިރާގުގަ. ތަޅާފޮޅުމެއް ހިނގިޔަސް ހިނގާނީ ޢިރާގުގަ. އިރާނަކު ނޫން. ސޮދުރުގެ ރިމޯޓު އޮންނާނީ ސައުދީ ބުރޯ އަތުގަ. ސަޢުދީ ބުރޯގެ ރިމޯޓު އޮންނާނީ އިޒްރޭލްގެ ބޮޑުވަޒީރު އަތުގަ. ފުރަތަަމަ ދުނިޔޭގެ ޕޮލިޓިކުސް ދަސްކުރޭ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

01 August 2022

އޮޅުމާއި ނޭގުމުގެ ތަފާތު ދަސްރުމުގެ އިތުރުން ދުނީއޭގެ ފޮލިޓިކު ދަސްކޮއް ބީރުބޮލު ވަޒީރާ އެއްހަމަޔެއްގަ ހިހާލެވޭވަރުވޭތޯ އަބަދުވެސް މަސައްކުރަން އެކަމަކު އަދި އެވަރު ނުވާތި ވާގޮތް! އެމަކު އެގިފަވާގޮތުން އަރަބި ފުރިންސުންގެ މޮޓޯއަކީ ދުނީއޭގެ އެހެން ރަސްރަސްކަލުންކުރާ އުފާނުކުރެވޭނަމަ ކީއްކުރާ ފައިސާއެއް އެގޮތުން ސައުދީއަށް ވެސްވަރައް ބޮޑެތި ބަދަލު ތަކެއްގެނެސްފި

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

31 July 2022

ސަދުރަކީ ފެންނަން ހުރި ފޮޓޯއެއް. މުގުލުގައި ތިބީ ޢަރަބި ޕުރިންސުން. އެމެރިކާ އިނގިރޭސި ވިލާތް. އިޒްރޭލް. ފަންޑުކުރަނީ ސަޢުދީ ޕުރިންސު. ޢިރާޤުގެ މެޖޯރިޓީއަކީ ޝީޢީން. ސައްދާމްގެ ވެރިކަން ވައްޓާލީމަވެސް ދުނިޔޭގެ ތަންދޮރު ދަންނަ މީހުން އޭރުވެސް ބުނި އިރާގު ދެން އޮންނާނީ އިރާނުގެ ބާރުގެ ދަށުގައޭ. ސަޢުދީގެ ބާރު އޮންނަނީ ޔޫ އޭ އީ ގަތަރު ޢަރަބި ގަލްފުގެ ގައުމުތަކުގަ. ބައި ބަހަނީކަން އެނގޭ.

The name is already taken The name is available. Register?

އެއްވަނަ

31 July 2022

އީރާންވެއްޖެ ތި ސަދުރުއަށް ފިލާވަޅެއްދޭން އީރާންގެ ނުފޫޒުނެތްނަމަ އިޒްރޭލާއި އެމަރިކާގެ ނުފޫޒުގަދަކުރާނެ

The name is already taken The name is available. Register?

ގުލްޒާރު

31 July 2022

ޞަދުރުގެ ކަންތައް މިދަނީ މާމައްޗަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454